ކުޅުދުއްފުށީ އެއާޕޯޓްގައި މިދިޔައަހަރުގެ ސެޕްޓެމްބަރުމަހު ހަދަން ބަޔަކާއި ހަވާލުކޮށްފައިވާ ރެސްޓޯރަންޓްގެ މަސައްކަތް ހުއްޓިއްޖެ އެވެ.
ޕަބްލިކު ފާހާނާ އާއި މީހުން މަޑުކޮށްލެވޭ ގޮތަށް ރެސްޓޯރަންޓަކާއެކު ތަރައްގީކުރުމަށް ހަވާލުކުރި މި ރެސްޓޯރަންޓްގެ މަސައްކަތް ހުއްޓިފައިވަނީ އެކަން ހަވާލުކުރި ފަރާތުން މަސައްކަތް ކުރަމުންނުދާތީ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މައުލޫމާތުދެ އެވެ.
ފައުންޑޭޝަން އެޅުމަށްޓަކާ ކޮނުން ފިޔަވާ އިތުރު ކަމެއް އެތާގައި ކޮށްފައެއް ނުވެ އެވެ.
މިކަމާގުޅިގެން ކޭއޯއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރީޖަނަލް އެއާޕޯޓްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ އަހަރުގެ ކުޅުދުއްފުށީ އެއާޕޯޓްގެ ރެސްޓޯރަންޓް ހެދުމަށް ޓަކައި ސެޕްޓެމްބަރުމަހު އެމަސައްކަތް ކުރުމަށްޓަކައި ކޮންޓްރެކްޓަރަކާއި ހަވާލުކުރިނަމަވެސް އެމަސައްކަތް އެއްވެސް ވަރަކަށް ކުރަމުން ނުދާތީ ނޮވެމްބަރުމަހު ވާނީ ރީޖަނަލް އެއާޕޯޓާއި އެފަރާތާ އެކުވެފައިވާ އެއްބަސްވުން ބާތިލުކޮށްފަ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަހަރަށް ފިނޭންސުން ބަޖެޓް ހަމަނުޖެހޭތީ އެއާޕޯޓްގައި ހަދަން ހަމަޖެހިފައިވާ ރެސްޓޯރަންޓްގެ މަސައްކަތް އެހެން ބަޔަކާ އަދި ހަވާލު ނުކުރެވޭ ކަމަށެވެ. އެހެންނަމަވެސް މިއަހަރަށް ބަޖެޓް ހަމަޖެހުމާއެކު ކުޅުދުއްފުށީ އެއާޕޯޓްގެ ރެސްޓޯރަންޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބަޔަކާއި ހަވާލު ކުރެވިގެންދާނެ ކަމަށެވެ.
"ރެސްޓޯރެންޓްގެ މަސައްކަތު ކޮންޓްރެކްޓަރު ކަލެކްޓިން ކޮމްޕެނީއާ މަސައްކަތް ހަވާލުކުރެވިފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރުމަހު 1،927،910،90 (ނަވާރަލައްކަ ހަތާވީސް ހާސް ނުވަސަތޭކަދިހަރުފިޔާ ނުވަދިހަލާރިއަށް) 150 ދުވަސް ތެރޭގައި އެމަސައްކަތް ނިންމުމަށް. އެހެންނަމަވެސް ކޮންޓްރެކްޓަރު އެ މަސައްކަތް ކުރިއަށް ނުގެންދާތީ މިހާރުވާނީ އަޅުގަނޑުމެންނާއި އެފަރާތާއެކު ވެފައިވާ އެގްރީމެންޓް ބާތިލް ކޮށްފައި." މީޑިއާ އޮފިޝަލް ވިދާޅުވީ އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގައި ކެންޓީނެއް ހެދުމަށް އިއުލާން ކުރެވިގެން ދިޔައީ 2019 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު އެވެ. މުއްދަތު ހަމަވީއިރު މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަންފާޅުކޮށް ފަސްފަރާތަކުން ބިޑް ހުށައަޅާފައިވާ ރީޖަނަލް އެއާޕޯޓްސް މީގެ ކުރިން ވަނީ ބުނެފައެވެ.
ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރަންޓް ހެދިގެންދާއިރު އެއާޕޯޓްގެ ބޭނުމަށް އަންނަ ފަރާތްތައް މަޑުކޮށްލެވޭނެ އޭރިޔާއަކާއި ޕަބްލިކް ފާހާނާގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކުރެވިފައިވާ ފާހާނައަކާއި ކުޑަކުދިންނާއެކު މައިންނަށް ހާއްސަކުރެވިފައިވާ ބައެއް ހެދިގެންދާނެކަމަށް މީގެ ކުރިން ވަނީ ،ރީޖަނަލް އެއާޕޯޓުން ބުނެފައެވެ.
ކުޅުދުއްފުށީ އެއާޕޯޓަކީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއެކު މިހާރުވެސް ހިދުމަތް ދެމުންދާ އެއާޕޯޓްކެވެ.