ތާރުމަގުތަކަށް ޖަމާވާ ވެލި އަދި ފަތް ވެކިއުމްކޮށް މަގުތައް ސާފުކުރުމަށް ރޯޑް ސްވީޕާއެއް ހޯދުމަށް ކުޅުދުއްފުށީ ކައުންސިލްގެ މިއަހަރުގެ ބަޖެޓްގައި ހިމަނައިފި އެވެ.
ކޭއޯއާ ހިއްސާކޮށްފައިވާ މިއަހަރުގެ އެ ކައުންސިލްގެ މަސައްކަތު ތާވަލުގައިވާގޮތުން ތާރުމަގުތަކަށް އެޅޭ ވެއްޔާއި ފަތް ފަދަ ތަކެތި ވެކިއުމްކޮށް މަގުތައް ސާފުކޮށް ބެލެހެއްޓުމަށް ރޯޑް ސްވީޕާއެއް ހޯދުމަށް ކައުންސިލް ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ.
މިއީ ރަށުތެރެއާއި މަގުތައް ސާފުތާހިރުކޮށް ބެލެހެއްޓުމަށް ކައުންސިލުން ހިދުމަތް ހަމަޖެހިފައިވާ ރަށްވެހި ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މީގެ އިތުރުން މަގުތައް ދިއްލާ ބެލެހެއްޓުމުގެ ގޮތުން މަގު ބައްތި ބަދަލުކުރުމަށް ޒަމާނީކޮށް ފަސޭހަކުރުމުގެ ގޮތުން ހައިޑްރޯލިކް ހަރުގަނޑެއް ހޯދުމަށްވެސް ބަޖެޓްގައި ހިމަނާފައިވެ އެވެ.
މި ދެ ވެހިކަލް ހޯދުމަށް ބަޖެޓްކޮށްފައިވާއިރު ކައުންސިލުން ބުނީ މި ވެހިކަލްތައް ހޯދުމުގެ އެންމެ ބޮޑު މަގުސަދަކީ ޒަމާނީ އަދި ފަސޭހަ ގޮތެއް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި ގިނަ ވަގުތު ސަލާމަތްކުރުމުގެ ގޮތުންނެވެ.
މިހާރު މަގުތަކުގެ ހޮޅިބުރިތައް ބަދަލުކުރަނީ ކައުންސިލުން ހަދާފައިވާ ހަރުގަނޑެއް ބޭނުންކޮށްގެންނެވެ. އެކަމުގެ ސަބަބުން ހޮޅިބުރިތައް ބަދަލުކުރަން ވަރަށް ގިނަ ވަގުތު ނަގަ އެވެ. ތާރުއެޅިފަހުން މަގުތަކަށް ވެލިއަރައި އެ ސާފުނުކުރުމުގެ ސަބަބުން ކަހާލައިގެން ވެއްޓުމުގެ ހާދިސާތައްވެސް ކުރިމަތިވެފަ އެބަހުއްޓެވެ.