twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޑިމޮކްރެސީ ގެނައީ ހުޅަނގުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާކަށް ނޫނެވެ

Feb 10, 2020
2

ޒަމާންތަކަކަށް ދެމިގެންދިޔަ ހަމަނުޖެހުމާއި، މުޒާހަރާކުރުމާއި، ޖަލުގެ އަނިޔާއަށްފަހު މިއަދު ދިވެހި ޤައުމު މިވަނީ ޑިމޮކްރެސީގެ އަލިން އުޖާލާވެ ނިމިފައެވެ. ސިޔާސީ ގޮތުން ޚިޔާލު ތަފާތުންވުން ހުއްޓެއްކަމަކު، ޑިމޮކްރެސީގެ އަސާސްތަކަކީ މިއަދު ދިވެހިން ބަލައިގަނެފައިވާ ކަންކަމެވެ. އަދި މިޑިމޮކްރަސީއާއެކު ލިބިގެންދިޔަ ހައްޤުތަކާއި، ބާރުތަކާއި، މިނިވަންކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ މުޅިން އައު ވައްޓަފާޅިއަކީވެސް ނުހަނު އުފަލުންތިބެ މިއަދު ދިވެހިން އޭގެ ބޭނުންކުރާ ކަންކަމެވެ. ބުނަން ބޭނުންވި އެއްޗެއް ބުނެވެއެވެ. ލިޔަންބޭނުންވި އެއްޗެއް ލިޔެވެއެވެ. ބޭނުންވި ކޮންމެ މަގާމަކަށް ކުރިމަތިލެވެެއެވެ. ތާއީދު ކުރަން ބޭނުންވި މީހަކަށް ތާއީދުވެސް ކުރެވެއެވެ. ހައްތަހާވެސް ޑިމޮކްރެސީގެ ސަބަބުންނެވެ.

ޑިމޮކްރެސީގެ އަސާސްތައް

ނަމަވެސް މިމޮޅު ޑިމޮކްރެސީ އަކީ ދިވެހިންގެ ވިސްނުމާއި ހިތްވަރުން ވުޖޫދަށްގެނައި ދައުލަތް ހިންގުމުގެ ނިޒާމެއްނޫނެވެ. މިއަދު ދުނިޔެ މިދެކޭފަދަ ޒަމާނީ ޑިމޮކްރެސީއެއް ފުރަތަމަ ފެށިގެންއައީ އެމެރިކާއިން މީގެ 219 އަހަރު ކުރިންނެވެ. އެހެންކަމަށް ވާނަމަ ދިވެހިން އަމަލުކުރަމުން މިދާ ނިޒާމަކީ ހުޅަނގަށް އެކަށިގެންވާގޮތަށް، ހުޅަނގުގެ ވިސްނުންތަކަށް ޖާގަލިބޭގޮޮތަށް ބައްޓަންވެގެން އައިސްފައިވާ ނިޒާމެކެވެ.

ދިވެހިންނަށް ޑިމޮކްރެސީގެ އަސާސްތައް ކިޔައިދޭނަމަ ޑިމޮކްރެސީއަކީ ދުލާއި ގަލަމުގެ މިނިވަންކަމެވެ. އެއްވެ އުޅުމުގެ މިނިވަންކަމެވެ. ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމެވެ. މިނިވަން އިންސާފުވެރި އިންތިހާބު ބޭއްވުމެވެ. ތިން ބާރު ވަކިވުމެވެ. ޤާނޫނުތައް ތަންފީޒު ކުރެވުމެވެ. ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމު ކުރެވުމެވެ. ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަހާއި އެއްގޮތަށް އަމަލުކުރެވުމެވެ. އަދި ރައްޔިތުންނަށް މިނިވަންކަމާއިއެކު ކަންކަމާއިމެދު ވިސްނާ، އަމިއްލަޔަށް ނިންމުންތައް ނިންމުމުގެ ބާރު ލިބިދިނުމެވެ.

