twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގެޔެއްގެ ކަރާމާތަކީ ދަރިންނަށްވާ ރައްކާތެރިވުން: ނާސިހާ

Jan 23, 2020
1

ގެޔެއްގެ ކަރާމާތަކީ އަޅުގަނޑުމެން ދަރިންނަށްވާ ރައްކާތެރިވުންކަމުގައި ނާސިހާ އިދުރީސް ވިދާޅުވެއްޖެ އެވެ. އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުވެސް ފުރުއްވާ ނާސިހާ މިހެން ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ދެކޮޅަށް މިއަދު ހަވީރު ކުޅުދުއްފުށީގައި ބޭއްވި ހިނގާލުން ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކާގައި އެވެ.

"އަދިވެސް ދިވެހިން މިބަލަނީ ގޭގެ ކަރާމާތަކީ ގޭގެ ލާ ކުލަ ކަމަށް، ގޭގަ ބަހައްޓާ ބޮޑު ޓީވީ ކަމަށް، ގޭގައި އުޅޭ މީހުން ގަދަޔަށް ބެގީކޮށްފަ ނޫނިއްޔާ ރީތި ބޮޑެތި ހެނދުން ލައިގެން މަގުމަތީގައި ހިނގާ ހިންގުން ކަމަށް." ނާސިހާ ވިދާޅުވި އެވެ.

އަނިޔާވެރި ގޮތަކަށް ވ. ރަކީދޫގައި މަރާލި ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ ހަނދާންތައް އާކުރައްވައި ނާސިހާ ވިދާޅުވީ، ދަރިންނަށް ރައްކާތެރިވެވޭނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ އެންމެ ފުރިހަމަ ގޮތެއްގައި އަދާކުރެއްވިގެން ކަމަށެވެ.

"ބައްލަވާ ގޭގެ ކަރާމާތަކީ، އަޅުގަނޑުމެންނާ މާތްﷲ ހަވާލުކުރައްވާފައިވާ ބޮޑު އަމާނާތަށް އަޅުގަނޑުމެންވާ ރައްކާތެރިވުން. އަޅުގަނޑުމެންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުން. މިކަމުގައި ކުރެވެން އޮތީ އެންމެ ކަމެއް، މިކަން ކޮށްފިކަމަށްވާނަމަ ހުރިހާކަމެއް ހައްލުވާނެ. އަޅުގަނޑުމެން ކޮންމެ ބޭފުޅަކުވެސް އެ ފަރުދީ ޒިންމާ މިއަދު އެބަޖެހޭ ނަގަން. ވާހަކަ ދައްކާ ގެއްލުން މިކުރަނީ ތިމަންނަގެ ބައްޕަކަމުގައި ވިޔަސް ނޫނަމަ ތިމަންނަ ލޯބިވާ ފިރިމީހާ ކަމުގައި ވިޔަސް ނޫނަނަ ލޯބިވާ މަންމަ ކަމުގައި ވިޔަސް މިކަން އަޅުގަނޑުމެން ކުރަން އެބަޖެހިއްޖެ. މިވާހަކަ ދައްކަން ޖެހިއްޖެ." ނާސިހާ ވިދާޅުވި އެވެ.

ކޮންމެ ފަރާތެއް ފަރުދީ ޒިންމާ ނަގައި ރިޕޯޓްކުރަން ޖެހޭ ފަރާތްތަކަށް ރިޕޯޓްކޮށް އެވާހަކަތައް ތަކުރާރުކޮށް ދައްކައިގެން ނޫނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކުން އެ ކުދިން ސަލާމަތް ނުކުރެވޭނެކަމަށް ނާސިހާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ހިނގާލުން އިންތިޒާމުކުރީ މޮމްސް ޖަމިއްޔާ އާއި ކުޅުދުއްފުށީ ކައުންސިލް އިދާރާއިންނެވެ.

ދާދި ފަހުން ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ތުއްތު ކުއްޖަކަށް އެކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވުމާއެކު އެކަމާ ދެކޮޅަށް ގިނަ ރަށްތަކެއްގައި އަންނަނީ އަޑުއުފުލައި ހިނގާލުން ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355