• ބަދަލު ގެންނަނީ ޖަލާލުއްދީން ސްކޫލަށާއި ހދ އޭއީސީއަށް
• ބެލެނިވެރިންގެ ކަންބޮޑުވުން އިންތިހާއަށް
• މިނިސްޓްރީއަށް ބެލެނިވެރިންގެ އިތުބާރެއް ނެތް
އަންނަ އަހަރުން ފެށިގެން ޖަލާލުއްދީން ސްކޫލުގައި ގުރޭޑް 1 ން 12 އަށް ކިޔަވައިދީ، އޭއީސީގައި 9 އަކަށް ކިޔަވައިދޭން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ. އެކަން ރޭވިފައިވާގޮތް ބެލެނިވެރިންނާ ހިއްސާކުރުމަށް މިދިޔަ ހަފްތާ ބަންދުގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އާއި އެޗް އާރު ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ރަޝީދު އަދި އެޑިއުކޭޝަން އޮފިސަރ މާޖިދާ އިބްރާހިމް ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެން ދެ ސްކޫލުގެ ބެލެނިވެރިންނާ ވަކިން ބައްދަލުކޮށްފަ އެވެ.
މިބައްދަލުވުމުގައި މިނިސްޓްރީގެ ޓީމުން ވިދާޅުވީ އެއްދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގުރާމްގެ ތެރެއިން އަންނަ އަހަރު ހދ އަތޮޅު ތައުލީމީ މަރުކަޒު އެއްދަންފަޅިއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަން ކުރެވެން އަންނަނީ ކައިރީގައި އޮތް ސަނާވީ އަދި މަތީ ސާނަވީއަށް ހާއްސަ ޖަލާލުއްދީން ސްކޫލްގައި ޕްރައިމަރީ ގުރޭޑްތަކަށް ކިޔަވައިދޭން ފަށައިގެން ކަމަށެވެ.
މިހާތަނަށް ޕްރައިމަރީ ގުރޭޑްތަކަށް ކިޔައިދެމުންދިޔަ ހދ އޭއީސީއަކީ އެންމެ ދަރިވަރުން ގިނަ އެއް ސްކޫލެއްވެ އެވެ. 1400 އެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ އެ ސްކޫލްގައި ކިޔަވައިދެމުންދަނީ ދެ ދަންފަޅިއަށް ބަހާލައިގެންނެވެ. އެ ސްކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލައަކީ ފާތިވެގެންދިޔަ 7 ވަރަކަށް އަހަރުވެސް ބޮޑު މައްސަލައެކެވެ. އެކަމަށް އަދިވެސް ވަނީ ހައްލުނުލިބި އެވެ.
ބެލެނިވެރިންނާ ބައްދަލުކޮށް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ، މިހާރު ވަނީ ދެ ސްކޫލަށް ދަރިވަރުންނާއި ޓީޗަރުން ބަހާލާފަ ކަމަށެވެ. އެގޮތުން އަންނަ އަހަރު އޭއީސީގައި 9 ފަށާއިރު އެސްކޫލަށް ބޭނުންވާނެ ސާނަވީ ޓީޗަރުން ޖަލާލުއްދީން ސްކޫލުން ގެންނަ ހަމަޖެހިފައިވާއިރު ޖަލާލުއްދީންނަށް ބޭނުންވާނެ ޕްރައިމަރީ ގުރޭޑްތަކުގެ ޓީޗަރުން ގެންނާނީ އޭއީސީން ކަމަށެވެ. އަދި މިހާރު ދެ ސްކޫލަށް ބޭނުންވާނެ ޓީޗަރުންނާއި ދަރިވަރުން ބަހާލާފައިވާނެ ކަމަށް މިނިސްޓްރީ ޕީއެސް އަހުމަދު އަލީ ވިދާޅުވެފައިވާކަމަށް ބެލެނިވެރިން ބުނެ އެވެ.
ޖަލާލުއްދީން ސްކޫލްގެ ބެލެނިވެރިންނާ އެކި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ސުވާލުތަކަށް ހުޅުވާލުމުން ބެލެނިވެރިންގެ ފަރާތުން ގިނަ ސުވާލުތަކެއް އަމާޒުކުރިކަމަށް ބެލެނިވެރިން ބުންޏެވެ. އެހެންކަމުން ބެލެނިވެރިން އަމާޒުކުރި ހުރިހާ ސުވާލުތަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ވަނީ ޖަވާބުދެއްވި ކަމަށެވެ. އަދި އެ ބައްދަލުވުން ނިންމާލީ ބެލެނިވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ. ބެލެނިވެރިންގެ ކަންބޮޑުވުމަކީ ޕްރައިމަރީ ގުރޭޑްތައް ފަށާއިރު އެ އުމުރުފުރާގެ ދަރިވަރުންނަށް ބޭނުންވާނެ ވަސީލަތްތައް ގާއިމުވެނެތުމުންނެވެ.
ބެލެނިވެރިޔަކު ބުނީ ބެލެނިވެރިން އުފުލި ކަންބޮޑުވުމަކީ ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތައް ސްކޫލުތަކުގައި ގާއިމުނުކޮށް ހަމައެކަނި އެއްދަންފަޅިއަށް ބަދަލުކުރަން މިނިސްޓްރީން މަސައްކަތް ކުރާތީ ކަމަށެވެ.
