twitterviber whatsapp telegramfacebookyoutube instagram
28th March 2024

ބުލޫ ޕްރޮސްޕެރިޓީ ކޯލިޝަން އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ނަބީލާ އިސްމާޢީލް
Sep 26, 2019

ނޫ އިގްތިސާދު ކުރިއެރުވާ ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބުލޫ ޕްރޮސްޕެރިޓީ އާއި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް އެއްްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއާ އެޖަމާއަތާ ދެމެދު އެއްބަސްވެ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިގްތިސާދީ ކުރިއެރުން ހާސިލު ކުރެވޭނީ އަދި ކުރަންވާނީ ވެސް ކަނޑުތަކާ ރައްޓެހި އާދަތަކެއްގެ ތެރެއިންކަމުގައެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނަކީ ނޫ އިޤްތިސާދު ކުރިއަރުވާ ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައިނަލްއަގްވާމީ ވިއުގައެކެވެ. ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ރާއްޖެއާ ދެމެދު ވެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އ.ދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދެވެ. ބްލޫ ޕްރޮސްފެރިޓީ ކޯލިޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ވައިޓް ފައުންޑޭޝަންގެ ޗެއަރމަން ޓެޑް ވައިޓްއެވެ.

ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ކުރާ މަސައްކަތް ފާހަގަ ކުރައްވައި ރައީސް ސޯލިހު ވަނީ އެޖަމާއަތުގެ ސިފަތަކާ އަސާސްތަކަކީ ރާއްޖެއިންވެސް ގަބޫލުކުރާ ކަންތައްތަކެއްކަމުގައި ސިފަކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން ހާމަކުރައްވައި އިގްތިސާދީ ކުރިއެރުން ހާސިލުކުރުމުގައި ކަނޑުތަކާ ރައްޓެހި އާދަތަކެއް ސައިންޓިފިކް ހޯދުންތަކުގެ އެހީގައި ހޯދައި އެގޮތަށް އަމަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ގުޅިގެން ދެމެހެއްޓިނިވި ދުރު ރާސްތާ ޕްރޮގްރާމެއް އެކަށައެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގެ މާހާއުލުގެ ދިރުންތައް ދެމެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ސަރަހައްދީ ކަނޑުތަކާއި ޖަޒީރާ ކަނޑުތަކާއި އެކްސްކްލޫސިވް އިކޮނޮމިކް ޒޯންވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ސައިންސާއި އިލްމީ ހޯދުންތަކުގެ އަލީގައި ރާއްޖޭގެ ކަނޑުފަޅުގެ ދިރާސާތައް ކުރުމަށް މަގުފަހިވެ އާންމު ފަރާތްތަކާއި ސައިންސްވެރިންގެ މަސައްކަތްތަކަށް ވެސް އެހީތެރިކަން ލިބޭނެއެވެ.

މި އެއްބަސްވުމުގައިވާ ގޮތުން 6 އަހަރު ދުވަހުގެ މުއްދަތަށް ތައްޔާރުކުރެވޭ މި ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖޭގެ ކަނޑުތަކުގެ 20 އިންސައްތައަކީ ރައްކާތެރިކުރެވިފައިވާ ކަނޑުގެ ސަރަހައްދުތަކަށް ހެދުމަށެވެ.

މީގެއިތުރުން އޭޝިޔާ ބައްރުގެ ކަނޑުގައި އުޅޭ ކަޅުބިލަމަހުގެ ރިޒާވް މެނޭޖްކުރުމަށް ސަރަހައްދީ އެއްބާރުލުން ހޯދަން މަސައްކަތް ކުރުމާއި ނޫ އިގްތިސާދު ކުރިއެރުވުމަށް ޕްރޮގްރާމެއް އެކުލަވާލައި ކަނޑުގެ ދިރުންތައް ދެމެހެއްޓުމުގައި ބަލަންޖެހޭ ކަންތައްތަކާއި އެއްގޮތައް އަމަލުކުރޭތޯ ބެލުންވެސް މިޕްރޮގްރާމުގައި ހިމެނެއެވެ.

މިބައްދަލު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުތަކާ ގުޅޭގޮތުން ސައިންސްވެރިން ހޯދާ ހޯދުންތަކުގެ އަލީގައި ކަނޑުފަޅުގެ ދިރުންތައް ދަމަހައްޓައި ކަނޑުތައް ބެލެހެއްޓުމުގައި ރާއްޖެއިން ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމުގައި ވިދާޅުވެފައެވެ. ރައީސް ވާހަކަ ގައި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ފަށާ މި މަސައްކަތަކީ ދެފަރާތައްވެސް ވަރަށް ފައިދާހުރި ގުޅުމަކަށް ވާނެކަމަށް އުންމީދުކުރައްވާކަން ފާހަގަ ކުރެއްވިއެވެ. އަދި ކަނޑުތަކުގެ ރައްކާތެރިކަމަކީ ރާއްޖޭގެ ގައުމީ މަސްލަހަތާއި ގުޅި ލާމެހިފައިވާ ކަމެއްކަމުގައި ވެސް އެމަނިކުފާނު ވާހަކަ ގައި ފާހަގަކުރެއްވިއެވެ.

ބްލޫ ޕްރޮސްޕެރިޓީ ފައުންޑޭޝަންގެ މަޤްސަދަކީ އެ ޖަމާއަތުގައި ބައިވެރިވެފައިވާ ޤައުމުތަކުން ގުޅިގެން ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ރައްކާތެރި ކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355