ޓެކްސީ ހިދުމަތަަށް އަލަށް ނުކުންނަ ފަރާތްތަކަށާއި ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.
ރޭ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މާލެ ސިޓީ ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝުހާދުއެވެ. ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ މާލެ ސިޓީ ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝުހާދު އާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރުއެވެ. މިރަސްމިއްޔާތުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ވެރިންނާއި އެޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެލެއްވިއެވެ.
މި މަހުގެ 13 ން 18 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުންނާއި މަގުމަތި ތަރުތީބުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާއި ޓެކްސީ ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން 243 ފަރާތުން ބައިވެރިވީނަމަވެސް ޕްރޮގްރާމް ފުރިހަމަކޮށް ހަނދާނީ ލިޔުން ހާސިލްކޮށްފައިވަނީ 180 ފަރާތެކެވެ.
މިއީ ޓެކްސީ ޑްރައިވަރުންނަށާއި ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން މިއަހަރު ހިންގި ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ. މިއަހަރުގެ ދެވަނަ ޕްރޮގްރާމް އޭޕްރީލް މަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ޓެކްސީ ޑްރައިވަރުންނަށާއި ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން މިދިޔަ އަހަރު ފަސް ޕްރޮގްރާމެއް ހިންގާފައިވެއެވެ.