twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވެރިކަމުގެ ބާރުތައް މުށުތެރެއަށް ލުމަކީ ކުރާނެ ކަމެއް ނޫން: ރައީސް

ނަބީލާ އިސްމާޢީލް
Dec 16, 2019

ވެރިކަމުގެ ލައްޒަތާއި ޖާހު މަތިކުރުމަށްޓަކައި ބާރުތައް މުށުތެރެއަށް ލުމަކީ މިސަރުކާރުން ކުރާނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު އިއްޔެ މެންދުރުފަހު ކޮރޮސްރޯޑް މޯލްޑިވްސްގައި ފެށި “ވިއަވަތި ރާއްޖެ” މަސްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި މަސްވަރާ ބައްދަލުވުމަކީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާ އެއްތަނަކުން އެއްފަހަރާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވާ މިފަދަ ފުރަތަމަ މަސްވަރާ ބައްދަލުވުމެވެ.

މިރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވާފައެވެ. މި ބިލާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިސަރުކާރު ވެރިކަމަށް އަންނަން ރައްޔިތުންނަށްވީ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދަކީވެސް ރާއްޖެ ތަރައްގީ ކުރެވޭނީ ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި ކަމަށް ވިދާޅުވި ވިދާޅުވުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިބިލާއެކު ދިވެހިރާއްޖެ ލާމަރުކަޒު ކުރުމުގެ މަސައްކަތް ފުރިހަމަ މާނައިގައި ފެށިގެން ދިޔައީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވާހަކާގައި ލާ މަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު ރާއްޖޭގެ ހިންގުމަށް އަންނާނެ މުހިންމު ބަދަލުތަކުގެ މައްޗަށްވެސް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން އެންމެ މުހިންމު އެއް ބަދަލެއްގެ ގޮތުގައި ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުމާއި ރަށަށް އަތޮޅަށް އަދި ސިޓީއަށް ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުން އެންމެ މުހިންމު ބަދަލުތަކުގެ ތެރޭގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މުހިންމު އިތުރު ބަދަލެއްގެ ގޮތުގައި އަންހެން ބޭފުޅުންނަށް މިހާރަށް ވުރެ އިތުރު ފުރުސަތުތައް މި ގާނޫނުގެ ދަށުން ހޯއްދަވައިދެއްވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މީހުން ދިރިއުޅޭ 179 ރަށާއި 3 ސިޓީގައި 384 އަންހެން ބޭފުޅުން ކައުންސިލްތަކަށް އިންތިހާބު ކުރެވިގެން ދިޔުންކަމަށާއި އަންހެނުންގެ ކޮމިޓީތަކަށް 929 އަންހެން ބޭފުޅުން އިންތިހާބު ކުރެވިގެން ދާނެކަމަށެވެ. މި އަދަދުތަކަށް ބަލާއިރު ދެން ބާއްވާ ލޯކަލް އިންތިހާބާ ގުޅިގެން ޖުމްލަ 1313 އަންހެން ބޭފުޅުން އިންތިހާބީ މަގާމުތަކުގައި ތިއްބޭނެކަމަށެވެ. މިންތީގެ ހަމަހަމަކަމަށް ކުރާ މަސައްކަތުގައި އިޖްތިމާއީ ގޮތުން ގެނެވުނު ވަރަށް ރަނގަޅު ބަދަލެއް ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަ ގައި މި ގާނޫނު ތަންފީޒު ކުރުމުގައި ކައުންސިލަރުންގެ މުހިންމު ދައުރުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކައުންސިލަރުންގެ ދައުރަކަށް ވާންވާނީ އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް ބާކީ ނުކޮށް އިންސާފުވެރިކަމާއެކު ކަންތައްތައް ނިންމަވަމުން ގެންދެވުމާއި ރައްޔިތުންގެ ފައިސާ ހެޔޮ ގޮތުގައި ބޭނުންކުރަމުން ގެންދިޔުންކަން ފާހަގަކުރެއްވިއެވެ.

ކައުންސިލަރުންގެ މިފަދަ މަސްވަރާ ބައްދަލުވުމެއް ބާއްވާއިރު ގައުމީ ފެންވަރުގައި ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރިކަން ފާހަގަކުރައްވައި އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ހަރުކަށި ފިކުރުގައި ހައްދުފަހަނައަޅައި ގޮސްފައިވާ މީހުންގެ މައްސަލަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހި މުޖްތަމައުން އެކަހެރިވަމުންދާ މީހުންނާއި ހާއްސަކޮށް އެފަދަ ޒުވާނުންގެ މައްސަލަވެސް އެމަނިކުފާނުގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ މިކޮންފަރެންސްގައި ކައުންސިލަރުން ކުރައްވާ މަސްވަރާތަކުގެ އަލީގައި މައްސަލަތައް ހައްލުކުރާނެ ގޮތުގެ ރަނގަޅު ސިޔާސަތުތަކެއް ހޯދައި މިއީ ރަނގަޅު ނަތީޖާތަކެއް ހާސިލްކުރެވޭ ކާމިޔާބު ކޮންފަރެންސަކަށް ވާނެކަމުގެ އުންމީދާއެކުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355