twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް 10،000 ރުފިޔާއަށް ބޮޑުކޮށްފި

Oct 15, 2019
2

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް 10،000ރ. އާ ހަމައަށް ބޮޑުކުރަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

އެނިންމުން ނިންމާފައިވަނީ މިއަދު ރައީސް އިބްރާހިމް ސޯލިހް، ޖެންޑާ މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ކެބިނެޓް މިނިސްޓަރުންނާއެކު ބޭއްވި މަޝްވަރާތަކަށް ފަހުއެވެ. އެ އުސޫލަށް ބަދަލުގެންނަން ޖެހުނީ، 2016 ވަނަ އަހަރު އެކަނިވެރި މަންމައިންނާއި ބަފައިންނަށް ދޭ އެލަވަންސްގެ އުސޫލަށް ބަދަލުގެނައުމުން ވަރަށް ގިނަ ބަޔަކު އެ އެހީން މަހުރޫމުވުންނެވެ.

މިގޮތުން މިއަދު ވަޒީރުންގެ މަޖުލީހުގައި މަޝްވަރާކުރެއްވުމަށްފަހު ގެންނަވަން ނިންމެވި ބަދަލުތަކުގެ ތެރޭގައި، ފަގީރުކަމުގެ ޙާލަތު ކަނޑައެޅުމުގައި މިހާރު ބޭނުންކުރާ މިނިމަމް ޔުނިޓަކީ، "ގޭބިސީ" (އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެން) ކަމަށް ބެލުމުގެ ބަދަލުގައި، ފަގީރުކަމުގެ ޙާލަތު ކަނޑައެޅުމުގައި ބަލާ މިނިމަމް ޔުނިޓަކީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ ޢާއިލާ ކަމުގައި ކަނޑައެޅުމަށް ނިންމެވުން ހިމެނޭކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށްފަހު މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން 3000 ރުފިޔާ ލިބޭގޮތަށެވެ. ނަމަވެސް މިއަދު ގެންނެވި ބަދަލުގައި މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދު 10،000 ރުފިޔާއަށް އިތުރުކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

އަދި މީގެ އިތުރުން މިހާރުގެ ހާލަތަށް ބަލައި "އިންކަމް ތްރެޝްހޯލްޑް" ކަނޑައަޅަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިންކަމުގައި ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ލިބެމުން ދިޔަނަމަވެސް އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިނަށް ދެވޭ އެލަވަންސްވެސް އެފަދަ މަންމައިންނާއި ބައްޕައިންނަށް ލިބޭގޮތަށް ހަމަޖެއްސެވުން ވެސް މި ނިންމުންތަކުގެ ތެރޭގައި ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355