ކޮންމެ ރަށެއްގައި ކޮންމެ ކަމެއް ކުރިޔަސް ރައްޔިތުންގެ ވިސްނުމާ ފިކުރާއި ވިންދު އޮތްގޮތް ބަލަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ ވިއަވަތި ރާއްޖެ މަހާސިންތާ ނިންމުމުގެ ގޮތުން އެބައްދަލުވުމުގެ ބައިވެރިންނާއި މުހާތަބުކުރައްވާ ދެއްކެވި ވާހަކަގައެވެ.
މިބައްދަލުވުން ނިންމުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަގައި ގިނަ އަދަދެއްގެ ކައުންސިލަރުންގެ ބައިވެރިވުން ފެނިގެންދިޔަ މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށާއި ކުރިޔަށް އޮތްތަނުގައި ބަޖެޓް ތަންފީޒު ކުރެވެމުންދާއިރު މިހާރަށްވުރެ ރަނގަޅަށް ރައްޔިތުންނާއި މަޝްވަރާކުރެވިގެން ކުރިޔަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
ވިއަވަތި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގުކުރައްވާފައެވެ. ގާނޫނު އަސާސީއަށް ގެނައި މި އިސްލާހާާއެކު ދިވެހިރާއްޖޭގެ ދާއިރާތައް ހިންގުމަށް އަންނަ ބޮޑު ބަދަލުގެ ތެރެއިން އިދާރީ ދާއިރާތަކުގެ ހިންގުމުގައި ކުރިމަތިވެދާނެ ގިނަ ގޮންޖެހުންތަކުގެ މައްޗަށް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.
މުޅި ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްގީގެ އެންމެހާ މަޝްރޫއުތަކާބެހޭ މައުލޫމާތު އެއްތަނަކުން ހޯދޭނެގޮތަށް ފަރުމާކުރެވިފައިވާ "އައިލްސް" ވެބްސައިޓް ވަނީ މި ބައްދަލުވުމުގައި އިފްތިތާހު ކޮށްފައެވެ.
މި ވެބްސައިޓު މެދުވެރިކޮށް ރާއްޖޭގައި ކުރިޔަށްގެންދާ އެންމެހާ މަޝްރޫއުތަކާބެހޭ އެންމެ ފަހުގެ މައުލޫމާތު ލިބެން ހުންނާނެ ކަމުގައި އެމަނިކުފާނުގެ ވާހަކަގައި ފާހަގަކުރެއްވި އެވެ. އެންމެން ގުޅިގެން ތަރައްގީގެ މަގުގައި މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސް ސޯލިހުގެ ވާހަކަގައި އަލިއަޅުއްވާލައްވާފައިވެއެވެ.