ރާއްޖެއާއި އިންޑިއާއާ ދެމެދު ފަށާ ކާގޯ ފެރީ ނިޒާމުގެ ހިދުމަތް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ފެށޭވަރުވާނެކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެ އެވެ. ރާއްޖެއާއި އިންޑިޔާއާ ދެމެދު ފަށަން ހަމަޖެހިފައިވާ ކާގޯ ފެރީގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މާލެ، ކުޅުދުއްފުށި އަދި އިންޑިޔާގެ ކޮޗިންނާ ދެމެދު އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދު ފަށާ ކާގޯ ފެރީ ނިޒާމުގެ މަސައްކަތް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށާއި އަދި އެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ.
އެގޮތުން ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ ޓީމެއް ރާއްޖެ އައިސް ޑީޓެއިލް އެސެސްމެންޓެއް ހަދައި މި މަސައްކަތުގެ ފައިނަލް ރިޕޯޓުވެސް ތައްޔާރުކޮށްފައިވާކަމަށް ސަފީރު ވިދާޅުވި އެވެ.
ރާއްޖެއާއި އިންޑިއާ ދެމެދު ކާގޯ ފެރީ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިދިޔަ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. އެރަސްމިއްޔާތުގައި އިންޑިޔާގެ ބޮޑުވަޒީރުއާއެކު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމު މިއަދު އޮތް ހިސާބަށްވުރެ ބޮޑަށް ވަރުގަދަކުރުމަކީ ދެ ގައުމަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.
ކޮޗިންއާ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ގާއިމުކުރެވިގެންދިޔުމުން ވިޔަފާރި އާއި ފަތުރުވެރިކަން އަދި މުދަލާއި މީހުން އެކުލެވޭ މުއާމަލާތްތަކުގައި ދެ ގައުމުގެ ދެމެދުގައި ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
"މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ފެރީ ސަރވިސް ބިޓްވީން އިންޑިއަން އެންޑް މޯލްޑިވްސް ގަވަރމަންޓްސް" ނަމުގައި ބަދަލު ކުރެވުނު މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެން ދިއުމާއި އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގު ވެސް ފަހިވެގެންދާނެ އެވެ.
ކުޅުދުއްފުށީ-ކޮޗިން ފެރީއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަށަން އިއުލާންކުރި މަޝްރޫއުއެކެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިން ވެއްޓުމުގެ ސަބަބުން އެކަން ނުވީކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ވަނީ ވިދާޅުވެފަ އެވެ. އެޖަލްސާގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އަލުން އެ މަޝްރޫއު ކުރިއަށްގެންދާނެ ކަމަށެވެ. ރައީސް އިބުރާހިމް މުހައްމަދު ސޯލިހްވެސްވަނީ އެމޭރުމުން ވާހަކަފުޅު ދައްކަވާފަ އެވެ.