twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށި ހޮސްޕިޓާ ތަރައްގީކޮށް ނިމޭއިރު ހުންނާނީ އެންމެ ޒަމާނީ ފުރިހަމަ ހޮސްޕިޓަލެއްގެ ގޮތުގައި

އަބްދުލް ވާހިދު ޙަސަން
Jan 15, 2020
4

އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރާނީ އެންމެ ޒަމާނީ، ފުރިހަމަ ޓާޝިއަރީ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ، މިހާރު ކުޅުދުއްފުށީގައި ކުރިއަށްގެންދާ "އެޖެންޑާ 19 ރަށަށް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކުޅުދުއްފުށީ ތަރައްގީކުރަން ނިންމާފައިވަނީ އެކޮނޮމިކް ހަބެއްގެ ގޮތުގައި ކަމަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ ތަރައްގީއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ނިމޭއިރު ހުންނަނީ އެންމެ ޒަމާނީ ފުރިހަމަ ޓާޝިއަރީ ހޮސްޕިޓަލެއްގެ ގޮތުގައި އެވެ.

އެމަނިކުފާނު ވިދާޅުވީ ޓާޝިއަރީ ފެންވަރަށް ތަރައްގީކުރާނީ އާ ހޮސްޕިޓަލެއް އަޅައިގެން ކަމަށެވެ. އެ ހޮސްޕިޓަލަކީ މުޅި ސަރަހައްދުގެ ރައްޔިތުން ހިދުމަތް ހޯދުމަށް ގާއިމުކުރާ ހޮސްޕިޓަލެއް ކަމަށެވެ.

"މިހާރު ހުރި ހޮސްޕިޓަލަކުން އެކަމެއް ނުވާނެ. އެންމެ ޒަމާނީ ހޮސްޕިޓަލެއް ހިދުމަތް. އެކަން ކުރާނީ އާ ހޮސްޕިޓަލެއް އަޅައިގެން." ކުޅުދުއްފުށީގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ގެދޮރުވެރިކުރުމަށް ގިނަ މަސައްކަތެއް ކުރަން ޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު ހުރި ހައުސިންގ ޔުނިޓްތައް އަވަހަށް ނިންމާ ރައްޔިތުންނާ ދާދި އަވަހަށް ހަވާލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ކުޅުދުއްފުށީގެ އޮޑިވެރިންތަކެއް މިއަދު ވަނީ ރައީސް ސޯލިހްއާ ބައްދަލުކޮށް މިހާރު ކުޅުދުއްފުށީގައި ހަދަމުންދާ ބަނދަރުގައި ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފަ އެވެ. އެ ބައްދަލުކުރުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އޮޑިވެރިން ބޭނުންވަނީ ބަނދަރުގެ ބޭރުތޮށިގައި އޮޑިފަހަރު އެޅޭނެ ގޮތް ހެދުމާއި ނެރު އޮޑިވެރިން ބޭނުންވާ ގޮތަށް ހެދުން ކަމަށެވެ.

ރައީސް ވިދާޅުވީ ބަނދަރު އެއްކޮށް ނިމޭއިރު އޮންނާނީ އޮޑިވެރިން ބޭނުންވާ ގޮތަށް ކަމަށެވެ. އެ ބަދަލުތައް ގެންނާނީ ދައުލަތުގެ ބަޖެޓުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ވާހަކަވެސް ރައީސް ވަނީ މިރޭގެ ޖަލްސާގައި ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގައި އާއި މަޖިލިސް އިންތިހާބުގައި ކުޅުދުއްފުއްޓާއި ތިލަދުންމަތީގެ ރައްޔިތުން ވަރަށް ފުރިހަމަ އަގުލަބިއްޔަތެއް އެމްޑީޕީން ދިން ކަމަށާއި އެކަމަށް ޝުކުރުއަދާކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަންނަ އޮތް ކައުންސިލް އިންތިހާބުވެސް ބޮޑުތަނުން އެމްޑީޕީއަށް އަގުލަބިއްލަތެއް ހޯދާ ދިނުމަށް ކުޅުދުއްފުއްޓާއި ތިލަދުންމަތީގެ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355