twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދެ ދަރީންގެ ރަންވަނަ: ފަހުރާއެކު ހެއްވާލި މަންމަ އާއި ބައްޕަ!

އަބްދުލް ވާހިދު ޙަސަން
Oct 18, 2019
4

އެއީ އުފާވެރިކަމާއެކު ކަރުނައިން ލޯތައް ތެތްމާލާނެ ވަގުތުކޮޅެކެވެ. ގުރުބާނީތަކުގެ އަގު ލިބިގެންދާ ހިނދުކޮޅެވެ. އާއިލާއަކަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލަކީ ތައުލީމީ ހަޔާތުގައި ދަރިން ހޯދައި ރަންވަނަތެކެވެ. ދަރިން އުފުލާލާ ރަން ތަށިތަކެވެ. ސްޓޭޖް މައްޗަށް އަރާ ފޮޓޯއަށް ހުއްޓިލާ ވަގުތުކޮޅެވެ. ފަހުރުވެރިކަމާއެކު އިސް އުފުލާލާ ހިނިތުންވެލާ ވަގުތުކޮޅެވެ. މިއީ އެފަދަ ވަގުތުކޮޅެއްގެ ވާހަކައެވެ. މައިންބަފައިން ފަހުރުން ކަރުނައެޅި އެ ވަގުތުކޮޅުގެ ވާހަކައެވެ.

ހދ. ކުޅުދުއްފުށީ، ރަޝިޔާ، އަހުމަދު އާދަމް އާއި އޭނާގެ އަންހެނުން ތޯހިރާ މުނާ ހިތުގައި ޔަގީން ކަމެއް އޮތެވެ. އެމީހުން ދަރިން ތައުލީމީ ގޮތުން ރަންވަނަތައް އުފުލާނެ ކަމެވެ. ނަމޫނާ ދައްކާނެ ދަރިންތަކަކަށް ހެދުމަށް އެމީހުން އެ ކުދިންނަށް ދެމުން ދިޔައީ މިނެއް ތައުލީމާއި އަހްލާގެވެ.

އަހުމަދުގެ ދަރީންގެ ތެރެއިން ދެވަނަ ދަރިފުޅު މުހައްމަދު އަހުމަދާއި އޭގެ ހައްގަށް ހުރި ދަރިފުޅު، އިބުރާހިމް އަހުމަދު މިވަނީ އެ ކުދިން ކިޔެވި ސްކޫލުތަކުން އެންމެ ފަހުރުވެރިވެ ކާމިޔާބީ ހޯދާފަ އެވެ. ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީ އެންމެ މޮޅު ދަރިވަރަކަށް މުހައްމަދު ހާސިލްކުރިއިރު އޭނާ ވަނީ ރާއްޖޭގެ ގަދަ ދިހައެއްގައި އަށް ވަނާގައި ހިމެނިފަ އެވެ. މިއީ އެ ދެމަފިރިންނަށް ލިބުނު އެންމެ ބޮޑު އުފަލެވެ. އަނެއް ދަރިފުޅު، އިބުރާހިމް އަހުމަދު ވަނީ އަފީފުއްދީން ސްކޫލުން އޯލަވެލް ހަދައި މުޅި ސްކޫލުން ދެވަނަ ހާސިލްކޮށްފަ އެވެ. އަފީފުއްދީން ސްކޫލް ފެންނަ ހިސާބުގައި ހުންނަ ރަޝީޔާއަށް މި ބޮޑު އުފާވެރިކަން ވަދެފައިމިވަނީ އެކުއެކީގަ އެވެ.

އިބްރާހިމް ވަނީ އެކޮނޮމިކްސްއިން މުޅި ދުނިޔެއިން އަށް ވަނާގައި ހިމެނިފަ އެވެ. މިއީ މިފަދަ ވަނައެއް އަފީފުއްދީން ސްކޫލް ދަރިވަރަކު ހޯދި ވެސް ފުރަތަމަ ފަހަރެވެ. ރަށުން ކިޔަވައިގެން ވަރަށް މަދު ކުއްޖަކަށް ނޫނީ ދުނިޔޭގެ ފެންވަރުގެ މިފަދަ ކާމިޔާބީއެއް ނުލިބެ އެވެ.

"އަޅުގަނޑުމެން އަބަދުވެސް ޔަގީންކުރަން ދަރީން ރަނގަޅު ނަތީޖާ ހޯދާނެކަން،" ފަހުރުވެރިކަމާއެކު ބައްޕަ، އަހުމަދު ބުންޏެވެ.

އަހުމަދުގެ ހަތަރު ކުދިން ތިބޭއިރު ދޮށީ އަންހެން ދަރި، ރުހުސަތު އަހުމަދެވެ. އެއަށްފަހު މުހައްމަދު އަހުމަދާއި އިބުރާހިމް އަހުމަދު އަދި ދެ އަހަރު ނުވާ ކުޑަ ފިރިހެން ދަރިއެއް ހުރެ އެވެ. އަންހެން ދަރިފުޅާއި މުހައްމަދު އޯލެވެލް ނިންމީ މިދިޔަ އަހަރު އެވެ. އިބުރާހިމް އޯލެވެލް ނިންމާ މިހާރު އަންނަނީ އޭލެވެލްއަށް ކިޔަވަމުންނެވެ.