ހުޅަނގުގެ ޑިމޮކްރެސީ އާއި ދިވެހިރާއްޖޭގެ ޑިމޮކްރެސީ

އެމެރިކާއަށް ބަލާއިރު އެޤައުމުގެ ރައްޔިތުންނަށް ލިބިދީފައިވާ ގިނަ ހައްޤުތައް ފެށިގެން އަންނަނީ ޑިމޮކްރެސީގެ މިދެންނެވުނު އަސާސްތަކުގެ ތެރެއިންނެވެ. ބޭނުންވެއްޖެ ދީނެއް ޤަބޫލު ކުރުމާއި، އުފެއްދުމުގެ ހައްޤުވެސް އޮވެއެވެ. ބޭނުން ޖިންސެއްގެ މީހެއްގެ ގޮތުގައި ހެދުންއަޅާ އުޅެވެއެވެ. އުމުރު ހަމަވާނަމަ ބޭނުންވެއްޖެ މީހަކާއެކު ބޭނުންވެއްޖެ ގުޅުމެއް ބޭއްވެއެވެ. އަދި ނުވިތަނަކަށް ކަޅު މީހުންނާއި ހުދު މީހުންނާދެމެދު ހަމަހަމަކަން ޤާއިމު ކުރުމުގެ ނަމުގައި ބައެއް ކަހަލަ ޑްރަގަކީވެސް ބައެއް ސްޓޭޓްތަކުގައި ހުއްދަ އެއްޗެއްސެވެ. މިއީ ޑިމޮކްރެސީގެ މޮޅުކަމެވެ. އެއިން ލިއްބައިދޭ ހިފެހެއްޓުމެއް ނެތް މިނިވަން ކަމެވެ.

ނަމަވެސް އޮޅުވާ ނުލައްވާށެވެ. އެއީ އެމެރިކާއެވެ. މިއީ ދިވެހިރާއްޖެއެވެ. މިއީ ކުޑަކުޑަ މުސްލިމު ޤައުމެކެވެ. މިތަނުގެ ޤާނޫނުތައް ހެދިފައި ހުރީވެސް ހަމައެކަނި މުސްލިމުންނަށް ޖާގަ ލިބޭ ގޮތަށެވެ. ހުރިހާ ބާވަތެއްގެ މިނިވަންކަންވެސް ލިބެން އޮތީ އިސްލާމީ ހުދޫދުގެ ތެރެއިންނެވެ. އެނޫން ގޮތަކަށް ޤާނޫނު ބަދަލުކުރާކަށް ލާހިކެއްވެސް ނޫނެވެ. ބަޔަކު ކިތަންމެ ވިޔާނުދާކޮށް އުޅުނަސް، ކިތައްމެ ބޭނުން ނުވިޔަސް މިތަނުގައި ގިނައީ މުސްލިމުންނެވެ. ނަމަވެސް ބައެއް ސިޔާސީ ވެރިންގެ ހަނދާނުން މިކަން ކައްސާލާފައިވާ ކަހަލައެވެ. ހުޅަނގުގައި ކަންހިނގާހާ އުސޫލަކުން ރާއްޖޭގައިވެސް ކަންހިނގަންޖެހޭނޭ ހީވާ ކަހަލައެވެ. ހުޅަނގުގައި ބަޔަކަށް ލިބިދީފައިވާ މިނިވަން ކަމެއްނަމަ ދިވެހިންނަށްވެސް، އަދި ދިވެހި ޤައުމުގައި އުޅޭ އެންމެންނަށްވެސް ލިބެން ޖެހޭނޭ ހީވާ ކަހަލައެވެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި އެމް.ޑީ.އެންގެ ރިޕޯޓާއިމެދު ނުރުހުމުގެ ބަހެއް ނުބުނެވުނީ އެހެންވެގެންނެވެ. އެލިޔުނު މީހުން ބޭނުންކުރީ އެމީހުންގެ ދުލާއި ގަލަމުގެ މިނިވަންކަންތާއެވެ. އެމީހުން ވަކާލާތު ކުރަނީ ދީނީ މިނިވަންކަމަށްތާއެވެ. އެއީ ހިފެހެއްޓުމެއްނެތް ޑިމޮކްރެސީއެއްގައި ނަމަ އެމީހުންނަށް ކަށަވަރުވެފައި އޮންނަންޖެހޭނެ މިނިވަންކަމެވެ. އަދި އެއީ އެކަންކަމާމެދު ދިވެހި ދައުލަތުން މާފާޅުގައި ދެކޮޅު ހަދާ، މާހަރުކަށި ފިޔަވަޅު އަޅާނަމަ ދިވެހިންގެ އެކުވެރި ޑިމޮކްރެޓިކް ޤައުމުތަކުން ނުރުހުންވާނެ ފަދަ ކަންކަމެވެ. އެމީހުންގެ ނަޒަރުގައި ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ އަގު ވެއްޓިދާނެފަދަ ކަންކަމެވެ.

