twitterviber whatsapp telegramfacebookyoutube instagram
25th April 2024

ލޯކަލް މާރުކޭޓްގައި ތަކެތި ވިއްކުމަށް އެންމެ މީހަކު، ތަރުހީބެއް ނެތް!

އިބްރާހިމް ހަމީދު
Nov 11, 2019
3

ދަނޑުވެރިންގެ މާރުކޭޓަށް ލިބެމުންދާ ތަރުހީބު ކުޑަކަމަށާއި އެކަމަކުވެސް މާރުކޭޓް ބަންދުނުކުރާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީގައި ނިމިދިޔަ ސަރުކާރުން ދިވެހި އުފެއްދުންތައް ވިއްކުމަށް ގާއިމުކޮށްފައިވާ ލޯކަލް މާރުކޭޓްގެ ގޮޅިތައް ހިފައިގެން ވިޔަފާރިކުރަމުންދަނީ މަދު ބައެކެވެ. އެހެންވެ އެތަން ބަންދުކޮށްފައިވާކަމަށް ބައެއް މީހުންނަށް ވަނީ ހީކުރެވިފަ އެވެ.

"ގޮޅިތައް ހުންނާނީ އާންމު ފަރާތްތަކަށް ކުއްޔަށް ދީފަ. އެހެންނަމަވެސް އެފަރާތްތަކުން އެތާ ނުތިބޭ ކަމަވަންޔާ އެތަނުގެ ދޮރު ހުންނާނީ ލައްޕާފައި އެހެންނުންތޯ. އެއްވެސް ގޮތަކަށް އެތަން ބަންދެއް ނުކުރަން އިނގޭތޯ." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ގޮޅިތައް ކުއްޔަށް ހިފާފައިވާ ފަރާތްތައް އެތަނުގައި ބޭތިއްބުމަށްޓަކައި އެތަން ވޮޗަރުން ލައިގެން މާރުކޭޓް ހުޅުވާ ހައްދަވަމުން ގެންދެވިކަމަށާއި އެހެންނަމަވެސް ގޮޅިތައް ހިފާފައިވާ ފަރާތްތަކުން އެތަނުގައި ނުތިބޭ ކަމަށެވެ. އެކަމަކު މިހާރު އެތަނުގައި ވޮޓަރުން ނުތިބެ އެވެ.

ގޮޅިތައް ހިފި ގިނަ ބަޔަކު މިހާރު ގޮޅިތައް ދޫކޮށްލާފައިވާއިރު ގޮޅިއެއް ހިފައިގެން މިވަގުތު ވިޔަފާރިކުރަމުންދަނީ އެންމެ މީހެކެވެ.

އޭނާ ވިދާޅުވީ ރަށުގެ ވިޔަފާރި ސިސްޓަމް އޮންނަ ގޮތުން އަދި އެތަނުގައި އެކަން ކުރެވެން މިވަގުތު ނެތް ކަމަށާއި އެކަމަކު އުންމީދަކީ ކުރިއަށް އޮތް ތަނުގައި މާރުކޭޓް ހިނގާނެކަމަށެވެ.

"އެންމެފަހު ވަގުތާއި ޖެހެންދެން އަޅުގަނޑުމެން މަޑުކުރަމުން މިދަނީ އެހެން ބޭނުމަކަށް މާރުކޭޓް ބޭނުން ނުކޮށްވޭތޯ. މިވަގުތަކަށް މާރުކޭޓަށް ތަރުހީބެއް ނެތް." ރައީސް ވިދާޅުވިއެވެ.

މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ހިފި އެއްވެސް ފަރާތަކުން ރަސްމީކޮށް މިހާތަނަށް ގޮޅިތަކާ ބެހޭ ގޮތުން އެއްވެސް ޝަކުވާއެއްކޮށްފައިނުވާކަން ފާހަގަކުރަމުން ލަތީފް ވިދާޅުވީ އެ ފަރާތް ތަކާއެކު ދެ ފަހަރެއްގެ މަތިން ވާނީ މަޝްވަރާ ކުރެވިފަ ކަމަށެވެ.

"އެއްވެސް ފަރާތަކުން މިވީހީތަނަށް އަޅުގަނޑުމެންނަށް އަންގާފައެއްނެތް މިވެނި ސަބަބަކާއި ހުރެޔޭ މިދޫކޮށްލަނީއެއް، މިވަގުތު ކުރެވެން ނެތީމަ ދޫކޮށްލަނި ކަމަށް އެފަރާތް ތަކުން ބުނަމުންދަނީ. ކުއްޔަށް ދޫކޮށްފައިވާ އަގާއި ބެހޭގޮތުންވެސް މިހާތަނަށް އެއްވެސް ޝަކުވާއެއް ކޮށްފައެއް ނެތް." ލަތީފް ވިދާޅުވި އެވެ.

