އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު ކެބިނެޓާއި ރައީސް އޮފީހުގެ އިސްވެރިންނާއި ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންދެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ކެބިނެޓް ވަރކިންގ ސެޝަނެއްގައެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުންވަނީ ހާއްސަ ޕްރެޒެންޓޭޝަނެއް ހުށައަޅުއްވާފައެވެ. މި ޕްރެޒެންޓޭޝަންތައް ބިނާކުރައްވާފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ މުސާރައާއި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރައްވާފައިވާ ދިރާސާ ރިޕޯޓުތަކުގައި ހިމެނޭ މައުލޫމާތު ތަކުގެ މައްޗަށެވެ.
މުސާރައާއި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑަކީ އެކިއެކި ވިޔަފާރި ކުރާ ތަންތަނުގައާއި އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި އެ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާއި ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓަށް ލަފާދެއްވުމަށް 1 މެއި 2019 ގައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ބޯޑެކެވެ.
މި ބައްދަލުކުރެއްވުމުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަފައިވަނީ އެންމެ އެކަށޭނަ އަދި ފުރިހަމަ ގޮތެއްގައި "މިނިމަމް ވޭޖް" ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށެވެ. މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި އެންމެ ކުޑަ އުޖޫރަ އެކަށައެޅުމުން އެކިއެކި ދާއިރާތަކަށް އޭގެ ސަބަބުން ކުރާނެ އަސަރާއި އަންނާނެ ކަމަށް އަންދާޒާކުރެވޭ ބަދަލުތައް ހިމެނެއެވެ.
މިގޮތުން ދައުލަތުގެ ބަޖެޓާއި އިންފްލޭޝަން ނުވަތަ މުދަލާއި ހިދުމަތްތަކުގެ އަގަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލާއި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީ.ޑީ.ޕީ. އާއި ބޭރު ފައިސާގެ ރިޒާވްއާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ސަރުކާރު ހިއްސާވާ އަދި އަމިއްލަ ކުންފުނިތަކާއި ޖުމްލަ ގޮތެއްގައި އިގްތިސާދަށް ކުރާނެ އަސަރުތަކާއިމެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.