ހދ އަތޮޅު ތައުލީމީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން އެސްކޫލުގައި އަޅާ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
12 ކުލާސް ރޫމް ހިމެނޭ ހަތަރު ބުރީގެ މި އިމާރާތް ހެދުމަށް މިދިޔަ ސެޕްޓެމްބަރުމަހު ފަހު ކޮޅު ހަވާލުކުރީ ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފަ އެވެ.
ހދ އޭއީސީގައި އާ އިމާރާތް ހަދަނީ ކުރީ ބައު އިމާރާތް ތަޅާލައި އެތަނުގައި އެވެ. މިހާރު ހޯލުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު މިހާރު ވަނީ އިމާރާތް ތަޅާލައި ބިން ސާފުކޮށްފަ އެވެ. އަދި މިހާރު ކުރެވެމުންދަނީ ފައުންޑޭޝަން އެޅުމަށްޓަކާ ކޮނުމުގެ މަސައްކަތެވެ.
8 މިލިއަން ރުފިޔާ ހަރަދުކޮށް ހަދައި މި އިމާރާތް އެއް އަހަރު ދުވަސްތެރޭގައި ނިންމާ ހަވާލުކުރަން ޖެހެ އެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒަކީ އަތޮޅުތެރޭގެ އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ސްކޫލެވެ. މި ސްކޫލުގައި ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 8 ހަމައަށް 1400 އެއްހާ ދަރިވަރުން ދަނީ ތައުލީމް ހާސިލްކުރަމުންނެވެ.
މިދިޔަ އަހަރުތަކުގައި އެ ސްކޫލުގެ ޖާގައިގެ މައްސަލަ ބޮޑުވިނަމަވެސް އެކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުތަކުން މަސައްކަތްކޮށްދީފަ ނުވާކަން ފާހަގަކުރެވެ އެވެ.
މިއަހަރު ހަތަރު ބުރީގެ އިމާރާތް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު އަންނަ އަހަރުވެސް އެ ސްކޫލުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް އާ އިމާރާތެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އަންނަ އަހަރު 12 ކުލާސް ރޫމާއި އޮފީސް އިމާރާތް ހެދުމަށް ބަޖެޓްގައި 7.4 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.