twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރައީސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ނަބީލާ އިސްމާޢީލް
Sep 24, 2019

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އެމެރިކާގެ ނިއު ޔޯކްގައި އޮތް އ.ދ.ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު މައިގަނޑު ގޮތެއްގައި ބައްޓަންވެފައި ވަނީ ރާއްޖެއާއި އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެހެން ގައުމުތަކާއި އެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ކަމުގައެވެ.

އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި މީގެ ކުރިން ދެ ގައުމުން އިގްތިސޯދީ ގޮތުން އެއްބަސްވެފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި މީގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށި ދެ ގައުމުގެ ބަދަހި ގުޅުމުގެ ފައިދާ ދިވެހިންނަށް ކުރަން ފަށާފައިވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރުވަނީ ރައީސް ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި މަހުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި އައި.އޯ.ސީ.ގެ ބައްދަލުވުމުގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވައި އެމަނިކުފާނުވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ދެގައުމުން ޝައުގުވެރިވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި އ.ދ.ގެ ޢާންމު މަޖިލީހަކީ މިކަން ކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355