ބީއެމްއެލްގެ "އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑު" ގެ ހަތަރު ވަނަ ބުރަށް ޕްރޮޕޯސަލް ހުށައަޅަން ފުރުސަތު ހުޅުވާލައިފި އެވެ.
ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީ ވުމުގެ ގޮތުން ބީއެމްއެލުން ހިންގާ ކޮމިއުނިޓީ ފަންޑުންގެ 4 ވަނަ ބުރަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހު 14 ވަނަ ދުވަހުގެ މެންދުރު 12:00 ށެވެ.
މިއަހަރުގެ ކޮންމެ ކްއާޓާއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި އެއިން ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގަން 50,000 ރުފިޔާ ބީއެމްއެލް އިން ދޭނެ އެވެ. މި ފުރުސަތުގައި އިޖުތިމާއި ފައިދާއަށް ހިލޭ ސާބަހަށް ކުރާ މަސައްކަތާއި ތައުލީމާއި ކުޅިވަރު އިތުރުން ތިމާވެށި ހިމާޔަތް ކުރުންފަދަ ކަންކަމަށް ޕްރޮޕޯސަލް ހުށައެޅޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
އެގޮތުން މިއަހަރު ތެރޭ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވާން ހިންގާ ޕްރޮގްރާމްގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ދީފައި ވެއެވެ.
ކޮމިއުނިޓީ ފަންޑުގެ މިދިޔަ ކްއާޓަރުގައި އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލަކަށް ހޮވިފައިވަނީ ހދ. ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުމާއި، ހއ. ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުން ކުރުމަށް ހިޔަލެއް ހެދުން ނ. ހޮޅުދޫ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ހެދުމާއި ރ. ހުޅުދުއްފާރުގައި އަތިރިމަތީ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުމާއި އަދި ތ. ކަނޑޫދޫގެ ތުނޑީގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުމުގެ ޕްރޮޕޯސަލެވެ.