ރާއްޖޭގައި އަރަމުން އަންނަ މޮޅެތި އާޓިސްޓުންގެ ތެރޭގައި ގުނާލެވޭ އިސްމާއިލް މާއިޝްއަކީ އެންމެ ކުޑައިރުންސުރެ ކުރެހުމުގެ ތެރެއަށް ވަދެ މިހާރު އެހުރި ފެންވަރަށް މާއިޝް ކުރި ދަތުރަކީ ގިނަ ބަޔަކު އަހާލަން ބޭނުންވާނެ ވާހަކައެއްކަން ޔަގީނެވެ. އެ ކުރެހުންތަކުގައި ފޮރުވިފައިވާ ސިއްރުތަކާއި އެކުލެވިފައިވާ ޖަޒުބާތުތަކާއި އެހިސާބަށް ވާސިލްވި މަގު އެންމެ ރަނގަޅަށް ދޭހަކޮށްދެވޭނެ ފަރާތަކީ ވެސް ހުދު މާއިޝް އެވެ.
ރާއްޖޭގައި ޕެއިންޓަރުންނާއި ޕެއިންޓުން އެކިކަހަލަ ފަންނީ މަސައްކަތާއި ކުރެހުންތައް ކުރަހާ މީހުން ވަރަށް ގިނަ އެވެ. އެހެންނަމަވެސް މާއިޝް އެންމެނާ ތަފާތުކޮށްދޭ ކަމަކީ އޭނާގެ އިލަސްޓްރޭޓިވް ވޯކްތަކެވެ. ގަލަމުން އެކިކަހަލަ ސާމާނުތަކަށް އެދޫކޮށްލާ ފަންނުވެރިކަމާއި ހުނަރުވެރިކަމަށް ތައުރީފު ހައްގެވެ. މާއިޝް ހާއްސަވަނީ ވެސް ގަލަމުން ކުރަހައިގެން އާންމުންގެ ލޯތަކަށް އެދޫކޮށްލާ މާނަފުން ކުރެހުންތަކެވެ.
ކޮންމެ މީހެއްގެ ވެސް ފެށުމުގެ ފަހަތުގައިވާ އެކަމަށް ހުށައެޅިގެން އައި ނުވަތަ އެކަމަށް ހިތްޖެހުނު ތަފާތު ގޮތެއް އޮންނާނެ އެވެ. ސީދާ ވަކި ގޮތެއް ބުނަން މާއިޝްއަށް އުދަނގޫވީ ނަމަވެސް އޭނާގެ ހަނދާނުގައި ނުކުރަހާ ދުވަހެއް ހަނދާނެއް ނެތެވެ. އެންމެ ކުޑައިރުންސުރެ މިކަމުގެ ތެރެއަށް ގެނބިފަ އެވެ.
"ގޭތެރޭގައި މާ ކަމެއް ނޯވޭ، އަހަރެމެން ކުޑައިރު ގޭމެއް ވެސް މާގިނައިންނެއް ނުހުރޭ. އެހެންވެ ފޫހި ވީމާ ހޮބީއެއްގެ ގޮތުގައި ފެށިގެން އައީ" ކޭއޯއަށް ދެއްވި އިންޓަވިއުގައި މާއިޝް ބުންޏެވެ.
ކަމުގެ ތެރެއަށް ވަދެވިގެން އައި ގޮތް ކިޔާދެމުން މާއިޝް އިތުރަށް ބުނީ އެންމެ ބޮޑު ހިތްވަރެއް ލިބުނީ އަދި މިހާރުވެސް ލިބެމުން އަންނަނީ އާއިލާގެ ތެރެއިން ކަމަށާއި އެއީ ކުޑައިރުންސުރެ އުފަން ދުވަސް ދުވަހުވެސް ހަދިޔާއެއްގެ ގޮތުގައި އޭ4 ރީމް، އަދި ކުޅޭ އެއްޗެއްސަށްވުރެ ގިނައިން ފަންސޫރާއި ކަރުދާހާއި ގަލަން ކަހަލަ އެއްޗެހި ލިބޭކަމަށެވެ. އެ އެއްޗެހި ނުލިބޭނަމަ މިހާހިސާބަށް ނާދެވުނީސް ކަމަށް މާއިޝް ފާހަގަކޮށް ހިތުގެ އެންމެ ފުން މިނުން އާއިލާއަށް ޝުކުރުވެރިވެ އެވެ.
