ހދ އަތޮޅުގެ ފަތުރުވެރިކަމަށް ކުރި ހުރިހާ އުންމީދުތައް ފެނަށް ވެގެން ހިނގައްޖެކަމަށް ވިދާޅުވެ، ސަރުކާރުން އެ އަތޮޅުގައި ފަތުރުވެރިކަން ކުރިއަރުވަން ގެންގުޅޭ އުސޫލަށް، ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލީ މުހައްމަދު ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފި އެވެ.
އަލީ މި މޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ފަތުރުވެރިކަމަށް އަލަށް ދޫކުރާ ބިންތަކާއި 29 ރަށެއް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއުލާނުކޮށްދެއްވާފައިވަނިކޮށްނެވެ. އެ ލިސްޓްގައި ހދ އަތޮޅުގެ ތިން ރަށެއް ހިމަނާފައިވެ އެވެ.
ކުޅުދުއްފުށީ ޕަބުލިކް ވޯކްސް ހިންގުމާ ހަވާލުވެހުންނެވި އަލީ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން އަލަށް ރިސޯޓް ހެދުމަށް ދޫކުރަން ހިމެނި ރަށްތަކޔގައި އެއްވެސް އުންމީދެއް ނެތް ކަމަށެވެ. މީގެ ފަނަރަ އަހަރު ކުރިން ހދ އަތޮޅުގެ ބޮޑެތި ރަށްތައް ވަނީ ރާއްޖޭގެ ނުފޫޒުގަދަ މަހުޖަނުންގެ ބަޔަކު ފޭރިގެންފަ ކަމަށް އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ މިއީ ހދ އަތޮޅުގެ ރައްޔިތުން ހަޖަމު ކޮށްގެން ތިބޭ ވަރަށްވުރެ ސީރިއަސް މައްސަލައެއް ކަމަށާ މިކަމުގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ ރައްޔިތުން ވަރިހަމަކޮށްގެން ތިބޭނެކަމެއް ނޫންކަމަށްވެސް އޭނާ ލިޔުއްވާފައިވެ އެވެ.
ފަތުރުވެރިކަމަށް ހދ އަތޮޅުން ތިން ރަށް ދޫކުރުމަށް އިއުލާންކޮށްފައިވާއިރު އެކަމާ ހިތްހަމަޖެހިވަޑައިނުގަތް، ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަންވެސް ވާހަކަފުޅު ދައްކަވާފަ އެވެ.
ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިއުލާންކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ހދ ގެ ރަށްތައް ހޯދުމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު ކަމަށެވެ.
"އަޅުގަނޑުމެން ހދ ގެ ރަށްތައް ހޯދުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު. ރައްޔިތުން އެދިގެންނާއި އެތައް ބައެއްގެ ހިޔާލާއެކު އަޅުގަނޑުމެން ކުރިއަށް ނެރުނު ރަށްތައް އެހެންނަމަވެސް ހދ ގެ ރަށްތަކުގެ އެސިސްމަންޓަށް ފަހު އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޗެލެންޖެއް ދިމާވި. މިއީ އަޅުގަނޑުމެންނަށް ކޮންމެހެން ހދ އިން މިވަގުތު ނެރެވެން ހުރި ރަށްތައް." މިނިސްޓަރު ވިދާޅުވި އެވެ.
ހދ އަތޮޅަކީ އާބާދީގައި ތިންވަނަ އަތޮޅެވެ. އެކަމަކު މިހާތަނަށް އެ އަތޮޅުގައި ހުޅުވިފައިވަނީ އެންމެ ރިސޯޓެވެ.