ރާއްޖޭގައި އޮންނާނީ އިސްލާމް ދީން ކަމަށާ އިސްލާމް ދީނަށް ގޮންޖަހައި ރަސޫލާއަށް މަލާމާތްކޮށް އަދި އިސްލާމް ދީނުގެ ނަމުގައި ފިތުނަ ފަސާދަ އުފެއްދުމަށްވެސް އެއްވެސް ޖާގައެއް ނުދޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ދ ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ގައުމުގެ ތަރައްގީއާ ގުޅިފައިވާ އެންމެ މުހިންމުކަމަކީ އެގައުމެއް ހަމަޖެހުން ކަމަށެވެ. ރާއްޖޭގައި އިންސާފު ގާއިމުވެފައި އޮތުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ގާނޫނޫ އަސާސީން ލިބިދީފައިވާ މިނިވަންކަން އޮންނާނެ. އެއަކަށް އަޅުގަނޑުމެން ހުރަހެއް ނާޅަން. އެހެންނަމަވެސް ރާއްޖޭގައި ހަމަނުޖެހުމަށް ގޮވާލާ ގޮވާލުންތަކަށް އަޅުގަނޑުމެން ހުއްޓުވާނަން. އެއީކީއެއް އަޅުގަނޑުމެން ފުރުސަތު ދޭނެކަމެއް ނޫން." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ރާއްޖޭގައި އޮންނާނީ އިސްލާމް ދީންކަމަށާއި އިސްލާމް ދީނަކަށް ގޮންޖަހައި ބަދުބަސް ބުނެ، ރަސޫލާ އާ މަލާމާތްކޮށް، އެއީ ސަރުކާރުން ފުރުސަތު ދޭނެ ކަމެއް ނޫން ކަމަށެވެ. ހަމައެއާއެކީގައި ރައީސް ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި ފިތުނަ ފަސާދަ އުފެއްދުމަށްޓަކާވެސް އެއްވެސް ކަމެއް ކުރުމަކަށް ޖާގައެއް ނުދޭނެކަމަށެވެ.
ރައީސް މިމޭރުމުން ވާހަކަފުޅުދައްކަވާފައިމިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދިނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށްވުމުން ގިނަ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.