ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައިޓް ހޮނަރަބަލް ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލަންޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޯނުން ގުޅުއްވާ ދިވެހިރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅުމުގެ ހަބަރު ދެއްވައިފިއެވެ.
މިކަމާގުޅިގެން ރައީސް ދެއްކެވި ވާހަކަ ގައި ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމުގެ އުފާ ފާޅުކުރައްވައި އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުގައި ވެސް ހިމެނޭ މިކަމުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއަޓާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ދިވެހި ސަރުކާރަށް ދެއްވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަގައި ރާއްޖެއިން ކޮމަންވެލްތާއި ގުޅިފައިވަނީ ކޮމަންވެލްތުގެ 54 ވަނަ މެންބަރު ގައުމުގެ ގޮތުގައިކަން ފާހަގަކުރައްވައި ކޮމަންވެލްތުގެ ޗާޓަރާއި ހަރާރޭ ޑިކްލެރޭޝަނާއި އެއްގޮތަށް އިންސާނީ ހައްޤުތައް ރައްކާތެރިކުރުމާއި ސިޔާސީ މިނިވަންކަމާއި ޑިކޮމްރަސީގެ އުސޫލުތައް ދެމެހެއްޓުމަށް ރާއްޖެއިން ގަދައަޅާ މަސައްކަތްކުރާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ރައީސްގެވާހަކާގައި ކޮމަންވެލްތުގެ މައިގަނޑު އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން ރާއްޖެއިން ބައިނަލްއަގުވާމީ ކަންކަމުގައި ކޮމަންވެލްތުގެ މެންބަރު އެހެން ގައުމުތަކާއި އެކު މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.
ކޮމަންވެލްތަކީ ތަފާތު ބަސްބަހުން ވާހަކަދައްކާ ނަސްލުތަކާއި ސަޤާފަތް އެކުލެވޭ ފަންސާހަށްވުރެ ގިނަ މެންބަރު ގައުމުގެ މައްޗަށް އެކުލެވިގެންވާ ކޮމަންވެލްތުގެ ޗާޓަރާއި ހަރާރޭ ޑެކްލެރޭޝަންގައިވާ ގޮތަށް ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކަށް ތަބާވާ މެންބަރުން ހިމެނޭ ބައިނަލްއަގުވާމީ ޖަމުއިއްޔާއެކެވެ.