މި މަހު 2 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ބިލު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އެ ގާނޫނު ޝާއިއު ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް އިސްލާހު ގެނައީ ރައީސް ކަން ކުރެއްވި ބޭފުޅުން އެ ގާނޫނު އައުމުގެ ކުރިން ކޮށްފައިވާ ކުށްތަކާ ގުޅިގެން އިނާޔަތް ނުލިބޭ ގޮތަށް އޮތް އޮތުން އުވާލުމަށެވެ. އަދި ހުކުމެއް އައިސްގެން އިނާޔަތް ނުލިބޭ ގޮތަށް އޮތަސް ހުކުމް ތަންފީޒުކޮށް ނިމުމުން އިނާޔަތް ލިބޭ ގޮތަށެވެ.
ރައީސްކަން ކުރެއްވި ބޭފުޅުން އެ ގާނޫނު އައުމުގެ ކުރިން ކުރެއްވި ޖިނާއީ ކުށްތަކަށް އިނާޔަތް ނުލިބޭ ގޮތަށް އޮތް ބައި އުވާލިޔަސް އެ ގާނޫނު އައުމަށް ފަހު ރައީސްކަން ކުރެއްވި މުއްދަތުގައި ކުރެއްވި ކުށްތަކަށް އިނާޔަތް ނުލިބޭ ގޮތަށް ގާނޫނުގައި އޮތް ބައި އުވާލާފައެއް ނުވެ އެވެ.
ކުރީގެ ރައީސުންގެ ތެރެއިން ޖިނާއީ ކުށެއް ސާބިތުވެފައި މިހާރު ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.