އިލެކްޝަންސް ކޮމިޝަންގެ އަދި އިންޓެގްރީޓީ ކޮމިޝަނުގެ މެމްބަރުކަމަށް ބޭފުޅުން އައްޔަން ކުރައްވައިފި
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މައްޗަންގޯޅި ތަޅަމުދިގެ ފުއާދު ތައުފީގު އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ވިލިމާލެ ދިވެތި ކާނަލް ރިޓަޔަރޑް އަހުމަދު ޖިހާދު އައްޔަންކުރައްވައިފި އެވެ.
ރައިސުލްޖުމްހޫރިޔާގެ އޮފީހުގައި މި ބޭފުޅުން މަގާމަށް އައްޔަންކުރައްވައި މަގާމުގެ ލިއުން ހަވާލުކުރެއްވުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެއްވި ފުއާދު ތައުފީގަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރެވެ.
އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް މިއަދު އައްޔަންކުރެއްވި ކާނަލް ރިޓަޔަރޑް އަހުމަދު ޖިހާދު އެންމެފަހުން މަސައްކަތް ކުރެއްވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައެވެ.
ކާނަލް ރިޓަޔަރޑް އަހުމަދު ޖިހާދު 1982 ގައި ދިވެހި އަސްކަރިއްޔާއާ ގުޅިވަޑައިގެންނެވުމަށްފަހު 2013 ވަނަ އަހަރާ ހަމައަށް އަސްކަރިއްޔާގެ އެކި މަގާމުތައް ފުރުއްވާފައި ވެއެވެ. އޭނާ އެންމެ ފަހުން ހުންނެވީ ކޯސްޓްގާޑް މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ޑެޕިއުޓީ ސާޗް ކޯޑިނޭޓަރެއްގެ މަގާމުގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މިއަދު އައްޔަންކުރެއްވި ފުއާދު ތައުފީގަކީ 2008 އިން 2009އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި 2014 ވަނަ އަހަރުގެ މާރޗު މަހާ ހަމައަށް ފުއާދު ތައުފީގު ހުންނެވީ އެކޮމިޝަނުގެ ރައީސްގެ މަގާމުގައެވެ. ފުއާދު ތައުފީގު ސަރުކާރުގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ ފެބުރުއަރީ 1973ގައެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގައެވެ. އަދި 2007 ވަނަ އަހަރާއި ހަމައަށް ހުންނެވީ އެއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.