މާފުށީގައި ފަތުރުވެރިޔާ ހައްޔަރުކުރުން

މާފުށީގައި ފަތުރުވެރިޔާ ހައްޔަރުކުރި ގޮތް ކަމުނުގޮސްގެން މިއުޅެނީވެސް އެހެންވެގެން ކަމުގައި ވެދާނެއެވެ. ހިފެހެއްޓުމެއްނެތް ހުޅަނގުގެ ޑިމޮކްރެސީ ބަޔާންކުރާ ގޮތުންނަމަ އެމީހަކު ލާނެ އެއްޗެއް ލުމުގެ މިނިވަންކަންވެސް އޮންނަންވާނެ ތާއެވެ. އަދި ވަކިން ހާއްސަކޮށް ޗުއްޓީ ހޭދަކުރާ މީހަކު އެގޮތަށް ހެދުންއެޅުމަކީ އެމީހުންގެ ނަޒަރުގައި ވަރަށް އާދައިގެ ކަމެކެވެ. އެފަދަ "ކުޑަކުޑަ" ކަމެއްގައި ރާއްޖޭގެ ފުލުހުން އެވަރަށް ބާރުގެ ބޭނުންކުރިކަން އެނގުމުން ހުޅަނގުގައިތިބި އެކުވެރި ޤައުމަތައް ކޯފާވެދާނެއެވެ. އަދި ދިވެހިރާއްޖޭގައި ލިބެންޖެހޭ މިންވަރަށް އަދިވެސް ހައްޤުތައް ނުލިބޭކަމަށް ބުނެ ދިވެހިންގެ، އަދި މިއަދުގެ ވެރިންގެ އަގުވެސް ވައްޓާލަފާނެއެވެ.

އެކަމަކު ވިސްނަވާށެވެ. ދިވެހިރާއްޖެއަކީ އަމިއްލަ މިނިވަންކަމާއި ސިޔާދަތެއް އޮތް ވަކި ޤައުމެވެ. މިޤައުމުގައި ހިންގާނީ ވަކި ޤާނޫނެކެވެ. މިތަނުގައި އޮންނާނީ އިސްލާމްދީނެވެ. ރާއްޖޭގައި އަމަލުކުރާ ޤާނޫނުތަކާ ޚިލާފުވެވުނީމަ އެއޮތީ ކުށްކުރެވިފައެވެ. އެއޮތީ ގޯސް ހެދިފައެވެ. އެހިސާބުން ކުށްކުރި މީހެއްގެ މޫނަކަށް އަދި ކުރި ކުށަކަށްވެސް ބަލާކަށް ނުޖޭހެނެއެވެ. ޤާނޫނުގެ ބާރު ހިނގަންޖެހޭނެއެވެ. ބަޔަކު ކިޔާނެ އެއްޗަކަށް އަދި ނުދީ ހިފަހައްޓަފާނެ އެހީއަކަށްވެސް ބަލާކަށް ނުޖެހެއެވެ. މިތަނުގައި ހެދިފައި ހުރި ޤާނޫނުތަކާއި މެދު ލަދު ގަނެ، އެޔަށް އަމަލު ކުރަން ނުކެރި، ފަސްޖެހި، ހުޅަނގުގެ ކުރިމަތީގައި ކުޑަކަކޫ ޖަހަންޖެހޭ ފެންވަރަކަށް އަދި ދިވެހިންނެއް ނުދެއެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ވެރިންނަކީ މިޤައުމުގެ އަމިއްލަވަންތަކަމާއި، ދީނާއި، މިނިވަންކަމާއި ޤައުމިއްޔަތާމެދު ފަޚުރުވެރިވާ ބަޔަކަށްވާންޖެހެއެވެ. އަދި އިސްލާމީ ވަހުދަތު ނަގަހައްޓާ، ދަމަހައްޓާނެ ބަޔަކަށް ވާންޖެހެވެ.

ލިޔުނީ: ނޫނުހާ
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355