ބޭންކް އޮފް މޯލްޑިވްސްގެ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 307 މިލިއަން ރުފިޔާ އެ ބޭންކަ ލިބިފައިވާކަމަށް އެ ބޭންކުން ބުނެފި އެވެ. މިއަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާވަނީ އެބޭންކަށް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %4 އިތުރު އަދަދެކެވެ.
ހިންގުމުގެ ފައިދާގެ ގޮތުގައި މި ކުއާޓާގައި 414 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ ކުއާޓަރ އާ އަޅާބަލާއިރު %5 އިތުރު އަދަދެކެވެ. ފަންޑިންގ ކޮސްޓް ބޮޑުވެ، ޕްރޮވިޝަން ޗާޖް އިތުރުވެ އަދި އިންވެސްޓްމަންޓްތައް އިތުރުވެގެން ދިޔަ ނަމަވެސް މި ނަތީޖާ ހޯދިފައިވަނީ ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ލިބުނު ކުރިއެރުމުގެ ސަބަބުން ކަމަށާއި ބޭންކުގެ ރައުސްމާާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމް ކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފަ ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.
މި ކުއާޓާގައި ވެސް 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ދަށުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް 40 އަށްވުރެ ގިނަ ހަރަކާތްތަކަށް ބޭންކުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ތިންވަނަ ކުއާޓަރގައި ބީއެމްއެލް ވަނީ ކެލާ، ބާރަށް، އަލިފުށި، ތުޅާދޫ، އަދި މާވަށުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ވަނީ ހުޅުވާފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ބީއެމްއެލް އިން ވަނީ ޔޫއެސް ޑޮލަރު އޭޓީއެމް އެއްވެސް ގާއިމްކޮށްފައެވެ. އަދި ކުރިއަރަމުން އަންނަ ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް ޒަމާނީ ހެޑްކުއާރޓަރސް އެއްވެސް ބޭންކުން ހުޅުވާފައިވަނީ މި ކުއާޓަރގައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް، 5700 ޕީއޯއެސް މަރޗަންޓުން 277 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.