މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، (އެމްއެފްޑީއޭ) "ދިރިތި" ނަމުގައި އޮންލައިން ޕޯޓަލެއް އިފްތިތާހުކޮށްފި އެވެ.
"ދިރިތި" ޕޯޓަލްގެ ނަމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރަޓީ އިން އާއްމުންނަށް ފޯރުކޮށްދެމުންދާ ހިދުމަތް ތައް އޮންލައިނުންކޮށް ލުއީ ފައްސޭހަކަމާއިއެކު ފޯރުކޮށްދިނުމަށް ގާއިމުކުރި މި ޕޯޓަލް އިއްޔެ ހެނދުނު ސްޓެލްކޯގައި ބޭއްވުނު ރަސްމިއްޔާތުގައި އިފްތިތާހު ކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނެވެ.
މިޕޯޓަލް އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ސަރުކާރުން އާއްމު ފަރުދުނަށް ފޯރުކޮށްދެމުންދާ ހިދުމަތް ތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި މަސައްކަތުގެ ދުވެލި އަވަސްކުރުމަށް ސަރުކާރުން މިކުރާ މަސައްކަތަށް އެމްއެފްޑީއޭއިން އޮންލައިންކޮށް ހިދުމަތް ދިނުމަށް ގާއިމުކުރި "ދިރިތި" މިޕޯޓަލްގެ ސަބަބުން އިތުރު ލުއީފައްސޭހައެއް ކަމަށް ލިބިގެންދާނެކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯއަރަޓީގެ މިޕޯޓަލްގެ ސަބަބުން ކާބޯތަކެއްޗާއި ބޭހާ ގުޅޭގޮތުން ނަގަންޖެހޭ ހުއްދަތަކާއި ކުރާ އިއުލާންތަކާއި އަދި ބޯޑަރއިން ދޫކުރާ ހެލްތުކުލިއަރެންސް ހޯދުމުގެ މަސައްކަތުގެ ދުވެލި އަވަސްވެގެންދާނެކަމަށެވެ.
ދިރިތި ނިޒާމް ތައާރަފްވުމުން ނެޝަނަލް ސިންގަލް ވިންޑޯ ވިއުގަށް ގުޅައިލުމުން އެހެން ފަރާތް ތަކާއިއެކު މަސައްކަތުގައި ބަދަލުކުރެވޭ ލިޔެކިއުންތައް ބަދަލުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށާއި އަދި މިއީ ސަރުކާރުގެ އެކި މުވައްސަސާ ތަކަށް އެކިފަހަރު މަތިން ކުރަންޖެހޭ ދަތުރުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމުކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އިތުރަށް ވާހަކަ ފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުނަށް ދެވޭ ހިދުމަތް ތައް އެންމެ ލުއީ ފައްސޭހަކޮށް އަވަސްދުވެއްޔެއްގައި ފޯރުކޮށްދިނުމަށް ކަމަށްވާތީ މިއީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސިއްހީ ހިދުމަތް ޑިޖިޓަލައިޒްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުރިހަމަވެގެންދާ ކަމެއް ކަމަށްވުމީ ސަރުކާރަށް ލިބިގެން ދިޔަ އިތުރު ކާމިޔާބީއެއް ކަމަށެވެ.