ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުކުމް އިއްވުމަކީ މިސަރުކާރުގެ ވައުދެއްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދަޢުވާގެ ޝަރީއަތް މިމަހުގެ 17 ވަނަ ދުވަހަށް ތާވަލްކޮށްފައިވަނީ ވެސް ރާވައިގެން ކަމަށާއި އެދުވަހަކީ މިސަރުކާރަށް އަހަރެއް ފުރޭ ދުވަސްކަމުން އެދުވަހުގެ މުނާސަބަތުގައި އެމީހުން ބޭނުންވަނީ ރައީސް ޔާމިންގެ މައްޗަށް ހުކުމް ކޮށް އުފާފާޅުކުރުން ކަމަށެވެ.
ސަރުކާރުން ރައީސް ޔާމިން ޝަރީއަތަށް ވަރަށް ބޮޑަށް ނުފޫޒް ފޯރުވަމުންދާކަމަށާއި މުޅި ސަރުކާރުގެ ފޯކަސް އޮތީ ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށްލުން ކަމަށާއި އެއީ މިސަރުކާރުގެ ވައުދެއްކަމަށް އަދުރޭ ވިދާޅުވިއެވެ.
"ރައީސް ޔާމީން ޖަލަށް ލުމަކީ މި ސަރުކާރުގެ ވައުދެއް އެކަން އެމީހުން ކުރާނެ. މިއީ ސިޔާސީ ދައުވާއެއްކަން ހުރިހާ ދިވެހި ރައްޔިތުންނަށް އެނގޭނެ." އަދުރޭ ވިދާޅުވި އެވެ.
ބައެއް ވަޢުދުތައް އެމީހުން ވަރަށް ރަނގަޅަށް ހަނދާން ހުންނާނެ ކަމަށާއި އަނެއްބައި ވަޢުދުތައް އެއްގޮތަކަށްވެސް ހަނދާނެއް ނުހުންނާނެކަމާއި އެހެންނަމަވެސް ރައީސް ޔާމީންގެ ސަރީއަތް ފާހަގަ ކުރައްވަމުން އަދުރޭ ވިދާޅުވީ ޖުޑިޝަރީ ފުނޑާލާއިރު ބަލަހައްޓައިގެން ނުތިބޭނެކަމަށާއި ކުރަންޖެހުނު ކޮންމެކަމެއް ކުރާނެ ކަމަށެވެ.
އިތުރަށް މިބައްދަލުވުމުގައި ވާހަކަ ފުޅުދައްކަވަމުން ފީއެންސީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދިވެހި ގައުމުދެކެ ލޯބިވާ ހުރިހާ އެންމެން މިއަދު މައްމައްޗަށް ނިކުންނަން ޖެހޭ ކަމަށާއި ރައީސް ޔާމީންގެ ސަރީއަތާއި ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ އެއްވުމެއް މިރޭ ޕީޕީއެމް އޮފީސް ކުރިމަތީ އޮންނާނެ ކަމަށެވެ.
ރައީސް ޔާމީންގެ ޝަރީޢަތް މިހާތަނަށް ޖެހެންދެން ކުރިއަށް ގެންދެވި ކުރިމިނަލްކޯޓް ގެ އިސް ޤާޟީ އަޙުމަދު ހައިލަމެވެ. އެހެންނަމަވެސް ފަނޑިޔާރު ހައިލަމްގެ ސުލޫކީ މައްސަލައެއްގައި ސަސްޕެންޑްކޮށްފައިވާއިރު ކްރިމިނަލް ކޯޓުގެ ހިންގުން މިހާރު ހަވާލުކޮށްފައިވަނީ ފަނޑިޔާރު ޢަލީ ރަޝީދު އާއެވެ.
ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައިވެސް ސިޔާސީ އެތަކެއް ބަޔަކު ވަނީ ހުކުމްކޮށް ޖަލަށް ލެވިފައިވެ އެވެ.