ހޮބީއެއްގެ ގޮތުގައި ފެށިގެން އައި ކަމެއް އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ކުރުމަށް އަޒުމު ކަނޑައަޅާ އެކަމަށް ގަދައަޅާ މަސައްކަތްކުރަމުން މާއިޝް އަންނައިރު މިހާތަނަށް އޭނާ ކޮށްފައިވާ އެތައް މަސައްކަތްތަކެއް ހިމެނެ އެވެ. ކޮންމެ އާޓިސްޓެއްގެ ވެސް އެންމެ ކަމުދާ މަސައްކަތެއް އޮންނާނެ ފަދައިން މާއިޝް ހާމަކުރި ގޮތުގައި މިހާތަނަށް އޭނާއަށް ކުރެވުނު އެންމެ ހިތްހަމަޖެހުނު މަސައްކަތަކީ މާލޭގައި ބޭއްވި އަންވީލިން ވިޝަންސްގައި ލަކުޑީގައި ގަލަމުން ކުރެހި ކުރެހުމެވެ.
މާއިޝްގެ ކުރެހުމުގެ ދަތުރުގައި އޭނާ އެންމެ އުފާވި ދުވަހެއް ބުނަން ދައްޗެވެ. އޭނާއަކީ ކުރެހޭތީ އެކަމާ އުފާވާ އާޓިސްޓެކެވެ. ތަފާތު ވިސްނުމެއް ކުރެހުންތެރިއެކެވެ. އޭނާ ބުނާ ގޮތުގައި ކުރެހުމެއް ނިންމާލުމުން ވެސް އޭނާ އިންތިހާއަށް ހިތްހަމަޖެހި އުފާވެ އެވެ. ހާއްސަކޮށް ފްރީލޭންސް މަސައްކަތްތައް އޭނާ ކުރަމުން އަންނަ އަލަށް ކުރަން ލިބޭކަންކަން ލިބުމުން ވެސް އުފާވާ ކަމަށެވެ. މިސާލަކަށް ފާރެއް ކަހަލަ ތަނެއްގައި ކުރަހަން ލިބުމުން އުފާވާކަމަށް އޭނާ ބުނެ އެވެ. އަދި ބޭނުންވާ ގޮތަށް މަސައްކަތެއް ނިންމާލެވުމަކީ ވެސް ވަރަށް އުފާވެރި ވަގުތުކޮޅެއް ކަން މި ހުނަރުވެރި ކުރެހުންތެރިޔާ ފާހަގަކުރެ އެވެ.
"ކުރީގައި ވަރަށް އުފާވޭ މުބާރާތްތަކުން މޮޅުވީމަ އެހެންނަމަވެސް މިހާރު އިނގޭ ކުރެހުމަކީ ވަރަށް ސަބްޖެކްޓިވް އެއްޗެއް، އެހެންވުމުން މުބާރާތަކުން މޮޅުވުމަށްވުރެ ސްކެޗެއް އޭގެ އޮތެންޓިކް ގޮތަށް ނިންމާލެވުނީމަ އުފާވޭ." މާއިޝް ބުންޏެވެ.
2018 އައީ2021 ވަނަ އަހަރު ބޭއްވުނު އަންވީލިން ވިޝަންސްގައި ކުރެހުމުގެ ކެޓަގަރީން އެންމެ ވައިބްރެންޓް އާޓިސްޓް ދެފަހަރު މަތިން ލިބުމުންނެވެ.
24 އަހަރުގެ މާއިޝް ކުރެހުމުގެ އިތުރުން ދާއިރާ ގުޅޭ އެހެން މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އާކިޓެކްޗާ ޑިގްރީ ފުރިހަމަކޮށް އިމާރާތްތަކާއި ގޭގެ ކުރެހުންތައް އަދި ޕާކްތަކާއި އެކިކަހަލަ ތަންތަން ޑިޒައިންކުރުމުގެ މަސައްކަތްވެސް މި ޒުވާނާ ކުރެ އެވެ.
