އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޓެރަރިޒަމާއި ދީނީ ހަރުކަށިކަން ފެތުރުވުން ހުއްޓުވަން ފިޔަވަޅު އެޅުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވީ އ.ދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި "ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑަރޒް ޑައިލޮގް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަގައެވެ.
މި ކޮންފަރެސްންގައި ވާހަކަދައްކަވަމުން ރައީސް ވަނީ ހައްދުފަހަނައަޅާ ދިޔުމާއި ޓެރަރިޒަމް ހުއްޓުވުމުގައި ކުރިން ބޭނުންކުރަމުން ގެންދިޔަ ފިޔަވަޅުތަކުން މާ ބޮޑު ނަތީޖާއެއް ފެނިފައި ނުވާކަން ފާހަގަކުރައްވާފައެވެ. އެ ފިޔަވަޅުތަކަކީ އިޖްތިމާއީ އަދި ސިޔާސީ ކަންކަމުގެ ސަބަބުން ހައްދުފަހަނައަޅާ ދާންޖެހޭ ސަބަބުތަކަށް ރިއާޔަތްކޮށް އަޅާފައިވާ ފިޔަވަޅުތަކެއް ނޫންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިގޮތުން ރައީސް ސޯލިހު ވަނީ ނަސްލީ ތަފާތުކުރުމާއި އަނިޔާވެރިކަމާއި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހުރިހާ ސަރުކާރުތަކަކަށް ގޮވާލައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައުގެ އިތުރުން ޑިޖިޓަލް ޓެކްނޮލޮޖީގެ ހާއްސަ ކުންފުނިތަކާއި ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާއިން ނަފުރަތާއި އަނިޔާވެރިކަމަށް ހިތްވަރު ދިނުން ހުއްޓުވުމަށް ރާއްޖޭގެ އެއްބާރުލުން ދެއްވާނެކަމުގައެވެ. މިހާރުވެސް މިގޮތަށް އަމަލުކުރަމުންދާ ގައުމުތަކަށް ތައުރީފުކުރައްވައި ރާއްޖެއިން ވެސް އަނިޔާވެރިކަމާއި ހައްދުފަހަނައަޅައި ދިޔުމަށް މަގުފަހިވާ ޒާތުގެ ލިޔުންތަކާއި ޝާއިޢުކުރެވޭ އެފަދަ ތަކެތި ބޭނުން ނުކުރެވޭގޮތަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މަރާލާފައިވާ ރާއްޖޭގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ ހާދިސާއަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުތައް ނުހުއްޓުވުމުން ކުރިމަތިވާ ނޭދެވޭ ކަންތައްތައް ރާއްޖެއަށްވެސް ވަރަށް ގާތުން ތަޖުރިބާ ކުރެވިފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ އަމާޒަކީ އެފަދަ ހިތްދަތި ހިތާމަވެރިކަމެއް އެހެން ދިވެހި އާއިލާއެއް ތަހައްމުލުކުރަން ނުޖެހޭވަރަށް ކަންކަން ކަށަވަރުކުރުން ކަމުގައިވެސް ވިދާޅުވިއެވެ.
މި ކޮންފަރެސްންގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން ޓެރަރިޒަމް ނައްތާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، މިހާރު އަމަލުކުރަމުން ގެންދާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު އިސްލާހު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މި ބަދަލުތަކުގެ ސަބަބުން ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެޤާނޫނަށް މި ބަދަލުތައް ގެނައުމުން ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން ކޮންމެ މީހެއްގެ ވެސް އެންމެ އަސާސީ ހައްގު ކަމުގައިވާ މިނިވަންކަމުގެ ހައްގު ދެމެހެއްޓުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.