" ޖަލާލުއްދީންގައި ނެތް ޕްރައިމަރީ ގުރޭޑްތަކަށް ބޭނުންވާ އެއްވެސް ވަސީލަތެއް. އޭއީސީއަކުން ނެތް މަތީ ގުރޭޑްތަކަށް ބޭނުންވާ ވަސީލަތެއް. ހަމައެކަނި ޓީޗަރުން ބަދަލުކުރުމަކުން ނުވާނެ. މިހާރަކު ކުރިން ކިޔަވައިދޭ ގޮތަކަށް ނޫން ދޯ ކަންކަންތައްތައް ކުރަނީކީ." ބެލެނިވެރިޔަކު ބުންޏެވެ.
ހދ އޭއީސީގައި ބޭއްވި ބައްދަލުވުމުގައިވެސް ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވި އެވެ. ވަރަށް ހޫނުކޮށް ދިޔަ އެ ބައްދަލުވުމުގައިވެސް ބެލެނިވެރިން ކުރި ސުވާލުތަކަށް މިނިސްޓްރީގެ ބޭފުޅުން ޖަވާބު ދެއްވި އެވެ.
މިބައްދަލުވުންތަކުގައި ބައިވެރިވި ބެލެނިވެރިން ބުނީ ދަރިވަރުންނަށް ބޭނުންވާނެ ވަސީލަތްތައް ދެ ސްކޫލުގައިވެސް ގާއިމުކުރާނެ ކަމަށް މިނިސްޓްރީގެ ޕީއެސް ވިދާޅުވިކަމަށެވެ. މިދަތުރަކީ އެކަމަށް ގެންނަ ޖެހޭ ބަދަލުތައް ގެނައުމަށްޓަކާ ކުރެއްވި ދަތުރެއްކަމަށްވެސް ޕީއެސް ވިދާޅުވިކަމަށް އެ ބެލެނިވެރިން މައުލޫމާތުދެ އެވެ.
އެކަމަކު މިނިސްޓްރީގެ އެ ވާހަކަތައް ބެލެނިވެރިން ގަބޫލެއް ނުކުރެ އެވެ. ބެލެނިވެރިޔަކު ބުނީ ވަސީލަތްތައް ގާއިމުކުރާނެކަމަށް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވިޔަސް މިހާތަނަށް އެ ބޭފުޅުން ކަންތައްތައް ކުރައްވާފައިވާގޮތަށް ބަލާއިރު އެކަން ގަބޫލުނުކުރެވޭ ކަމަށެވެ. ސަބަބު ދައްކަމުން އެ ބެލެނިވެރިޔާ ބުނީ ފައުންޑޭޝަންގެ ގުރޭޑްތައް ސަރުކާރު ސްކޫލުތަކަށް ބަދަލުކުރިއިރުވެސް އެޑިއުކޭޝަނުން އެ ދަރިވަރުންނަށް ވަސީލަތްތައް ގާއިމުކޮށްދޭނަމޭ ބުނެ އެކަން ނުކުރާ ކަމަށެވެ. އޭނާ ބުނީ އެ ދަރިވަރުންނަށް ބޭނުންވި ވަސީލަތްތައްވެސް ސްކޫލުތަކުގައި ގާއިމުކުރީ ބެލެނިވެރިން "ފެލައިގެން" ކަމަށާއި އެހެންކަމުން މިނިސްޓްރީން ދައްކާ ވާހަކަތައް ގަބޫލެއް ނުކުރާ ކަމަށެވެ.
އޭނާ ބުނީ މިނިސްޓްރީން ގެންނަ ބަދަލާ ބެލެނިވެރިން ދެކޮޅު ނޫން ކަމަށާއި ނަމަވެސް ބަދަލުގެންނަ ޖެހޭނީ ވަސީލަތްތައް ގާއިމުކޮށްފަ ކަމަށެވެ. އޭނާ ބުނީ އޭއީސީގައި ގުރޭޑް 9 ފަށާއިރު އެތަނުގައި ލެބްތަކެއްވެސް ނެތް ކަމަށެވެ. މީގެ ކުރިން 8 އުފެއްދިއިރުވެސް މިނިސްޓްރީން އެ ވަސީލަތްތައް ގާއިމުކޮށްދެއްވާނެކަމަށް ވިދާޅުވެ މިއަދާހަމައަށްވެސް އެކަން ކޮށްފައިނުވާކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ.
ޕްރައިމަރީ ގުރޭޑްތައް ޖަލާލުއްދީން ސްކޫލްގައި ފަށަން ނިންމާފައިވާއިރު އެތަނުގެ ކުލާސް ރޫމްތަކަށާއި ފާހާނަތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަ ޖެހޭނެ ކަމަށާއި އެ ސްކޫލަކީ ކުޅޭ ބިމެއްވެސް އޮންނަ ތަނެއް ނޫންކަމުން ހުރިހާކަމެއް ބެލެނިވެރިން ފެލައިގެން ކުރުން އެއީ ވަރަށް ބޮޑު ގޯހެއްކަމަށް ބެލެނިވެރިޔަކު ބުންޏެވެ.