ކެމިކަލް ރައްކާކުރާ ގުދަންތައް މީހުން ނޫޅޭ ތަންތަނަށް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފި އެވެ.
މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓެވުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު އަންގަވާފައިވަނީ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދުލުވުމުގައެވެ.
މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން ވަނީ މާލޭގައި ހުރި އެފަދަ ގުދަންތައް ބަލައި ދިރާސާ ކުރެއްވުމަށްފަހު މާލޭގައި ހުރި އެކިބާވަތުގެ މުދާ ގުދަންކުރާ ތަންތަނާބެހޭ ގޮތުން ވަރަށް ތަފުސީލީ މައުލޫމާތު ތަކެއް ހިއްސާ ކުރައްވާފައެވެ.
މުލީއާގޭގައި މިއަދު ބޭއްވެވި މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ކަމޭބެހޭ ފަރާތްތަކަށް މިގޮތަށް އެންގެވީ މާލޭގައި ހުރި ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަން ކުރަމުން ގެންދާ ގޮތާއި މިހާރު އެފަދަ ސާމާނު ގުދަން ކުރާ ތަންތަނާ އެފަދަ ތަންތަނުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މި ބައްދަލުވުމުގައި އެމްއެންޑީއެފުން ވަނީ މާލޭގައި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ 126 ގުދަން ހުރިކަން ފާހަގަ ކުރައްވާފައެވެ. ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަންކުރުމާއި ގެންގުޅުމާއި ނައްތާލުމާބެހޭ އެއްވެސް ކަހަލަ ގަވާއިދެއް ނެތުމުން އެފަދަ ހަރުދަނާ ގަވާއިދެއް މިހާރު އެކުލަވާލައްވައި ގެޒެޓްކުރުމުގެ މަރުހަލާގައި ވާކަންވެސް އެމް.އެން.ޑީ.އެފުން މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ރޭ ހިނގާދިޔަ ހިތާމަވެރި ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީފޯރުކޮށްދިނުމާއި އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ހާލުގައި ޖެހުނު އާއިލާތަކުގައި ތިބި ކިޔަވާ ކުދިންނަށް މާދަމާ ސްކޫލަށް ދެވޭވަރަށް ކަންކަން ހަމަޖެއްސެވުމަށް ވެސް ކަމާބެހޭ ފަރާތްތަކަށްވެސް ރައީސް ވަނީ އަންގަވާފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސަރަހައްދުގައި މުދާ ގުދަން ކުރުމުގައި ސަރުކާރުން ގެންގުޅުއްވާ މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭނާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އަދި މާލެއިން އެފަދަ ގުދަންތައް ބޭރުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ އަދި އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރޭގެ ހާދިސާއާއި ގުޅިގެން މީހުން ހުސްކުރެވިފައިވާ 43 ގޭގެ ހާލަތު ވަޒަންކުރުމަށްޓަކާ އިންޖިނިއަރިންގ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމުގައި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެފައިވެއެވެ. އަދި އެގެތަކަށް މީހުން ވަނުމުގެ ހުއްދަ ދެއްވާނީ އެ ގެތަކުގެ ހާލަތު ވަޒަންކޮށް ސާފުކުރުމަށްފަހުގައި ކަމަށްވެސް އެސެންޓަރުން ހާމަކުރައްވާފައިވެއެވެ.