twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޖެނުއަރީ އެކަކުން ފެށިގެން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެނީ

ޚަދީޖާ އާދަމް
Dec 31, 2019
7

މާދަމާއިން ފެށިގެން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް މިކަން އިއުލާން ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓުގައި ވިދާޅުވެފައި ވަނި އަންނަ އަހަރުން ފެށިގެން ކުޅުދުއްފުއްޓަކީ ލާމަރުކަޒީ ގާނޫނުގައި އޮންނަ އުސޫލުގެ މަތިން ސިޓީއެއް ކަމަށް ކަނޑައަޅަން އެމަނިކުފާނު މިއަދު ނިންމަވާފައިވާ ކަމަށެވެ.

މި ނިންމެވުމާ އެކު ކުޅުދުއްފުށި ވެގެން ދާނީ ރާއްޖޭގެ ހަތަރު ވަނަ އަދި އުތުރުގެ ފުރަތަމަ ސިޓީއަށެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދަނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގައި ދިރިއުޅޭ އާބާދީ 10،000 އަށް އެރުމުންނެވެ.

އެކަމަކު ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބޭނީ ރައީސުލްޖުމްހޫރިއްޔާ އެ ކަން އިއުލާން ކުރެއްވުމުންނެވެ.

2020 ގެ އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުއްޓަށް އިންތިހާބު ކުރާނީ ރަށު ކައުންސިލެއްކަަމަށް އިލެކްޝަން ކޮމިޝަނުން އިއުލާކުރި އިރު ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ރައީސް އިއުލާން ކުރައްވާފައި ނުވެއެވެ.

މާދަމާއިން ފެށިގެން ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ކަނޑައަޅާފައި މި ވަނީ އެކަމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް އިހްތިޖާޖު ކުރުމަށްވެސް ނިންމާފައި ވަނިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355