ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވިހާ ދުވަހަކު އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ދިނުމުގެ ފުރުސަތު ނުދެއްވާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މިއަދުގެ ޖަލްސާގައި ޓެރަރިޒަމާ ގުޅޭ ޖަމާއަތެއް ކަމަށްބުނެ ދީނީ ކަންތައްތައް ކުރިއަރުވަން އުފައްދާފައިވާ ސަލަފް ޖަމިއްޔާއަށް ފިޔަވަޅު އެޅުމާބެހޭގޮތުން މަޖިލިސް ރައީސް ދެއްކެވި ވާހަކައާ ގުޅިގެން ނިޒާމީ މައްސަލައެއް ނަގަވައި ނައިފަރު ދާއިރާ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
ޝިޔާމު ވިދާޅުވީ މަޖިލީހުގެ ރިޔާސަތަށް ފެންނަ ގޮތަކީ މުޅި މަޖިލީހަށް ފެންނަ ގޮތެއް ކަމަށް ނިންމައިގެން ވަކި ފަރާތަކަށް އަމާޒުކޮށް ވަކި ބައެއްގެ ބޮލުގައި ކަންތައްތައް އަޅުވައިގެން ނުވާނެ ކަމަަށާއި އަދި މީހުން ހަނގުރާމައަށް ފޮނުވާ ހަރުކަށި ޖަމާއަތްތައް އުޅޭކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.
ޝިޔާމު ވިދާޅުވީ ސެކިއުރަލިޒަމް އާއި ލާދީނިއްޔަތު ފަތުރަން ބޭނުންވާ ފަރާތްތަކަށް ތަން މިނަށް ޖާގަ ދީގެން ދީނީ އިލްމުވެރިންގެ އަނގަ ބަންދު ކުރަން މަޖިލިސް ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކްސްޓްރީމިސްޓުންނަށް ފިޔަވަޅު އަޅާއިރު އެކަން ދެ ފަރާތަށްވެސް އޮންނަން ޖެހޭނެ ކަމަށެވެ.
މެމްބަރު ޝިޔާމަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެހެން އެއްވެސް މަގުސަދެއްގައި މަޖިލީސް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި މި ރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ޖާގަ ދިނުމަށް މަޖިލީހުން އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު އެމަނިކުފާނުގެ ރިޔާސަތުގައި ނުދެއްވާނެ ކަމަށެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ހަމައެކަނި ކަންބޮޑުވެގެން މިއުޅެނީ ހަނގުރާމައަށް މީހުން ފޮނުވާތީ ކަމަށާއި ސަތޭކައިން ސަތޭކަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އޮންނާނެ ކަމަށާއި މި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަދޭނެ އެއްވެސްކަމެއް ނުހިނގާނެ ކަމަށްވެސް ވިދާޅުވިއެވެ.