twitterviber whatsapp telegramfacebookyoutube instagram
19th April 2024

ތުހުމަތަށް ހައްޔަރުކުރި ޒުވާނަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ

އަބްދުލް ވާހިދު ޙަސަން
Dec 7, 2019
16

ކުޅުދުއްފުށީ ދެ ފުލުހަކަށް އިންޒާރުދީ އެ ދެ ފުލުހުންގެ ސައިކަލަށް ގެއްލުންދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިމައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން 25 އަހަރުގެ ޒުވާނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި ހުސްވި ނޮވެމްބަރުމަހުގެ 29 ވަނަ ދުވަހު އެވެ.

25 އަހަރުގެ ޒުވާނާގެ އެއްބަނޑު އެއްބަފާ ބޭބެ، މުހައްމަދު ހުސެއިން ކޭއޯއާ ވާހަކަ ދައްކަމުން ބުނީ، ފުލުހުން ކުރާ ތުހުމަތަށް އޭނާގެ ކޮއްކޮ ހައްޔަރުކޮށް، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެންގޮސް އަނިޔާކޮށް، އަތުގެ އިނގިޔެއް ބިންދާލާފައިވާ ކަމަށެވެ.

މުހައްމަދު، އޭނާގެ ކޮއްކޮއާ ހަވާލާދީ ބުނީ، އަނިޔާކޮށްފައިވަނީ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ފުރަތަމަ ދުވަހު ކަމަށާއި އެ ދުވަހު އަނިޔާކޮށްފައިވަނީ ގޮޅިއަށް ލުމުގެ ކުރިން ކަމަށެވެ. އޭނާ ބުނީ އަނިޔާކޮށްފައިވަނީ ޕޮލިސް ސްޓޭޝަނުގެ ގޮޅިތަކުގެ ޑިއުޓީއަށް ތިބޭ ފުލުހުން ތިބޭ ރޫމަކަށް ވައްދާފައި ކަމަށެވެ.

ބިޑި އަޅުވާފައި ބައިންދައިގެން އަނިޔާކުރިއިރު އެތަނުގައި ޑިއުޓީއަށް ހުރި ފުލުސް މީހާ ކުރިމަތީގައި ހުރި މޭޒެއް ކައިރީގައި އިން ކަމަށާއި އޭނާ އެއްވެސް ވަރަކަށް އެ މީހުން ހުއްޓުވަން މަސައްކަތްކޮށްފައި ނުވާކަމަށްވެސް އޭނާގެ ކޮއްކޮއާ ހަވާލާދީ މުހައްމަދު ކިޔައިދިނެވެ.

"ތިން ފުލުހަކު އަނިޔާކުރީ، ކޮޅުފައިންނާއި އަތުންވެސް ތެޅި. މި ހުރީ ބައެއް ނިޝާންތައް ފެންނަށް. އޭނާއަކީ ފުލުހުންގެ ރިކޯޑް އޮންނަ މީހެއް ނޫން." މުހައްމަދު ބުންޏެވެ.

އަނިޔާކުރިކަމަށް ބުނާ ތިން ފުލުހުންގެ ނަމާއި އަދި އެތަނުގައި އެވަގުތު ޑިއުޓީއަށް ހުރި ފުލުސް މީހާގެ ނަމާއި އެޑްރެސްތައްވެސް އެ މީހުން ކިޔައިދިނެވެ. ނަމަވެސް ބައެއް ސަބަބުތަކާ ހެދި އެ ނަންތައް އަދި "ކޭއޯ" އިން ހާމަކުރަން ބޭނުމެއް ނުވެ އެވެ.

މުހައްމަދުގެ ކޮއްކޮގެ ގައިގައި ފުލުހުން ތަޅައި އަނިޔާކޮށްފައިވާކަމަށް ބުނާ ތަންތަންވެސް ކޭއޯގެ ނޫސްވެރިންނަށް ވަނީ ދައްކާލާފަ އެވެ. އެގޮތުން ކަނާއަތުގެ ޝަހާދު އިނގިލީގެ ކަށިގަނޑެއް ބިނދާލާފައިވާއިރު ފައިގަޔާއި އަތުގައިވެސް ނިޝާންތައް ފެންނަށް ހުރި އެވެ.

މުހައްމަދު ބުނީ އަނިޔާކުރުން ހުއްޓާލީ އެ ރޫމަށް އިތުރު ފުލުހަކު އައުމުން ކަމަށާ އަނިޔާކުރުމަށް ފަހު ޑޮކްޓަރަށް ދައްކަންދާން ބޭނުންނަމަ އެ ފުރުސަތު އޮތް ވާހަކަ ފުލުހުން ބުނި ކަމަށެވެ. ނަމަވެސް އެ ދުވަހު ޑޮކްޓަރަށް ދައްކަން ނުދާ ކަމަށާއި ޑޮކްޓަރަށް ދައްކަން ދިޔައީ ރޯގާ ޖެހުމުން ކަމަށެވެ. އޭނާގެ ބޭބެ މުހައްމަދު ބުނީ ރޯގާ ޖެހުމުން ޑޮކްޓަރަށް ދެއްކުމަށްދާ އެދުނީ އޭނާގެ ކޮއްކޮއަކީ ސައިނަސް ހުންނަ މީހަކަ ވާތީ ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް އޭނާ ޑޮކްޓަރަށް ދެއްކުމަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްގެން އުޅޭކަން އާއިލާގެ މީހަކު ފަރާތުން އެނގިގެންގޮސް ހޮސްޕިޓަލަށްގޮސް، އެވަގުތު ޑޮކްޓަރު ރޫމަށް ވަދެ އޭނާގެ ހާލަތު ބެލި ކަމަށް މުހައްމަދު ބުންޏެވެ.

އަތުގެ އިނގިލި ބިނދިފައިވާކަން އެނގުނީ އެކްސްރޭ ނެގުމުން ކަމަށްވެސް އޭނާ ބުންޏެވެ. އިނގިލީގައި މިވަގުތު ޕްލާސްޓަރު އަޅާފައިވާއިރު ޕްލާސްޓަރު އަޅައިގެން ރަނގަޅު ނުކުރެވޭނެތީ އިތުރު ފަރުވާއަށް ދާން ޖެހެނީ މާލެއަށެވެ.

މި ތުހުމަތުތަކާ ގުޅިގެން ކޭއޯއިން ފުލުހުންނަށް ސުވާލުކުރުމުން ފުލުހުން ބުނީ ދެ ފުލުހަކަށް ބިރުދައްކައި އިންޒާރުދީ، އެ މީހުންގެ މުދަލަށް ގެއްލުންދިން މައްސަލައެއްގައި 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިރު އެއްވެސް އަނިޔާއެއް ހުރިކަމަށް މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

އެކަމަކު މިމަހު 6 ވަނަ ދުވަހު އޭނާ ރޯގާ ޖެހިގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔުމުން އިނގިއްޔެއްގައިވެސް ރިއްސާކަމަށް ބުމުން، އެކްސްރޭ އެއް ނެގިއިރު ކަނާތު އިނގިއްޔެއްގެ ކަށިގަނޑަކަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.

" މި އަނިޔާ އޭނައަށް ލިބިފައިވަނީ ކިހިނެއް ތޯ ބެލުމަށް ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން." ފުލުހުން ބުންޏެވެ ވިދާޅުވި އެވެ.

ފުލުހުން އިތުރަށް ބުނީ އޭނާ އާއިލާއަށްވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރސް ކޮމާންޑްސްގެ ނަމްބަރު ހިއްސާކުރުމަށްފަހު، ކުރިއަށްދާގޮތް ކިޔަދީފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355