އާޓްގެ ދާއިރާގައި މުސްތަގުބަލެއް އޮތްތޯ މާއިޝްއާ ސުވާލުކޮށްލެވުނެވެ. މާއިޝްގެ ޖަވާބު ކުރުވެފައިވާ ސާފެވެ. އޭނާގެ ނަޒަރުގައި މިއީ މުސްތަގުބަލެއް އޮތް ދާއިރާއެކެވެ. ނަމަވެސް ދިމާވާ ގޮންޖެހުންތައް ވެސް މާއިޝް ފާހަގަކުރެ އެވެ.
"މުސްތަގުބަލް އެބައޮތް، ބޭރު ގައުމުތަކުގައި ވަރަށް އޯޑިއަންސް ބޮޑުވާނެ، ރާއްޖޭގައި ވާގޮތަކީ އާބާދީ ކުޑަ، އޯޑިއަންސް ކުޑަ، ކުރެހުން ގަންނާނެ މީހުން މަދު. ގިނައިން ރިސޯޓްތަކުން ވެސް އަދިވެސް މިބޭނުންވަނީ ސަންސެޓް ތަސްވީރުތައް، އަހަރެމެން އެއެއްޗެހި ކުރަހަން ބޭނުން ނޫނަސް ގަންނަނީ އެ އަދިވެސް، އެއީ އަސްލު ކުރިއަރަން ވަރަށް ބޮޑު ގޮންޖެހުމެއް، އަމިއްލަ ޔުނީކް އައިޑިއާސްތަކަށް ބިނާކޮށް އެއްޗެހި ހަދައިގެން ވިއްކަން އުދަނގޫ، ބޭރު ގައުމުތަކުގައި ވެއްޖެޔާމުން މީހުން ގިނައްޔާ، ކަމުދާ މީހުން ވެސް ގިނަވާނެ، ރާއްޖޭގައި އޯތެންޓިކް އަމިއްލަ އައިޑިއާސްގެ އެއްޗެހި ވިއްކާނެ އޯޑިއަންސް ވަރަށް ކުޑަ.އިސްމާއިލް މާއިޝް މުހައްމަދު
އެހެންނަމަވެސް ކުރިއަށްވުރެ ކުރަހާ މީހުން ގިނަވެފައި މި ދާއިރާއަށް ލިބޭ ސަމާލުކަން ވެސް ބޮޑުވަމުން އަންނަކަން އޭނާ ފާހަގަކުރެ އެވެ.
ކޮންމެ މީހަކުވެސް އެމީހެއް ހާއްސަވާ ދާއިރާއަކުން ދެކޭނެ ހުވަފެންތަކެއް ހުންނާނެ އެވެ. މާއިޝް ދެކޭ ހުވަފެންތައް ބޮޑުވެފައި ގިނަ އެވެ.
މާއިޝްގެ އުއްމީދަކީ ރާއްޖޭން ބޭރަށް ވެސް ދިވެހި އާޓިސްޓުން ފާހަގަވެ ރަނގަޅު ކިއުރޭޓެޑް ގެލަރީތަކެއް ހެދިގެން ދިޔުން ކަމަށެވެ. މިހާރުވެސް ކޮންމެސް ވަރަކަށް ކިއުރޭޓެޑް ގެލަރީސް ހުރި ނަމަވެސް، އަމިއްލަ އައިޑިއާތަކަށް އުފައްދާ އާޓްވޯކް މީހުންނަށް ދައްކާނެ ފެންވަރުގެ ފެސިލިޓީއެއް ބޭނުންވާކަމަށް މާއިޝް ބުނެ އެވެ. ހަމައެކަނި ސަންސެޓަކުން ނުފުދޭ ކަމަށެވެ.
