"އައި ފިލްމްސް" ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމަށް "ޕޭ ޕާ ވިއު" ފިލުމެއްގެ ގޮތުގައި ތައާރަފު ކޮށްފި އެވެ.
މިއީ މިގޮތަށް ދިރާގުން ހުޅުވާލި ފުރަތަމަ ފަހަރެވެ. މި ފިލްމަކީ ޒުވާން ދެމަފިރިއަކަށް ދިމާވާ އާދަޔާ ހިލާފު ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ، ބިރުވެރި، ރޮމޭންސް އަދި ކޮމެޑީގެ ބައިތަކެއް އެކުލެވޭ ފިލްމެކެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު މި ފިލްމު ވަނީ ސިނަމާތަކުގައި އަޅުވައި އާންމުންގެ މަގުބޫލުކަން ހޯދައިފަ އެވެ. މި ފިލްމު ދިރާގު ޓީވީން ދައްކާނީ އިނގިރޭސި ސަބްޓައިޓަލް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތާ ވެސް އެކު އެވެ.
"އައި ފިލްމްސް" އަކީ 2018 ވަނަ އަހަރު އިލްޔާސް ވަހީދު އުފެއްދި ފިލްމު ކުންފުންޔެކެވެ. "ބަވަތި" އަކީ މި ކުންފުނީގެ ފުރަތަމަ ފިލްމަށްވާ އިރު މި ފިލްމުގައި މުޅިން އާ މޫނުތަކެއް ފެނިގެން ގޮސްފައިވެއެވެ. ދިރާގުން މަސައްކަތްކުރަމުން ދަނީ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީ އިތުރަށް ފުޅާކޮށް މުއްސަނދިކުރުމަށް ވީހާވެސް ގިނަ ދިވެހި ކޮންޓެންޓްތައް ފަސޭހަ ކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.
ވީއޯޑީ އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ. ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ " އޮން ޑިމާންޑް" ޖަހާފައިވާ ފިތުން އޮން ޑިމާންޑް ކޮންޓެންޓްތައް ބަލައިލެވޭނެއެވެ.
ދިރާގު ޓީވީގެ ވީއޯޑީ ލައިބްރަރީ އަށް ތައާރަފު ކުރެވިގެން ދިޔަ އެންމެ ފުރަތަމަ ދިވެހި ފީޗާ ފިލްމް "ބަވަތި" ބަލާލަން ބޭނުން ވާ ފަރާތްތަކަށް ކޮންމެ 24 ގަޑީރަކަށް 35ރ ގެރޭޓުން ރެންޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
ކުރިއަށް އޮތް ތާންގައި ވެސް ދިރާގު ޓީވީން ދިވެހި ފިލްމީ އުފެއްދުންތައް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮން ޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތަކަށް މަގު ފަހިކޮށްދޭނެ އެވެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމެވެ.
ދިރާގުން މަސައްކަތް ކުރަނީ ދިރާގު ޓީވީން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފޯރުކޮށްދިނުމަށެވެ. ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. މި ހިދުމަތް ރާއްޖޭގެ 72 ޕަސެންޓަށް މިހާރު ވަނީ ފޯރުކޮށްދީފަ އެވެ.