މިފަހަރުގެ ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި ޒުވާން އެތައް ކުޅުންތެރިންނެއް ފެނިގެންދިޔަ އެވެ. ހުނަރުވެރި ޒުވާން ތަރިންގެ ވާހަކަ ދައްކާއިރު ގިނަ ބައެއްގެ ހިޔާލަށް މިވަގުތު އަންނާނީ ހަމަ ޔަގީނުންވެސް ނޮޅިވަރަމުގެ ކުލަބް ހުވާސްގެ ފޯވާޑް ސާލިމް މުހައްމަދު (ލިމޭ) އެވެ.
ހދ. ނޮޅިވަރަމަށް އުފަން އުމުރުން އެންމެ 19 އަހަރުގެ ލިމޭ ވަނީ މިފަހަރުގެ ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ކުލަބް ހުވާސް މުބާރާތުގެ ސެމީ ފައިނަލާއި ހަމައަށް ގެންގޮސްދީފަ އެވެ. ސެމީގައި ޒިގްޒެގް އަތުން ބަލިވި ނަމަވެސް މުބާރާތުގައި ލިމޭ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
މުބާރާތުގައި 3 ގޯލު ޖަހާ ޖުމްލަ 2 މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިމޭ އަކީ އެންމެ ކުޑައިރުއްސުރެ ފުޓްބޯޅައިގެ ލޯބީގައި ޖެހި ފުޓްބޯޅަ ކުޅެމުން އަންނަ ކުޅުންތެރިޔެކެވެ. ގައުމީ ފެންވަރުގައި ލިމޭ އަންނަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި އޮތް ކުލަބް އީގަލްސްއަށް ކުޅެމުންނެވެ.
2021 ވަނަ އަހަރު ފަހުކޮޅު އީގަލްސްއާ ގުޅުނު ލިމޭ ވަނީ ދިމާވި އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ގޮސްފަ އެވެ. ލިމޭ ބުނާގޮތުގައި ފުޓްބޯޅަ ކެރިއަރުގައި އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ހިތާމައަކީ 19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ. އެފަހަރު ކުލަބް އީގަލްސްއިން ވަނީ ސަސް ބަލިކޮށް މުބާރާތް ކާމިޔާބުކޮށްފަ އެވެ.
އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ލިމޭ ދެކެނީ 2019 ވަނަ އަހަރުގެ އިހަވަން ކަޕް ނޮޅިވަރަމާއެކު ކާމިޔާބުކުރުމެވެ. އެފަހަރުގެ މުބާރާތުގައި ވެސް ލިމޭ މޮޅު ކުޅުމެއް ދެއްކި އެވެ. ފުޓްބޯޅަ ކެރިއަރުގައި އެންމެ ބޮޑު ސަޕޯޓެއް ލިބެނީ ޓީމާއި ރައްޓެހިންނާ އާއިލާގެ ފަރާތުން ކަމަށް ލިމޭ ބުނާއިރު ކުޅިވަރުގައި އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ އަދި އޭނާއަށް އެންމެ ކަމުދާ ކުޅުންތެރިންނަކީ ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އޭނާ ބުންޏެވެ.
މިފަހަރުގެ ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި ދެއްކި ކުޅުމާމެދު ވާހަކަދައްކަމުން ލިމޭ ބުނީ މިދިޔަ އަހަރުގެ މުބާރާތާއި ބަލާފައި މިއަހަރުގެ މުބާރާތުގައި ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރެވިއްޖެކަމަށާއި މިފަހަރު ދެއްކުނު ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. މިދިޔަފަހަރުގެ މުބާރާތުގައި ލިމޭ ކުޅެފައިވަނީ މާއްޓޭ ސްޕޯޓްސް ކުލަބަށެވެ.
ކުލަބް ހުވާސް ސެމީއަށް ދަތުރުކުރުމުގައި އިސް ދައުރެއް އަދާކުރި ޒުވާން ހުނަރު ލިމޭއަކީ ފުޓްބޯޅައަށް އޭނާ ހިތްޖެހިފާވާލެއް ބޮޑު ކަމުން ކުޅިވަރު ކުޅޭ ކުޅުންތެރިޔެކެވެ. ގިނަ ފުޓްބޯޅަ ކުޅުންތެރިންނާ ލިމޭ އެންމެ ބޮޑަށް ތަފާތުވާ އެއް ސަބަބަކީ ލިމޭއަކީ ހަމައެކަނި ވާތު ފައިން ކުޅޭ ކުޅުންތެރިޔެކެވެ. ލިމޭގެ ހުނަރު އެކި މުބާރާތްތަކުގައި އޭނާ ދައްކަމުން އަންނައިރު އޭނާއަކީ މިފަހަރުގެ ކުޅުދުއްފުށި ޗެމްޕިއަންޝިޕުން ވިދާލި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ.