twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަޒީން: ރާއްޖޭގައި ހުރި އެންމެ މޮޅު އޮޓޯމޯޓިވް ފޮޓޯ އަދި ވީޑިއޯގްރާފަރު

މުޙައްމަދު އަހުމަދު
Jan 9, 2023

މަޖަލަކަށް ކުރަން ފެށި ކަމެއްގެ ތެރެއިން ފުރަތަމަ ވީޑިއޯ ނަގަމުން ދައްތަމެންގެ ފޮޓޯ ނަގާ އެފޮޓޯތައް މީހުންނަށް ކަމުދާން ފެށުމުން ފޮޓޯގްރަފީގެ ތެރެއަށް ވަދެވި އެކަމަށް ޝައުގުއުފެދުނެވެ. މިއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ޒުވާން އޮޓޯމޯޓިވް ފޮޓޯގުރާފަރު މަޒީން މުހައްމަދުގެ ވާހަކަ އެވެ.

ކުޅުދުއްފުށީ ގާޑެނިޔާވިލާ، އުމުރުން 23 އަހަރުގެ މަޒީން މުހައްމަދަކީ މިވަގުތު އޮޓޯމޯޓިވް (މޮޓޯ ސްޕޯޓްސް) ދާއިރާއިން ފުންނާބު އުސް ފޮޓޯ ގްރާފަރެކެވެ. ކުޅުދުއްފުށީގެ އިތުރުން މުޅި ރާއްޖޭގައި ވެސް ހުރި އެންމެ މޮޅު އެއް އޮޓޯމޯޓިވް ފޮޓޯ އަދި ވީޑިއޯގްރާފަރަކީ މަޒީން އެވެ.

2016 ވަނަ އަހަރު ކުރަން ފެށުނު މިމަސައްކަތުގައި ކުރިއަރަމުން އައިސް މިހާރު ގިނަ ބަޔަކު ދަންނަ މަޒީން ފޮޓޯ ނަގާ ވީޑިއޯ ހަދާތާ 8 ވަރަކަށް އަހަރުވެއްޖެ އެވެ. މަދުން ނަމަވެސް ކައިވެނި ހަފްލާތަކުގެ ފޮޓޯ ވެސް މަޒީން ނެގި ކަމުގައިވީ ނަމަވެސް މަޒީން ހާއްސަވަނީ އޮޓޯމޯޓިވް ފޮޓޯގްރާފީންނެވެ.

މަޒީން ފާހަގަކުރާ ގޮތުގައި ކުޅުދުއްފުށި މޮޓޯ ސްޕޯޓްސް (ކޭއެމްއެސް)އިން ބާއްވާ ރޭސިންގ އިވެންޓްތަކަކީ އޭނާގެ ނަޒަރުގައި އޭނާގެ އެންމެ ރަނގަޅު މަސައްކަތްތަކެވެ. ކޭއެމްއެސްގެ 2016 ވަނަ އަހަރުގެ މުބާރާތްވެސް ކަވަރުކުރުމުގައި އިތުރު ފަރާތަކާއެކު މަޒީން މަސައްކަތްކުރި ނަމަވެސް 2021 އަދި 2022 ވަނަ އަހަރުގެ އިވެންޓްތައް މީޑިއާ ބައިން ފެށިގެން މަޒީން ކަވަރުކުރީ އޭނާގެ ހުނަރުން އަމިއްލައަށެވެ.

އައިވެލް ޕޮޓްރެއިޓް ސްޓޫޑިއޯގައި ފޮޓޯގްރާފަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ މަޒީންގެ ދިރިއުޅުމުގައި ފޮޓޯ ނެގުމާއި ވީޑިއޯކޮށް އެޑިޓްކުރުމަކީ އޭނާ އެންމެ އުފަލުން ކުރާ ކަންތަކެވެ.

"އެންމެ ބޮޑަށް މިކަމުގައި އިންސްޕަޔާ ވަނީ މީހުންގެ ފީޑްބެކާއި ގާތް ރަހްމަތްތެރިންގެ ސަޕޯޓާހެދި، އަމިއްލައަށް ހިތްހަމަޖެހިގެން އެންމެ އުފާވާ ކަންތައް މިހާރު މިކުރެވެނީ." މަޒީން ބުންޏެވެ.

ފޮޓޯގްރާފީއާ މެދު މަޒީންގެ ހިޔާލާ ވިސްނުން، އޭނާގެ ނަޒަރު:

މަޒީން ބުނާގޮތުގައި ފޮޓޯ ނެގުމުގައި މައިގަނޑު 3 ކަމެއް ނުވަތަ ހުނަރެއް ހިމެނެ އެވެ. އެއީ ފޮޓޯ ފްރޭމްކުރުމާއި (ކްރޮޕް ކުރުން) އަދި އެޑިޓްކުރުމާއި އެފޮޓޯއެއް ނަގާ ލޮކޭޝަން އެވެ. ސައިކަލާ ކާރުގެ ފޮޓޯ ނަގާއިރު ސައިކަލާއި ލޮކޭޝަން ގުޅޭނެހެން އަދި އެއަށްފަހު އެކުރެވޭ އެޑިޓް އެކުވެގެން ހުރިހާ އެއްޗެއް ހުރިހާ އެއްޗަކާ ގުޅިގެން ނޫނީ ފޮޓޯއެއް ރަނގަޅު ފޮޓޯއަކަށް ނުވެ އެވެ.

މަޒީން ބުނިގޮތުގައި ފޮޓޯ އަދި ވީޑިއޯގްރާފަރެއްގެ ގޮތުގައި ވިޔަސް މި ރޮނގުގައި ކުރިއަށްދާން ބަލާއިރު ދިމާވާ އެންމެ ބޮޑު ޗެލެންޖަކީ ވަގުތު މެނޭޖްކުރުން ކަމަށެވެ. ދެން އަމިއްލަ ކަމެއްގެ ގޮތުގައި ސިއްހީ ހާލަތު އެންމެ ރަނގަޅުނުވުމުން ވެސް މަޒީންއަށް މިދާއިރާން ވަރަށް ބޮޑު ޗެލެންޖަކާ ކުރިމަތިލާން ޖެހެ އެވެ.

މަޒީންގެ ލެންސްގައި އެކުރަހާލާ ފޮޓޯތައް ދުވަހެއް ދުވަހަކަށް އަންނަނީ ރަނގަޅުވަމުންނެވެ. މަޒީން ފާހަގަކުރާގޮތުގައި އޭނާގެ މަސައްކަތްތައް ރަނގަޅުކުރުމަށް އޭނާ ވަރަށް ގިނަ މަސައްކަތްތައް ކުރެ އެވެ.

ކޮންމެ ހަފްތާއަކު ފޮޓޯ އަޕްލޯޑްކުރާއިރު މަޒީންގެ މައިގަނޑު ވިސްނުން ހުންނަނީ އޯޑިއަންސަށް ކަމުދާ އެއްޗެހި ދިރާސާ ކުރުމެވެ. ލައިވް ކައުންޓާއި ކޮމެންޓްތަކުން އަދި ޝެއަރ ތަކުންނެވެ. މަޒީން ކޮންމެފަހަރަކު ވެސް ފޮޓޯއެއް އަޕްލޯޑް ކުރަނީ އެއްޗެއްސަށް ބިނާކޮށްފައި އޭގެ މައްޗަށް އެތައް ކަމެއް ރަނގަޅުކޮށްގެންނެވެ. މަޒީން ބުނާގޮތުގައި އޭނާ އަޕްލޯޑް ކުރާ ތަސްވީރެއް ނުވަތަ ވީޑިއޯއަކަށް އެކަށީގެންވާވަރަށް އޯޑިއެންސްގެ ލައިކް ނުލިބިއްޖެޔާ އޭތި އެހެން ގޮތަކަށް ބަދަލުކޮށް އިތުރަށް ފުރިހަމަކޮށް ރަނގަޅު ކުރާ ކަމަށެވެ.

ދާއިރާން މަޒީން ދެކޭ ހުވަފެންތަކާއި އޭނާގެ އަމިއްލަ ކާމިޔާބީތައް:

ކުޅަދާނަ ފޮޓޯ އަދި ވީޑިއޯގްރާފަރު މަޒީންގެ އެންމެ ބޮޑު ހުވަފެނަކީ އޮޓޯމޯޓިވް ފޮޓޯގްރާފީއިން އިންޓަނޭޝަނަލް ލެވެލްގައި ކުރިއަށްދެވި އެކަހަލަ ގިނަ ފުރުސަތުތަކެއް ފަހިވެގެން ދިޔުމެވެ.

މަޒީންގެ މި މަސައްކަތުގައި އޭނާގެ އަމިއްލަ ކާމިޔާބީއެއްގެ ގޮތުގައި އޭނާ އެންމެ ބޮޑަށް ފާހަގަކުރަނީ އޮޓޯމޯޓިވް ދުނިޔޭގައި ރާއްޖޭއިންނާއި މާލޭން އަދި ކުޅުދުއްފުށި ބެލި ކަމުގައިވިޔަސް ގިނަ ބައެއްގެ އިހްތިރާމް ލިބިފައިވުމެވެ.

"މީހުން މިދާއިރާގައި މި އޮޓޯމޯޓިވް ދުނިޔޭގައި ރާއްޖޭއިންނާއި މާލޭންނާއި ކުޅުދުއްފުށިން ބެލިޔަސް އިހްތިރާމް ލިބިފައި، ފެންނައިރަށް ވެސް ބުނާނެ މިއީ މަޒީން ހަދާފައި އިން އެއްޗެކޭ. ވޯޓަރ މާކް ނުފެނުނަސް އެވަރަށް އެނގިފައި އޮންނާތީ ވަރަށް ހިތްހަމަޖެހުން ލިބޭ، އުފާވޭ." މަޒީން ބުންޏެވެ.

ފޮޓޯ ޝޫޓްތަކަށް މަޒީން ތައްޔާރުވާ ގޮތް:

ޝޫޓެއް ބުކްކޮށްލުމުން އެންމެ ފުރަތަމަ މަޒީން އެފަރާތަކަށް ރެކޮމެންޑް ކުރަނީ ސައިކަލު ދޮވެލުމަށެވެ. އެއީ ވަރަށް މުހިންމުކަމެއްކަން މަޒީން ފާހަގަކުރެ އެވެ.

"
ޝޫޓެއް ބުކްކޮށްލީމަ އެންމެ ފުރަތަމަ ރެކޮމެންޑްކުރަނީ ސައިކަލު ވޮޝްއަކަށް. އަހަރެން ރެކޮމެންޑްކުރަނީ އާހިލް އިބްރާހިމް (ޖެނޮސް). އެއީ ފުރަތަމަ ކަންތައް، ދެން ލޮކޭޝަނެއް ބަލަނީ ސައިކަލު ބިލްޑަށް ބެލުމަށްފަހުގަ. އޭއްޗާއި ގުޅޭނެ ލޮކޭޝަނަކަށް ބަލަނީ، ވަރަށް ގިނަ ތަންތަނުގައި ނެގިފައި ހުރުމުން ވަރަށް ބޮޑަށް ބަލަންޖެހޭ، ދެން އެތަނަށް ގޮސްފަވެސް، އާހިލްއަކީ އަޅުގަނޑުގެ ހެލްފަރ، ކޮންމެ ފަހަރަކުވެސް ދާނެ، އޭނާ ކޮންމެ ޝޫޓެއްގެ ކުރިން ވެސް ޓަޔަރާއި ފުރޮޅު ފުހެލައި އޮފްކޮށްލާނެ، އެއީ ކުޑަ ޑީޓެއިލްއެއް މަޒީންގެ ޝޫޓްތަކުގައި ހުންނަ، އެހެންވެ އެހާ ރީތި ވަނީ. އެއީ އެކަމުގެ ސިއްރޭ ބުންޏަސް ދޮގަކަށް ނުވާނެ. އާހިލްގެ އެހީއާ ހެދި އެހާ ރީތިވަނީ.
މަޒީން މުހައްމަދު

މިހާރު ހުރި ހިސާބަށް މަޒީން ވާސިލުވި ގޮތާއި އޭނާގެ ހާއްސަ ކަންތައްތައް:

ދުވަހަކު ވެސް ފޮޓޯގްރާފީން ކޯހެއް ހަދާފައި ނުވާ މަޒީން ފޮޓޯގްރަޕީ ދަސްކުރީ މަޑުމަޑުން ރައްޓެހިން ކައިރިންނެވެ. އަދި ހާއްސަކޮށް މަޒީން ވަނީ ކުޅުދުއްފުށީގެ މަޝްހޫރު ފޮޓޯގްރާފަރު އަދި އޭނާގެ ބޮޑުބޭބެ ޖައުފަރު އަލީގެ ނަން ފާހަގަކޮށްފަ އެވެ.

