twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކޭއާރުއެޗުގައި ދިވެހި އޮޕަރޭޝަން ޑޮކްޓަރެއް ދާއިމީކޮށް ބަލި މީހުން ބަލަން ފަށައިފި

ނަބީލާ އިސްމާޢީލް
Jan 14, 2020

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދިވެހި އޮޕަރޭޝަން ޑޮކްޓަރެއް މަސައްކަތް ކުރަން ފައްޓަވައިފި އެވެ. މި ސަރަހައްދުގެ އެތައް ރައްޔިތުންނެއް ކޮންމެ ދުވަހަކު ހިދުމަތް ހޯދަމުން އަންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކޭއޯ އަށް މައުލޫމާތު ދެމުން ބުނީ ޑރ. އަލްތާފް އަދުނާން އިސްމާއިލް މިއަދުން ފެށިގެން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. 6528864 ނަމްބަރަށް ގުޅައިގެން އެޕޮއިންޓްމެންޓް ލިބިގެންދާނެކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

މިއީ ކޭއާރުއެޗްގައި ދާއިމީކޮށް ދިވެހި އޮޕަރޭޝަން ޑޮކްޓަރަކު މަސައްކަތް ކުރަންފެށި ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިންވެސް ދިވެހި ސަރޖަންއެއް ވަނީ ވަގުތީގޮތުން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާފަ އެވެ.

މީގެ ކުރިން ޑރ އަލްތާފް މަސަކަތް ކުރެއްވީ ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗުގައެވެ. ނަމަވެސް ސްޕެޝަލިސްޓް ވެގެން އައިސް ފުރަތަމަ މަސައްކަތް ކުރައްވަން ފައްޓަވާފައި މިވަނީ ކޭއާރުއެޗްގަ އެވެ. މި ހޮސްޕިޓަލުގައި މިހާރުވެސް ޑރ އަލްތާފުގެ އިތުރުން ބިދޭސީ ދެ އޮޕަރޭޝަން ޑޮކްޓަރުން އަންނަނީ މަސައްކަތް ކުރަމުން ނެވެ.

ކޭއާރުއެޗުގައި އެންމެ ގިނައިން މިހާރު ވަޒީފާ އަދާކުރައްވަނީ މިސްރުގެ ޑޮކްޓަރުންނެވެ. އިންޑިޔާ އާއި ބަނގުލަދޭޝް އަދި ޕާކިސްތާނުގެ އިތުރު ފަލަސްތީނުގެ ޑޮކްޓަރެއްވެސް އަންނަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރައްވަމުންނެވެ. އަދި ދާދި ފަހުން ދާއިމީކޮށް އެތެރެހަށީގެ ދިވެހި ޑޮކްޓަރަކު މަސައްކަތްކުރަން ވަނީ ފައްޓަވާފަ އެވެ. އެ ހޮސްޕިޓަލުން މި ނޫހަށް މައުލޫމާތު ދެމުން ބުނީ ކުރިއަށް އޮތްތާގަ ވެސް ދާއިމީ ދިވެހި އިތުރު ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުންދާ މި ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ތަރައްގީކުރާ ހޮސްޕިޓަލެކެވެ. އެ ފެންވަރަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކާ މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355