twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ސްރީލަންކާއިން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ

ނަބީލާ އިސްމާޢީލް
Jan 27, 2020

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު އަވަށްޓެރި ސްރީލަންކާއިން ފެނިފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

ސްރީލަންކާގެ ހެލްތް ޕްރޮޓެކްޝަން ބިއުރޯއިން ބުނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ސްރީލަންކާއިން ފެނުނު ނަމަވެސް އެ ވައިރަސް އެ ގައުމުގައި އިތުރަށް ފެތުރިގެން ދިޔުމުގެ ފުރުސަތެއް އަދި ނެތެވެ.

އެހެން ކަމުން އާންމުން ކަންބޮޑުނުވުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފަ އެވެ. އަދި އެ ރޯގާ އިތުރަށް ފެތުރިގެން ނުދިޔުމަށް އަޅަން ޖެހޭ އެންމެ ފިޔަވަޅު އަޅާފައިވާ ކަމުގެ ޔަގީންކަން ވެސް އެ އިދާރާއިން ދީފައިވާ ކަމަށް މީޑީއާތައް ބުނެވެ.

ލަންކާގެ މީޑިއާތައް ބުނާ ގޮތުގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ ޗައިނާގެ ހުބޭ ޕްރޮވިންސުން ލަންކާއަށް އެތެރެވި ޗައިނާގެ އަންހެނެކަމަށެވެ. އަދި އެމީހާއަށް މިހާރު ދަނީ ލަންކާގެ އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އަދި އެ ރޯގާގެ އަލާމާތްތަކެއް ހުރުމުން އެންމެ ފުރަތަމަ ހެދި ޓެސްޓްތަކުން އެ މީހާ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ. އެހެން ނަމަވެސް އިތުރު ޓެސްޓްތަކުން ވަނީ އޭނާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ޔަގީން ކުރެވިފައި ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުން ބުންޏެވެ.

ޗައިނާގެ ހޫބެއި ޕްރޮވިންސުގައި އޮންނަ ވޫހާން ސިޓީން ފުރަތަމަ ފެތުރެން ފެށި ކޮރޯނާވައިރަސްއަށް މިހާރު 2000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު އޭގެ ސަބަބުން 81 މީހަކު ވަނީ މަރުވެފަ އެވެ.

ސްރީލަންކާގެ މައި އެއާޕޯޓްކަމަށްވާ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވާ މީހުން ކޮރޯނާ ވައިރަސްއަށް އަންނަނީ ސްކްރީން ކުރަމުންނެވެ. އަދި ޗައިނާއިން އެ ގައުމަށް އެތެރެވާ މީހުން ހާއްސަ ޓާމިނަލްއަކަށް ގެންގޮސް، އެ ބައްޔަށް އަންނަނީ ވަކިން ސްކްރީން ކުރަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެ ވައިރަހުގެ ސަބަބުން ޗައިނާގައި ސިއްހީ ކުއްލި ހާލަތެއް އިއުލާނުކުރަން ޖެހުނު ނަމަވެސް އަދި ބައިނަލްއަގުވާމީ ގޮތުން ސިއްހީ ކުއްލި ހާލަތެއް އިއުލާން ކުރަން ނުޖެހޭކަމަށް ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355