"ޖައުފަރު އަލީ (ބޮޑުބޭބެ) މިކަމަށް އަޅުގަނޑު ވެއްދުމަށް އެންމެ ކުރިންސުރެ އެންމެ ބޮޑަށް މަސައްކަތްކުރީ، 2016، 2017 އިން ފެށިގެން ވެސް." މަޒީން ފާހަގަކުރި އެވެ.

މަޒީންގެ ހޮބީއެއްގެ ގޮތުގައި ހުސްވަގުތުތަކުގައި އަދި އެންމެ ކުރާހިތުން ކުރާ މަސައްކަތަކީ ކާރު މެނިޕުލޭޝަން ނުވަތަ ފޮޓޯ މެނިޕުލޭޝަން އެވެ. ފޮޓޯއެއް ހިޔާލަކަށް ނުވަތަ ވާހަކައަކަށް ބަލާ ފޮޓޯއެއް އެއްކޮށް ބަދަލުކޮށްލުމެވެ.

މަޒީން ބުނި ގޮތުގައި އޭނާ މިހާރު ކުރަނީ ފޮޓޯޝޮޕް އެޑިޓިންކަމަށާއި ކާރު މެނިޕުލޭޝަން އަކީ އެއްކަންތައް ކަމުގަ އެވެ. ފޮޓޯ މެނިޕުލޭޓްކުރާ މީހުން ވަރަށް ރާއްޖެއިން ނުފެނެ އެވެ. އެހެންކަމުން މިކަން ވެފައި އޮތީ މަޒީންގެ ނަން އިތުރަށް ވިދާލާ ކަމެއްގެ ގޮތުގަ އެވެ.

"ސައިކަލުވެސް މޮޑެލްއަކާ ނުލާ އެންމެ ފުރަތަމަ ނަގަން ފެށި ބައިކް އެމްވީ ފިޔަވާ އިންޑިވިޖުއަލް ފުރަތަމަ މީހުންގެ ތެރޭގައި ހިމެނޭނެ." މަޒީން ބުންޏެވެ.

މަޒީން އޭނާގެ ސްޓައިލަކަށް ބަލަނީ ނަގާ ސައިކަލު ނުވަތަ ކާރުގެ ބެކްގްރައުންޑާއި ލޮކޭޝަން ދޭތި މިކްސް އެންޑް މެޗް ކޮށް ގުޅުވާލުމަށެވެ. އަދި މަޒީންގެ ފޮޓޯތަކުން އެކިކަހަލަ ދުވަސްތައް ފެނެ އެވެ. އޯޓަމްއާއި ސްޕްރިންގް، ސަމާއާއި ވިންޓާ ނުވަތަ ސްނޯ އަދި ހިޔާލީ (ފެންޓެސީ) އަދި ސަންސެޓް ކަހަލަ ސްޓައިލްތަކެވެ.

ފޮޓޯ މެނިޕުލޭޝަންއަށް މަޒީން ބޭނުންކުރަނީ އެޑޯބީ ފޮޓޯޝޮޕެވެ. އަދި ފޮޓޯ ކަލަރ ގްރޭޑިންއަށް އެޑޯބީ ލައިޓް ރޫމެވެ. ވީޑިއޯއަށް އެޑޯބީ އާފްޓަރ އިފެކްޓްސް އެވެ.

ޕްރޮފެޝަނަލްކޮށް ފޮޓޯ ނަގާ މީހަކާއި ހޮބީއެއްގެ ގޮތުގައި ކުރާ މީހެއްގެ ހުންނާނެ ތަފާތުތަކާ މެދު މަޒީންއާ ސުވާލުކޮށްލުމުން އޭނާ ބުނީ ޕްރޮފެޝަނަލްކޮށް ކުރާ މީހެއް ކެމެރާ (ގިޔާ) ހިފައިގެން އަބަދު އުޅޭލެއް މަދުވާނެ ކަމަށެވެ. ނަމަވެސް ހޮބީއެއްގެ ގޮތުގައި ކުރާ މީހެއް ތަންކޮޅެއް ގިނައިން ގިޔާ ހިފައިގެން އުޅޭނެ ކަމަށާއި އަމިއްލަ އެއްޗެހި ނެގުމާއި ކޭންޑިޑް ފޮޓޯތައް ނެގުމަށް ގިނަ ވަގުތުތަކެއް ހޭދަކުރާނެ ކަމަށެވެ.