އަހުމަދު އާދަމް ބުނި ގޮތުގައި ދަރިންނަށް ތައުލީމާއި ރީތި އަހުލާގް ދަސްކޮށްދިނީ އެ ކުދިންގެ މަންމަ، ތޯހިރާ އެވެ. ތޯހިރާއަކީ އަހުމަދުގެ ދޮށީ ދެ ދަރީގެ ދޮން މަންމަ އެވެ. ދޮން މަންމައަކަސް ވަރަށް ގާތެވެ. އަހުމަދު ބުނީ އޭނާގެ ދޮށީ ދެ ދަރިން އެ ކުދިންގެ އެންމެ ޅަ އުމުރުން ފެށިގެން ބަލައި ބޮޑުކުރީ ތޯހިރާ ކަމަށެވެ. އެ ކުދިންނަށް އެއީ އަސްލު މަންމަ ނޫންކަން އެނގުނީ ގުރޭޑް 7 ގެ ކިޔަވަމުންދިޔައިރު ޓީޗަރެއްގެ ފަރާތުންނެވެ.

"މުހައްމަދުގެ އުމުރުން ގާތްގަނޑަކަށް އަށް މަހުން ފެށިގެން ގެންގުޅުނީ އޭނާގެ ދޮން މަންމަ ތޯހިރާ، އެއްވެސް ކުއްޖެއް ތަފާތެއް ނުކޮށް ގެންގުޅުނީ، އެ ކުދިން ތައުބިއްޔަތުކޮށް ތައުލީމީ ދިން މީހަކީ އެ ކުދިންގެ މަންމަ ތޯހިރާ،" އަހުމަދު ބުންޏެވެ.

ދޮށީ ތިން ކުދިން ލިބުނީ ވަރަށް ގާތްގާތުގައި ކަމަށްވުމުން ދިރިއުޅުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށާއި އެ ގޮންޖެހުންތަކުން މިއަދު އަރާ ގަނެވިފައިވާ ކަމަށް އަހުމަދު ބުންޏެވެ. ލިބޭ ކުޑަ އާމުދަނީ ފުއްދައިގެން ދިރިއުޅުން ކޮޅަށް ޖެހުނީ ވަރަށް ދަތިހާލުގައި ކަމަށް ވެސް އޭނާ ބުނެ އެވެ. ދަރިންނަށް ތައުލީމް ފޯރުކޮށްދިނީ އެ ކުދިންނަށް ނަމޫނާ ދައްކައިގެންނެވެ.

އެއްވެސް ކުއްޖަކު ޓިއުޝަނަކަށް ނުދެ އެވެ. ނޭނގޭ ފިލާވަޅުތައް ބުނެދިނީ މަންމަ ތޯހިރާ އެވެ. އެއްވެސް ކުއްޖަކަށް ފޯނެއް ނުދެ އެވެ. ސޯޝަލް މީޑިއާއެއް ބޭނުމެއް ނުކުރެ އެވެ. ލެޕްޓޮޕެއް ވެސް ހޯދައިދެވުނީ އޭލެވެލްއަށް ދިޔުމުންނެވެ. އެވެސް ބޭންކުން ލޯނެއް ނަގައިގެންނެވެ. އަގު ބޮޑެތި ތަކެއްޗަށްވުރެ އެ ދެމަފިރިން ދަރީންނަށް ދޭން ބޭނުންވީ އަގު މަތި އަހްލާގެވެ. އޭގެ ނަތީޖާ އަންނާނީ ފޮނިކޮށްކަން އެމީހުންނަށް ޔަގީންވާތީ އެވެ. ކޮންމެ ވަގުތަކު ނަމާދުކުރެ އެވެ. ޒިކުރުކުރެ އެވެ. މައިންބަފައިން އެކަމަށް ބުނާކަށް ނުޖެހެ އެވެ. ތަރުބިއްޔަތު ކުރީ އެހެންނެވެ.

ގޭތެރޭގައި އިން ކުޑަ އުނދޯންޏެއްގައި އިނދެގެން އެ ވާހަކަތައް އަހުމަދު ކިޔާދެމުންދިޔައިރު އޭނާގެ ދިރިއުޅުން ކޮޅަށް ޖެހުމަށް ކުރި ބުރަ، އެކަނިވެރި ހިތްދަތި ދުވަސްތަކުގެ ވާހަކަތަކުން ބައެއް ފަހަރު ހިމޭންކޮށްލަ އެވެ. އަޅައިގަނެ އެ ވާހަކަތައް ކިޔައިދޭން އުނދަގޫވެ އެވެ. އެ ވަގުތުތަކުގައި ގާތުގައި އިން އަނބިމީހާ، އަހުމަދުގެ ބުރަކަށީގައި ލޯއެއްބާއެކު ފިރުމާލަ އެވެ. އެ ފިރުމުންތަކާއެކު ހިތްވަރު ލިބި ވާހަކައާއެކު ކުރިއަށްދެ އެވެ.މިހެން ކިޔާލަދިނެއްކަމުގައި އެއީ މާ އަސަރުގަދަ ވާހަކަތަކެކެވެ.

