ބިދޭސީ މަސައްކަތު މީހުން ގެނައުމަށް ދޫކޮށްފައިވާ ކޮންމެ ކޯޓާ އަކަށް އަންނަ އަހަރުން ފެށިގެން 2000 ރުފިޔާގެ އަހަރީ ފީއެއް ދައްކަން ޖެހޭ ގޮތަށް ސަރުކާރުން ނިންމައިފި އެވެ. މީގެ ކުރިން ކޯޓާ އަކަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.
މިކަން ހާމަކުރައްވާފައިވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ތަންފީޒު ކުރުމަށް ނިންމާފައިވާ ކަންކަމާ ގުޅޭ ގޮތުން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އަންނަ ޖެނުއަރީ 1 އިން ފެށިގެން ކޮންމެ ކޯޓާ އަކު އަހަރަކު އެއްފަހަރު ދައުލަތަށް އަހަރީ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.
އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި ދައްކާ އަދަދުވެސް ޖެނުއަރީ 1 އިން ފެށިގެން ބޮޑުކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން މިހާރު 250 ރުފިޔާ ނަގާ ވޯކް ވިސާ ފީ އަށް ދެން ދައްކަން ޖެހޭނީ 350 ރުފިޔާ އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދެން ގެންނަ ބަދަލެއްގެ ގޮތުން އެކިއެކި ޕްރޮޖެކްޓްތަކަށް ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ ކުރިއަށް އޮތް ތަނުގައި ދޫކުރާނީ ކޯޓުގައި އެ މަސައްކަތުގެ އެގްރިމަންޓް ރަޖިސްޓްރީ ކުރުމަށް ފަހު އެވެ. މިނިސްޓްރީން މިހާރު ޕްރޮޖެކްޓްތަކަށް ކޯޓާ ދޫކުރަނީ އެގްރިމަންޓްތައް ބެލުމަށް ފަހު އެވެ. އެހެން ނަމަވެސް އެ ހުރިހާ އެގްރިމަންޓްތަކެއް ބެލުމަށް ފަހު ކޯޓާ ދޫކުރެވޭނެ ރިސޯސަސް މިނިސްޓްރީގައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ހުރިހާ އެއްބަސްވުންތައް ބެލުމަށްފަހު ކޯޓާ ދޫކުރާނަމަ ކޯޓާ ހަމަޖެހުމަށް ހަމަސް ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިގޮތަށް މިކަން ކުރަން ނިންމީ ބައެއް ފަރާތްތަކުން މިކަމުގައި މަކަރު ހަދަމުން ދާކަން ފާހަގަކުރެވިފައި ވާތީ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ބިދޭސީންގެ ޑިޕޮސިޓް ފައިސާ ވެސް ވަކި ޕަސެންޓް އަކަށް ބަހައްޓާ ގޮތަށް ވަނީ ނިންމާފަ އެވެ. މިނިސްޓަރު ފައްޔާޒް ވިދާޅުވީ ފޮނުވާލަން ޖެހޭ ބިދޭސީން ވެސް އިންޝުއަރެންސް ސްކީމެއްގެ ދަށުން ފޮނުވާލެވޭނެ ގޮތްތަކެއް މިހާރު ބަލަމުންދާ ކަމަށެވެ.