ޕްރޮފެޝަނަލް މީހަކު ދާނީ ސްޕެސެފިކް ތަންތަނަށް ކަމަށާއި ބައެއް މީހުން ސްޓޯރީ ބޯޑްތަކާއެކު ވެސް އުޅޭ ކަމަށެވެ. އަދި ގިޔާތައް ވެސް ބޮޑަށް ތައްޔާރުކޮށް އެކަމަށް ތައްޔާރުވާނެ ކަމަށެވެ.

މަޒީންގެ އަމިއްލަ ގިޔާތަކެއް ނެތްނަމަވެސް އޭނާގެ އެންމެ ފޭވަރިޓް ލެންސަކީ 85 އެމްއެމް އެވެ. މަޒީން ބުނިގޮތުގައި އެއީ ސްޕޯޓްސް ފޮޓޯ ނަގަން އެންމެ ހެޔޮވަރަށް ކުޅުދުއްފުށީގައި ދުރުމިން (ޑިސްޓޭންސް) ލިބެނީ އެލެންސުން ކަމުގައި ވާތީ ކަމަށެވެ.

ދާއިރާއިން ކުރިއަށްދާން ތިބި ކުދިންނަށް މަޒީންގެ ނަސޭހަތް:

އަބަދުވެސް ކޮންސިސްޓެންޓްވާށެވެ. ކޮންމެ ދުވަހަކު ނޫނަސް ހަފްތާއަކު ވިޔަސް ކޮންމެވެސް ކަހަލަ ފޮޓޯއެއް ނަގާލާ އެޑިޓްކޮށްލާ ދަސްކޮށްލުމަށް މަޒީން ނަސޭހަތްތެރިވެ އެވެ.

މަޝްހޫރު ކްރިއޭޓާސް ނުވަތަ ޔޫޓިއުބަރުންގެ މަސައްކަތް ބަލައިގެން ދަސްކުރުމަކީ މަޒީން ވެސް މައިގަނޑު ގޮތުގައި އެކަންކުރި ގޮތްކަމަށް ބުނެ އެގޮތަށް ކަންތައްކުރުމަށް މަޒީން ބާރު އަޅަ އެވެ.

މަޒީންގެ ފޮޓޯތަކާއި ވީޑިއޯތައް އަޕްލޯޑްކުރުމަށް ބޭނުންކުރާ ޕޯޓްފޯލިއޯއަކީ އިންސްޓަގްރާމެވެ. އެގޮތަށް ލާން ލަދުގަންނަ ކުދިންނަށް ވެސް އަމިއްލަ ކުރިއެރުން ފެނި ކުރިއަރާނީ ޕޯޓްފޯލިއޯއަކަށް އަޕްލޯޑްކޮށްގެން ކަމަށް މަޒީން ބުނެ އެވެ. ފްރައިވެޓްކޮށް ވިޔަސް އަޕްލޯޑްކުރުމަކީ މުހިންމު ކަމެއްކަމަށް އޭނާ ދެކެ އެވެ.

"ކޮންމެ މީހަކު ވެސް ފަށާނީ ޓޮޕަކުން ނޫން، އެކަން ޖެހޭނެ އެނގެން، ކޮންމެ މީހަކުވެސް ބޮޓޮމްއިން ޓޮޕަށް އަރާނީ އަދި އަމިއްލަ ކުރިއެރުންތައް ފެންނާނެހެން ޕަބްލިކްކޮށްގެން." މަޒީން ބުންޏެވެ.

މަޒީންއަކީ ޓްރެންޑިން އެޑިޓްސްއަށް އެހާ ގަޔާވާ ފަރާތެއް ނޫނެވެ. ނަމަވެސް ކުޑަކޮށް އެކަން ވެސް އޭނާ ކުރެ އެވެ، އަދި އޭނާ މިލެވެލްގައި ހިފެހެއްޓުމަށާއި އިތުރަށް ކުރިއަށް ދިޔުމަށް އެންމެ މުހިންމުކަމަކީ ކޮންސިސްޓެންސީކަން ފާހަގަކޮށް އެކަމަށް ވަރަށް ބޮޑަށް އޭނާ ބާރު އަޅަ އެވެ. އަދި އެހެން މީހުން ހިތްހަމަނުޖެހުނު ނަމަވެސް އަމިއްލަ ނަފްސަށް ރީތިއްޔާ އެފޮޓޯއެއް ލުމަށް އޭނާ ބުނެ އެވެ.