މާރުކޭޓް ހިންގުމަށް ހަރަދުތަކެއް ހިނގާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މާރުކޭޓް ހިލޭ ނުދެވޭނެކަމަށާއި މިހާރުވެސް އެތަނުގެ ކަރަންޓް ބިލާއި ތަން ބެލެހެއްޓުމަށް ހަރަދުތަކެއް ކުރަންޖެހޭ ކަމަށެވެ.

މާރުކޭޓްގެ ގޮޅި ކުއްޔަށް ހިފި ފަރާތްތަކުން ކޭއޯއާ ވާހަކަ ދައްކަމުން ބުނީ ދިވެހި އުފެއްދުން ތައް ވިއްކުމަށް ސަރުކާރުން ހެދި މި މާރުކޭޓްގެ ގޮޅިތަކުގެ އަގުބޮޑުވުމާއި ހޫނުގަދަވުމުގެ ސަބަބުން ތަކެތި ހަލާކު ވަމުންދާކަމަށެވެ. އަދި މި ވިޔަފާރިއަކީ ރަނގަޅުވުމަށް ދުވަސްކޮޅެއް ނަގާނެ ވިޔަފާރިއެއްކަމުން ފުރަތަމަ ދުވަސްކޮޅު ތަނުގެ އަގު ކުޑަކުރުން މުހިންމު ކަމަށެވެ.

އެމީހާ ބުނީ ހޮނިހިރު ބާޒާރުގައި ސަބަބުން ލޯކަލް މާރުކޭޓްގެ ބޭނުމެއް ނެތް ކަމަށާ އަދި ހޮނިހިރު ބާޒާރުގައި ގިނަ އަދަދެއްގެ ބިދޭސީން ތަކެތި ވިއްކަން ތިބޭތީވެސް އެމީހާ ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

"ހޮނިހިރު ބާޒާރުގައި ގިނަ އަދަދަކަށް ބިދޭސީން ތިބޭ ތަކެތި ވިއްކުމަށް. އެއްވެސް ފީއެއް ނެގުމެއް ނެތް. ބިދޭސީން ތަކެތި ވިއްކުމަށް ހޮނިހިރު ބާޒާރުގައި ތިބޭ ތިބުމަށް އެއްވެސް ފިޔަވަޅެއް ކައުންސިލަށް މިހާތަނަށް ނޭޅުނު". އެމީހާ ހިތްހަމަނުޖެހި ހުރެ ބުންޏެވެ.

އިތުރަށް އެމީހާ ބުނީ އަނެއްކާ ކުއްލިއަކަށް ފެނުނީ ކައުންސިލުން ހުއްދަދީގެން ގާޑިޔާ ވިޔަފާރިއޭ ކިޔާފައި މާރުކޭޓްގެ އުތުރުން ފާޑެއްގެ ބާޓީނު ގެއެއްހަދައިގެން ލޯކަލް އެއްޗެހި ވިއްކަމުންދާ މަންޒަރު ކަމަށެވެ. އަދި މިއީ މާރުކޭޓްގެ ބުޑުގައި މިބާވަތުގެ އެއްޗެހި ވިއްކުމަށް ހުއްދަދޭންޖެހޭ ވިޔަފާރިއެއް ނޫންކަމަށާއި މިއީ ކައުންސިލުން ވިސްނަން ޖެހޭ ކަމެއް އެމީހާ ބުންޏެވެ.

ދިވެހި އުފެއްދުންތަކަށް ވިއްކުމަށް ހާއްސަ ކުރެވިގެން ހެދި މި މާރުކޭޓްގައި ޖުމްލަ 30 ގޮޅި ހުންނައިރު އެތަނުން 2 ގޮޅި ހާއްސަކުރެވިފައިވަނީ ވަޅޯމަސް ވިއްކުމަށްށެވެ. ގޮޅިތައް ދޫކުރަނީ 1200ރ އާއި 1000 ރުފިޔާ އަދި 800 ރުފިޔާއަށެވެ.

ކުޅުދުއްފުށީގައި ދިވެހި އުފެއްދުންތައް ވިއްކުމަށްޓަކައި ނިމިދިޔަ ރައީސް ޔާމީން ވެރިކަމުގައި ދައުލަތުގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި މިމާރުކޭޓްގެ މަސައްކަތް ނިންމާލާފައިވަނީ 20 މަސްދުވަހުގެ ތެރޭގައި އެވެ. އަދި ރަސްމީކޮށް މާރުކޭޓް ހުޅުވާފައިވަނީ މިއަހަރު މާރޗް މަހު ހޯމްމިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355