twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޑަކުދިންނަށް ޖިންސީ އަނިޔާ ދޭމީހުން ދަންޖައްސަން ޖާބިރު މަޖިލީހަށް ހުށައަޅައިފި

ޚަދީޖާ އާދަމް
Jan 21, 2020
1

ކުޑަކުދިންނަށް ޖިންސީ އަނިޔާ ދޭމީހުން ދަންޖައްސަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށައަޅުއްވައިފި އެވެ.

ޖާބިރު ހުށައަޅުއްވާފައިވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާދޭ މީހުންގެ މައްޗަށް ކަނޑައަޅާ އަދަބަކީ "ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސައި މެރުން" ކަމަށް ބަދަލުކުރުމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަންބޮޑުވުން ފާޅުކުރައްވާ ފޮނުއްވި ސިޓީގައި ޖާބިރު ވިދާޅުވެފައިވަނީ ވަނީ ފަހަކަށް އައިސް ރާއްޖޭގައި އެންމެ ގިނައިން ހިނގަމުން އަންނަ އެއް ކަމަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ކަމަށާއި ނަމަވެސް އެ އަމަލު ހިންގާ ފަރާތްތައް މުޖުތަމައުއަށް ދޫކޮށްލާފައި ތިބުމުގެ އިތުރުން އެފަދަ ފަރާތްތަކުގެ މައްޗަށް ޝަރީއަތެއް ހިންގި ކަމުގައިވިޔަސް ގިނަ ފަހަރަށް އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

މީގެ އިތުރުން އެއިރެއްގައި އޮންނަ ސަރުކާރަކާ ގުޅުންހުރި ފަރާތްތަކަށް މައާފް ދެއްވައި ޖަލުން ދޫކޮށްލަމުން ގެންދާ ކަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށާއި އެ ފުރުސަތު ސަރުކާރުތަކަށް ލިބެމުންދަނީ އެފަދަ ފަރާތްތަކާ މެދު އަމަލު ކުރުމަށް އިސްލާމްދީނުގައި އަންގަވާފައި އޮންނަ ގޮތާ ހިލާފަށް ހުކުމް ކުރަމުން ދިއުމުގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައިވެ އެވެ.

އަދި ކުށް ސާބިތުވާ މީހުންނަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ ޖަލަށް ލުން ކަމަށް ވާތީ އެގޮތުގެ މަތިން ކުރެވޭ ހުކުމްތައް ތަންފީޒުކުރުމުގެ ގޮތުން ޖަލުގައި ކުޑަ ދުވަސްކޮޅަކު ބެހެއްޓުމަށްފަހު އެފަދަ ފަރާތްތައް ދޫކޮށްލާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ކުޑަކުދިން ޖިންސީ ޝިކާރައަކަށް ހަދައި، އެކުދިންނަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ދެމުންދާ މީހުންގެ މައްޗަށް އިސްލާމްދީނުގައިވާ މަގުން އަދަބު ކަނޑަނޭޅި ދާނަމަ، ކަނޑުހުޅުދޫގައި ހިނގައިގެން އުޅޭފަދަ ނުރައްކާތެރި އެތައް މައްސަލައެއް ކުރިއަށް އޮތް ތަނުގައި ތަކުރާރުވުމުގެ ފުރުސަތު އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު، ރާއްޖޭގެ ރައްޔިތުންނަކީ އިސްލާމްދީނުގެ އަންގަވާފައިވާ ރިވެތި އަހްލާގު ހިފަހައްޓަންޖެހޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

މިގޮތުން މިކަންކަން ހުއްޓުވެން އޮތީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަށާއި އަދި މިހާރު ހެދިފައިވާ ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށް ވީނަމަވެސް އެކަންކަން ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފަށްޓަވައި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ ފަރާތްތަކުގެ މައްޗަށް ކަނޑައާޅަ އަދަބަކީ 'ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސާ މެރުން' ކަމުގައި ހެދުމަށް ބޭނުންވާތީ އެކަން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުން ތާއީދު ކޮށްދެއްވުމަށް ޖާބިރު ވަނީ އެދިވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355