މަޒީންގެ ނަޒަރުގައި އޭނާ އެންމެ ގަޔާވާ މަސައްކަތްތައް:

މަޒީންގެ ކެރިއަރުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އޭނާ އެންމެ ގަޔާވާ ތިން މަސައްކަތެއް އޭނާ ފާހަގަކޮށްލި އެވެ. އެގޮތުން ކުޅުދުއްފުށީގައި އޮތް ޕޮލިސް ކާރަކަށް ބަދަލު ގެނެސްގެން ކޮށްފައިވާ ފޮޓޯ މެނިފުލޭޝަންއާއި އައްޔޫބް އަހްމަދު ދީދީ (ބޫޔާ)ގެ ސައިކަލު ފޮޓޯ ޝޫޓާއި މުހައްމަދު މީސަމް (މީއްޓެ)ގެ ސައިކަލު ފޮޓޯ ޝޫޓް އޭނާ ފާހަގަކޮށްލި އެވެ.

އަދި މީގެއިތުރުން ރޭސިންގ ފޮޓޯތަކެވެ. ޝަޓާ ސްޕީޑް ދަށްކޮށްގެން ނަގާފައި ހުންނަ ރީތި ޕޭނިން ޝޮޓްތަކަކީ ވެސް އޭނާއަށް ވަރަށް ކަމުދާ ފޮޓޯތަކެކެވެ.

މަޒީންގެ ކާމިޔާބީގެ ފަހަތުގައިވީ ފަރާތްތައް:

މަޒީންގެ ކާމިޔާބީގެ ފަހަތުގައި ގިނަ ބަޔަކު ތިބިކަން އޭނާ ފާހަގަކުރި އެވެ. އެގޮތުން އެންމެ ފުރަތަމަ މަޒީން ޝުކުރުއަދާކޮށްލީ އޭނާގެ ބޮޑުބޭބެ ޖައުފަރު އަލީ އަށެވެ. ދެން ކުޅުދުއްފުށީގެ މަޝްހޫރު ފޮޓޯގްރާފަރުންކަމަށްވާ އަހްމަދު ރިޒްހާންއާއި ހުސެން ސިރާޖުގެ އަކީ އަބަދުވެސް ފޮޓޯގްރާފީގެ ޓިޕް ދީ އެކި ގޮތްތަކާއި ކަންތައްތައް ދަސްކޮށްދިން ދެ އެކުވެރިންކަމަށެވެ.

އޭނާގެ ބޮސް އަދި އައިވެލް ޕޮޓްރެއިޓްގެ އަހްމަދު ސަމީރުއާއި ނަވާޒް އައްސަދުގެ ފަރާތުން ވެސް ވަރަށް ބޮޑު ސަޕޯޓެއް ލިބޭކަމަށް މަޒީން ބުންޏެވެ. އަދި އޭނާ އޮޓޯމޯޓިވް ދާއިރާއަށް އެންމެ ގަޔާވި އަދި އޭނާ އެކަމަށް ތައާރަފުކޮށްދިން ހާއިޝްއަށް އޭނާ ވަރަށް ބޮޑަށް ޝުކުރުއަދާކުރެ އެވެ. އަދި ހާއިޝްއަކީ މަޒީން ދެކޭގޮތުގައި މަޒީންގެ ކާމިޔާބީ ވަރަށް ވެސް ބޮޑު ހިއްސާ އެކެވެ.

އަބަދުވެސް އާ އައިޑިއާތައް ދޭ ރައްޓެއްސަކީ ހުސެން ރާއިފްކަމަށް ބުނެ މަޒީން ވަނީ ރާއިފްއަށް ވެސް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ރާއިފް އަކީ ވެސް މަޒީން ދެކޭގޮތުގައި އޭނާގެ ކާމިޔާބީގެ ވަރަށް ބޮޑު ހިއްސާދާރެކެވެ.

އަދި އޭނާގެ ކޮންމެ ފޮޓޯއެއްގެ ވެސް ފަހަތުގައިވި އާހިލް އިބްރާހިމް (ޖެނޮސް) އަދި މުހައްމަދު ޖަޒްލާން އަބްދުﷲއަށް ވެސް މަޒީން ވަރަށް ބޮޑަށް ޝުކުރު އަދާކުރެ އެވެ. މީގެއިތުރުން އޭނާގެ އާއިލާއި ގާތް ރަހްމަތްތެރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355