އެ ދެ މަފިރިންވީ ދަރިންނަށް ނަމޫނާއަކަށެވެ. ދީނަށް ލޯބިކުރާ، އެހެންމީހުންނަށް ކަމޭހިތާ، ތައުލީމަށް އިސްކަން ދޭ ބަޔަކަށް އެ ކުދިން ހެދީ އަމަލީ ގޮތުން އެ ސިފަތައް ދެމަފިރިންގެ ހުލުގުން ވެސް ދައްކަމުންނެވެ. އެގޮތަށް ނަމޫނާ ދެއްކުމުން އެ މީހުންވެސް ހިނގަމުންދަނީ ބައްޕަ އާއި މަންމަ ދެއްކި މަގުންނެވެ. ބޭކާރު ގޮތުގައި ބޭރަށް ގޮހެއް ނުހަދަ އެވެ. މަޑުމައިތިރި ބަސްއަހާ ދަރީންތަކެވެ. ކޮންމެ މީހަކު ވެސް އެ ކުދިންނާ ފެނި ބައްދަލުވެއްޖަނަމަ ތަައުރީފު ކުރާނެ އެވެ. އަހުމަދާއި ތޯހިރާއަށް ސާބަސް ދޭނެ އެވެ.

މުހައްމަދު މިއަދު ވަޒީފާ އަދާކުރަނީ އެމްއެންޑީއެފްގައި އޭނާއެކު އެކުގައި ކިޔެވި ދައްތަ، ރުހުސަތަކީވެސް ތައުލީމީ ގޮތުން މޮޅު ދަރިވަރެކެވެ. މިއަދު އޭނާވެސް ވަޒީފާ އަދާކުރަނީ މާލޭގަ އެވެ. ދެ ދަރިން މިހާރު ވަޒީފާގައި މާލޭގައި އުޅުކަމުގައިވިޔަސް އެކުދިން ވަގުތުތައް ހޭދަކުރާގޮތް މަންމައަށް ވަގުތުން ވަގުތަށް ކިޔައިދެމުންދެ އެވެ. ތަރުބިއްޔަތަކީ މިއީ ނޫންތޯ އެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ތޯހިރާ އާއި އޭނާގެ އަސްލު މަންމައަށް ޝުކުރު އަދާ ކުރަމުން މުހައްމަދު މުހިންމު ވާހަކަތަކެއް ދެއްކި އެވެ.

"މިއަދު އަޅުގަނޑަށް މި ލިބުނު ކާމިޔާބީއަކީ ހަމައެކަނި އަޅުގަނޑުގެ މަސައްކަތެއް ނޫން، މި ދިގު ދަތި އުނދަގޫ ދަތުރުގައި އަޅުގަނޑާއެކު އެންމެ ގާތުގައި ހުރީ އަޅުގަނޑުގެ މަންމަ އާއި ބައްޕަ، އެއީ އަޅުގަނޑުގެ އެންމެ ފުރަތަމަ މުދައްރިސް، ވެއްޓުނު ވަގުތު ނަގައިދިން އަޅުގަނޑުގެ ދެ ބަތޮލުން، ހެވާ ނުބައި ވަކިކޮށްދިން ދަންމަރު، އެއީ ދުނިޔަވީ ހަޔާތަށް ވުރެ އުހުރަވީ ހަޔާތަށް މަސައްކަތްކުރުމަށް އަޅުގަނޑަށް ދަސްކޮށްދިން އެންމެ ފުރިހަމަ މިސާލު، އަޅުގަނޑުގެ ހަޔާތުގައި މަންމަމެން ވެދެއްވި ގުރުބާނީތަކުގެ އަގުވަޒަނެއް ނުކުރެވޭނެ،" މުހައްމަދު ވާހަކަ ދެއްކި އެވެ.

އެންމެ ފުރަތަމަ މުދައްރިސުން ކައިރިން އުނގެނި، އެމީހުންނަކީ ހަޔާތުގެ ބަތޮލުން ކަމުގައި ދެކިގެން ފުރާވަރުގެ ދެ ދަރީން މިއަދު ހެވިފައި ތިބިއިރު މީގެ އެންމެ ބޮޑު ފަހުރަކާއި ޝަރަފެއް އޮތީ އަހުމަދާއި ތޯހިރާއަށެވެ. އެމީހުން އޮހޮރުވި ކޮންމެ ދާ ތިއްކަކަށް އެވަނީ އަގު ލިބިފަ އެވެ. އުފުލު ކޮންމެ ވޭނަކަށް އުފާވެރި ކަރުނަ އެވަނީ އޮހޮރިފަ އެވެ. ހަގީގަތުގައި ވެސް ބަތޮލުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355