ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ދޭ އިނާޔަތް ޖިނާއީ ކުށެއް ސާބިތުވުމުން ނުލިބޭ ގޮތަށް އޮތް ނަމަވެސް އެ ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމުމުން އިނާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްވީ 58 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މި އިސްލާހާއި ދެކޮޅަށް 2 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.
މިހާރު އޮންނަ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެ މަގާމުގައި ހުންނެވި އިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ ނަމަ އޭނާ އާއި އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތެއް ނުލިބެ އެވެ.
ކުރީގެ ސަރުކާރުން އެ ގާނޫނު އިސްލާހު ކުރީ ކުރީގެ ރައީސް ނަޝީދަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އަމާޒުކޮށެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށައެޅުއްވި ބިލަށް މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ގެނައި ބަދަލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އޭނާ މަގާމުގައި ހުރިއިރު ނުވަތަ އޭގެ ފަހުން ވިޔަސް ޖިނާއީ ކުށެއް ކުރި ކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން އެ ކުރި ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމެންދެން އޭނާ އާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ ކަމަށެވެ.