ރާއްޖެއިން ސިރިއާގައި ހިނގާ ހަނގުރާމަތަކަށް ގޮސް އެ ގައުމުގެ ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ތިބި ދިވެހިން ކުރިއަށް ދެމަސް ތެރޭ ރާއްޖެ ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުއްވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމީހުން ރާއްޖެއަށް ގެނެސް އަނބުރާ މުޖުތަމައު ނެރުމުގެ ކުރިން އެމީހުން ބައިތިއްބާނެ ތަނެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ސީރިޔާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ދެ ގައުމަކާއި ގުޅިގެން ކުރިއަށް ގެންދާކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެމީހުން އެނބުރި އައިސް މުޖުތަމައުއަށް ދޫކޮށްލުމަކީ ރަނގަޅުގޮތަކަށް ނުވާތީއާއި އެހެންގައުމުތަކުގެ ވެސް ލަފާގެ މަތިން އެމީހުންނަށް ބޭނުންވާ ފަރުވާދީ މުޖުތަމައުއަށް ނެރުމުގެ ކުރިން އެމީހުން އަހުލުވެރިކުރަން ބައިތިއްބާނެ ތަނެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެމަހެއްހާ ދުވަސްތެރޭ ނިންމާލެވެނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ރައީސް މިއަދު ވިދާޅުވީ ސީރިއާގެ ކޭމްޕުތަކުގައި ތިބި ބައެއް ކުދީންގެ ރައްޔިތުކަން ބަލަންޖެހިފައިވާ ކަމަށާއި އެކަމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް 61 ދިވެހި ފިރިހެނުން ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައި ވީ ނަމަވެސް އެ ފިރިހެނުންނާއެކު ދިއަ އަންހެނުންނާއި ކުޑަކުދިންގެ އަދަދު ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މީގެ އިތުރުން މިދިޔަ އޭޕްރީލް މަހުވަނީ ސީރިއާގެ އިރު އުތުރުގައި އޮންނަ އަލް-ހޯލް ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާ ދިވެހިންކަމަށް ބުނެ އެ މީހުންގެ މައުލޫމާތުތައް ހިމެނޭ ލިސްޓެއް ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ލިސްޓުގައި ޖުމްލަ 33 މީހެއްގެ ނަން ވަނީ ހާމަކޮށްފައި ވެއެވެ.