ކުޅުދުއްފުށީ ކައުންސިލުން ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އުސޫލުތަކަށް ބަދަލުގެނެސް ބޭނުންވާ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެގޮތް ހަދައި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
ރަށުގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް އެހެން އަހަރުތަކާ ތަފާތުކޮށް އަންނަ އަހަރު ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ޤުރުއާން ކިޔަވަން ބޭނުންވާ ކޮންމެ އުމުރެއްގެ މީހަކަށްވެސް އެ ފުރުސަތު ހޯދައިދިނުމާއި ޤުރުއާނުގެ އިލްމަށް ފެންވަރު ރަނގަޅު ދަރިވަރުންތަކެއް ބިނާކުރުމެވެ.
އެހެން އަހަރުތަކުގައި މި މުބާރާތުގައި ބައިވެރިވެވޭނީ ސްކޫލުތަކާއި ޤުރުއާން ކުލާސްތަކުން ހޮވާލެވޭ ވަކި އަދަދެއްގެ ދަރިވަރުންތަކަކަށް އެކަންޏެވެ. އެހެންވުމުންގެ ސަބަބުން ގިނަ ދަރިވަރުންތަކަށް މުބާރާތުގައި ބައިވެރިވުމަށް އޮންނަ ފުރުސަތު ގެއްލިގެންދެ އެވެ. އަދި ހަމަ މުބާރާތުގައި ވާދަކުރަން ބޭނުންވާ ދޮށީ އުމުރުފުރާގެ ފަރާތްތަކަށް އޮންނަ ފުރުސަތުވެސް ވަރަށް ބޮޑަށް އޮންނަނީ ހަނިވެފަ އެވެ.
އެކަމަކު އެ އުސޫލަށް ކައުންސިލުން ބަދަލު ގެނެސް މުބާރާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެވޭނެ ހެން އަންނަ އަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ވަނީ ހުޅުވާލާފަ އެވެ. ކައުންސިލުން ގެނައި މި ބަދަލާއެކު ކޮންމެ އުމުރެއްގެ މީހަކަށްވެސް ބައިވެރިވެވޭނެ އެވެ.
ކައުންސިލުން ބުނީ ޤުރުއާން މުބާރާތް އޮންނާނީ އަންނަ އަހަރުގެ ފެބުރުއަރީމަހުގެ 20،21 އަދި 22 ގައި ކަމަށެވެ. މި މުބާރާތުގެ ގަވައިދާއި ބައިވެރިވުމަށް ބޭނުންވާ ފޯމް ކައުންސިލް އިދާރާއިންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. މުބާރާތުގެ ބައިވެރިވުމަށް ބޭނުންވާ އެންމެ ފަހު ތާރިހަކީ މިމަހުގެ އަންނަ ޖެނުއަރީމަހުގެ 16 ވަނަ ދުވަހެވެ.