ޓީޗަރުންގެ މުސާރައިގެ އޮނިގަނޑު ތައްޔާރުކޮށް ޕޭ ކޮމިޝަނަށް ފޮނުވާފައިވާކަމަށާއި އަންނަ އަހަރު ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ޓީޗަރުންގެ މުސާރައާ ގުޅޭ އޮނިގަނޑު ޕޭ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށާ އޮނިގަނޑުގައި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅުން ހުރި ހުރިހާ އެންމެންގެ މުސާރަ އަށް ބަދަލު ގެނައުމަށް ޕޭ ކޮމިޝަނާ ހިއްސާކުރައްވާފައި ވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މުދައްރިސުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށާއި އެގޮތުން 12 ގަޑިއިރު ސްކޫލުތަކުގައި ހޭދަ ކުރުމަށް ފަހު ގެއަށް އައިސް ކުރިޔަށް އޮތް ދުވަހުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ރޭގަނޑުތަކާއި ހަފްތާ ބަންދުތަކުގައި އިތުރު ހަރަކާތްތަކުގެ މަސައްކަތް ކުރާ ކަމަށާއި އާއިލާއެކު ވަގުތު ހޭދަކޮށްލަން ވެސް ޓީޗަރުންނަށް ނުލިބޭ ކަމަށް އައިޝަތު ވިދާޅުވި އެވެ.
އެހެންކަމުން މުދައްރިސުން މަސައްކަތް ކުރާ ވަގުތު މަދުކޮށް ރަނގަޅު މާހައުލެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މުއައްޒަފުން ކުރާ މަސައްކަތަށް އެކަށީގެންވާ ވަރަށް މުސާރަ ނުދެވޭ ކަމަށާއި އެހެންކަމުން މުސާރައަށް އެދެވޭ ބަދަލެއް ގެނައުމުގެ މަސައްކަތް ޕޭ ކޮމިޝަންއާއެކު ކުރިޔަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓީޗަރުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އާ ކުދިން ޓީޗިން ދާއިރާއަށް ވެއްދުމާއި މިހާރު ތިބި މުއައްޒަފުން ވަޒީފާ ދެމި ތިބޭނެ ގޮތަކަށް މާހައުލު ބަދަލު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މުދައްރިސުންގެ ގަދަރު ދަރިވަރުންގެ ކުރިމަަތީ މަތި ކުރުމަށް ވެސް ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް ހާއްސަކޮށް ހިމަނާފައި ވަނީ 8.6 ބިލިއަން ރުފިޔާ އެވެ.
މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ އަށް ފުރިހަމަކޮށްދެއްވަން ބޭނުންވާ ގިނަ ކަންތައްތަކެއް ހުރުމުން 8.6 ބިލިއަން ރުފިޔާގެ ބަޖެޓު ކުޑަ ކަމަށެވެ.