މާއިޝްގެ އަމިއްލަ ކެރިއަރުގައި އޭނާގެ އެންމެ ބޮޑު ހުވަފެނަކީ ބޮޑު އޯޑިއަންސެއްގެ ކުރިމަތީގައި ރާއްޖެއިން ބޭރުގައިވިޔަސް ސޯލޯ އެގްޒިބިޝަނެއް ބޭއްވުމެވެ. އޭނާ އެންމެ ބޮޑަށް އަޒުމު ކަނޑައަޅައިގެން ދައްކާ ހިތްވަރަކީ އެކަމަށް ވާސިލްވުމަށް އޭނާ ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަވާ ކަމެކެވެ.
ބައެއް މީހުންނަށް ރޭގަނޑުގެ ވަގުތުތަކުގައި ދަންވަރު ކުރަހަން ފަސޭހަ އެވެ. ނަމަވެސް މާއިޝްއަށް ކުރަހަން ފަސޭހައީ ދުވާލުގެ ވަގުތެވެ. ދަންވަރު އިނދެގެން ކުރަހަން އޭނާ ބޭނުމެއް ނޫނެވެ. ހުރިހާ ކަމެއް ހަމައަށް ބެލެންސްކޮށްގެން ކުރަން މާއިޝް މަސައްކަތްކުރާއިރު ދުވަސްވެސް ރާވާލަނީ ކްލައިންޓުންގެ ވޯކް ނިންމާފަ އަމިއްލަ މަސައްކަތްތައް ކުރާ ގޮތަށެވެ. މާއިޝްގެ ބޮޑު ޝައުގެއް މިކަމަށް އޮންނާތީ އޭނާ އެކަމަށް ވެސް ވަގުތު ހޯދާ ކަމަށް އޭނާ ބުނެ އެވެ.
މިދާއިރާއަށް ޝައުގުވެރިވާ ދާއިރާއަށް ވަންނަން ބޭނުން ކުދިންނަށް މާއިޝްދޭ ނަސޭހަތަކީ މިފީލްޑްގައި އާކުދިން، ޝޯޓްކަޓްސް ނަގަން އުޅޭކަމަށާއި ކުރެހުމަކީ ކޯޗެއްކަމާއި އޭގެ ބޭސިކް ފުރަތަމަ ދަސްކުރުމަށް އޭނާ ބުނެ އެވެ. ޕާސްޕެކްޓިވް، ކަލަރ ތިއަރީ ދަސްކޮށްފަ އިތުރު ހަރުފަތަކަށް ވާސިލްވާން މަސައްކަތް ކުރުމަށް މާއިޝް ބާރު އަޅަ އެވެ. އަދި އެންމެ މުހިންމު ކަމަކީ ފަރިތަކުރުން ކަމަށާއި ގިނައިން ފަރިތަ ކުރުމުން ރަނގަޅު ކުރިއެރުމެއް ފެންނަން ފަށާނެ ކަމަށް އޭނާ ފާހަގަކުރެ އެވެ. އަދި ކުރަހާ ހިތްވާ ކުއްްޖަކަށް މިކަމުގައި ކުރިމަގެއް ނުފެނެޔޭ ވެސް ހިތަށް އަރާފާނެކަމަށާއި އެކަމަކުވެސް ހުއްޓާ ނުލާ އެކަން ކުރުމަށް މާއިޝް ބުނެ އެވެ.
އަމިއްލަ ރަށުގައި ސިޓީ ކައުންސިލުން ފަންނީ ފަރާތްތަކާއި ކުރެހުންތެރިންނަށް ޓަކައި މެދު ކުރެވިދާނެ ކަންކަމާއި ކުރަމުން އަންނަ ކަންކަމާއި ކަން ހިނގަމުންދާ ގޮތާމެދު މާއިޝްއާ ސުވާލުކޮށްލެވުނެވެ. މާއިޝް އުފާވާ ގިނަ ކަންކަމާއި ދެރަވާ އެތައް ކަމެއް އޭނާ ބޭރުކޮށްލި އެވެ.
ކުޅުދުއްފުއްޓަކީ ކްރިއޭޓިވް ބަޔަކު އުޅޭ ފަންނީ މަސައްކަތްތައް ގިނަ ރަށެއްކަމަށާއި ހަމައެކަނި ކުރެހުން ނޫނަސް އަތްތެރި މަސައްކަތާއި ރިސޯޓުތަކަށް ފޮނުވަން ރެސިނާއި އެކިކަހަލަ މެޓީރިއަލްތަކުން ރީތި މަސައްކަތްތަކެއް ކުރާ ބަޔަކު ދިރިއުޅޭކަން ފާހަގަކޮށް އެކަމާ މާއިޝް އުފާކުރި އެވެ.
