twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ މޮބައިލް ލީގަލް އެއިޑް ކްލިނިކް މި ފަހަރު ކުޅުދުއްފުށީގައި!

- މި ޓީމުގައި 10 ގާނޫނީ ވަކީލުން ހިމެނޭ
- ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ކޭމްޕެއް
- ގާނޫނީ ދާއިރާގެ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދެވޭނެ

އަބްދުލް ވާހިދު ޙަސަން
Jan 23, 2020

އާންމުންނަށް ޤާނޫނީ ހޭލުންތެރިކޮށްދިނުމަށާއި މުޖުތަމައުގައި ހަވާސާވެފައި ތިބޭ ފަރާތްތަކަށް ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަދި އާންމުންގެ ޤާނޫނީ ގޮތުން ބާރުވެރިކުރުމުގެ ގޮތުން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާ ގުޅިގެން ހިންގާ މޮބައިލް ލީގަލް އެއިޑް ކްލިނިކްގެ ފަސްވަނަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ނިންމައިފި އެވެ.

މި ޕްރޮގްރާމްގައި ހިމެނޭނީ ކަނޑައެޅޭ ދާއިރާތަކަކުން ޢާންމު ރައްޔިތުން ޤާނޫނަށް ހޭލުންތެރިކުރުވުމަށްޓަކައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ޤާނޫނީ ވަކީލުން ސެޝަންތައް ހިންގުމާއި އާންމު ރައްޔިތުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ ލަފާ ބޭނުންފުޅުވާ ފަރާތްތަކަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ޤާނޫނީ ވަކީލުން ޤާނޫނީ ލަފާ ދިނުން ހިމެނެ އެވެ.

އަދި އާންމު ރައްޔިތުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފޯރުންތެރިކަން ނެތް ފަރާތްތަކުން ކޯޓަށް ހުށަހަޅަން ބޭނުންވާ މަދަނީ މައްސަލަތަކުގައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ޤާނޫނީ ވަކީލުންގެ ފަރާތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުމަށް ހަމަޖެހިފައިވާއިރު ކުޅުދުއްފުށީގައި މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހު

24 އިން 25 ޖަނަވަރީ 20 އަށް މި ޕްރޮގްރާމްގައި 10 ޤާނޫނީ ވަކީލުން ބައިވެރިވާނެ އެވެ.

މި ޕްރޮގްރާމްގެ ދަށުން ޤާނޫނީ ލަފާ ފޯރުކޮށްދޭނެ މައްސަލަތަކަކީ:

  • ކޮންޓްރެކްޓާ ގުޅޭ މައްސަލަތައް؛
  • ބިމާއި މުދަލާއި ގުޅޭ މައްސަލަތައް؛
  • ވަޒީފާގެ މައްސަލަތައް؛
  • ބެންކް ލޯނާ ގުޅޭ މައްސަލަތައް؛
  • އިންސާނީ ހައްޤުތަކާއި އަސާސީ ހައްޤުތަކާ ގުޅޭ މައްސަލަތައް؛
  • ގެވެށި އަނިޔާގެ މައްސަލަތައް- މަދަނީ ބައި

މި ޕްރޮގުރާމް ރޭވިފައިވާ ގޮތް

އާންމު ރައްޔިތުނަށް ޤާނޫނީ ލަފާދިނުމަށް ބާއްވާ ޕްރޮގްރާމް:

މި ޕްރޮގްރާމްގައި ޤާނޫނީ ވަކީލެއްގެ ލަފާ ބޭނުންވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޤާނޫނީ ވަކީލުންނާއި އެއްމޭޒު ދޮށުން އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް ބައްދަލުކުރުމުގެ ފުރުޞަތު ހޯދާދެވިގެންދާނެއެވެ. އަދި ޢާންމު ރައްޔިތުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފޯރުންތެރިކަން ނެތް ފަރާތްތަކުން ކޯޓަށް ހުށަހަޅަން ބޭނުންވާ މައްސަލަތުކުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާނަމަ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ މައްސަލަތައް ބަލައި އެފަދަ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ސަރުކާރުން ނުވަތަ ދައުލަތުގެ އިދާރާތަކުން ހޯދަން ބޭނުންވާ އަސާސީ އަދި އިޖުތިމާއީ އެހީ ހޯދުމަށް ފޯމު ފުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އެ

ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އުމުރުން ދުވަސްވީ މީހުންނާއި އަދި އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތާއި އެހީ ހޯދުމަށް ފޯމު ފުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 25 ޖަނަވަރީ 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަކުން މެންދުރު 2:00 އަށް ކުޅުދުއްފުށި ހޮނިހިރު ބާޒާރު ސަރަހައްދު ގައެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ގެވެށި އަނިޔާއިން ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމާއި ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް ހިންގާ ޕްރޮގްރާމް:

މި ޕްރޮގްރާމަކީ ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާއިން ރައްކާތެރިވުމުގައި އަމަލުކުރަންޖެހޭނެ ގޮތްތަކަކީ ކޮބައިކަމާއި ރައްކާތެރި މާހައުލެއް ޤާއިމްކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 24 ޖެނުއަރީ 2020 ވާ ހުކުރު ދުވަހުގެ ރޭ 8:00 އިން 10:00 އަށް، ކުޅުދުއްފުށި އަފީފުއްދީން ސުކޫލު ހޯލް ގައެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމްއާއި އަސާސީ ހައްގުތަކަށް ޢާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގާ ޕްރޮގްރާމް:

މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ބައްޓަން ވެފައިވާ ގޮތްތަކާއި ކޯޓުތަކަށް މައްސަލަ ހުށަހަޅެމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި ދައުވާ ފޯމު ފުރާނެ ގޮތްތަކާއި ޤާނޫނު ފަހުމުވުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތަކާއި އެހެނިހެން ޢާންމުންނަށް މުހިންމު ކަންކަމާއި ގުޅޭ ގޮތުން ޢާންމު ރައްޔިތުން ހޭލުންތެރިކުރުވޭނެއެވެ. މި ޕްރޮގްރާމަކީ ހުރިހާ ޢާންމު ރައްޔިތުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ޖެނުއަރީ 2020 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ކުޅުދުއްފުށި އަފީފުއްދީން ސުކޫލު ހޯލް ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355