"ކުޅުދުއްފުއްޓަކީ ވަރަށް ކްރިއޭޓިވް ބަޔަކު އުޅޭ ރަށެއް، ހަމައެކަނި ކުރެހުން ނޫނަސް އަތްތެރި މަސައްކަތާއި ރިސޯޓަށް ފޮނުވަން ރެސިނުން އެއްޗެހި ހެދުން. އަސްލު ކުރެވިދާނެ ކަމެއް، ލޯކަލް ޓޫރިޒަމްއަކީ ވެސް. ގޮންޖެހުންތަކެއް ހުންނާނެކަން އެނގޭ އެހެންނަމަވެސް ކައިރި ރިސޯޓުތަކާ ގުޅުން އުފައްދާ ކަނެކްޝަން ބިލްޑްކޮށް، އަދި އެގްޒިބިޝަނެއް ބޭއްވުން. ގިނައިން ފެންނަނީ ސްކޫލް އެގްޒިބިޝަންސް، މިއީ ހަމައެކަނި ސްކޫލުން ނިމެން ޖެހޭ ކަމެއް ނޫން، ކޮންމެ ރަށަކަށް ވެސް ކްރިއޭޓިވް މީހުންނަކީ މުހިންމު ބައެއް، ދެން ޕާކެއް ޑިޒައިން ކުރިޔަސް ފަންނީ އެކަން ދަންނަ ރަށުގެ އާޓިސްޓުންނަށް ފުރުސަތު ދިނުން.އިސްމާއިލް މާއިޝް މުހައްމަދު
ކައުންސިލުން އެހާ ބޮޑަށް ފަންނީ މީހުންނަށް ކަމެއް ކޮށްދޭ ތަނެއް ނުފެންނަކަމަށާއި ވަރަށް ބޮޑަށް ނެގްލެކްޓްވެފައި އޮންނަކަން މާއިޝް ފާހަގަކުރެ އެވެ. ފަންނީ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން މާ ބޮޑު ކަމެއް ކުރެވޭ ތަނެއް ނުފެންނަކަމަށް އޭނާ ބުނެ އެވެ. އަދި ސްކޫލުން ހަމައެކަނި މިކަންތައް ހުއްޓާ ނުލާ ސްކޫލުން ބޭރުން ވެސް ކްރިއޭޓިވް ކަންކަން ކުރިއަށް ގެންދިޔުމަށް މާއިޝް އެދެ އެވެ. އެއްވެސް ހާލަތެއްގައި ކައުންސިލު މާއިޝް ގޯސްކުރަން ބޭނުންނުވި ކަމުގައިވީ ނަމަވެސް މާއިޝްގެ އެދުމަކީ ފަންނީ މީހުންނަށް މިހާރަށްވުރެ ބޮޑަށް ފުރުސަތުތައް ފަހިކޮށްދީ ރަށުގައި ވެސް ރަށުގެ ފަންނީ ދަރިންނަށް ފުރުސަތު ބޮޑުކޮށްދީ އާޓިސްޓުންގެ އެގްޒިބިޝަންސްތައް ބާއްވައިދިނުމެވެ.
ރާއްޖޭގެ ކުރެހުމުގެ މައިދާނުގައި ފިޔަ ޖަހަމުން އަންނަ މާއިޝްއަކީ މުޅި ކުޅުދުއްފުއްޓާއި ރާއްޖެ ވެސް ފަހުރުވެރިވާފަދަ ޝަހްސިއްޔަތެކެވެ. އަރަމުން އަންނަ މިޒުވާން ކުރެހުންތެރިޔާއަށް ހުއްޓުމެއް ނެތެވެ. އަމާޒު ހުރީ އެންމެ އުހަށް ވާސިލްވެ ހުރިހާ ހުވަފެންތަކެއް ހަގީގަތަކަށް ހެދުމަށެވެ.