ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ދިމާވާ ދަތިތަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ކުޅިވަރު ކުރިއެރުވުމުގައި އެސޯސިއޭޝަންތަކަށް ދިމާވާ ދަތިތަކާއި އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ. މިގޮތުން ތައުލީމީ ދާއިރާގައި ސްކޫލް ކުދިންނާ ގުޅޭ ކުޅިވަރާބެހޭ މުހިންމު ނިންމުންތައް ނިންމުމުގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ ބަހެއް ހޯދުމުގެ މުހިންމުކަން އެންމެހައި ބައިވެރިން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ވޭތުވެދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރަށް ގިނަ ގުނަ ކާމިޔާބީތަކެއް ހާސިލްކުރެވުނު އަހަރެއްކަން ފާހަގަކުރައްވާ ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބް ޖަމުއިއްޔާތަކާއި އަމިއްލަ ފަރުދުން އަދި ކުޅިވަރު ކުޅުންތެރިން މި ކާމިޔާބީ ހާސިލުކުރުމުގައި ކުރެއްވެވި ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
ނައިބުގެ ވާހަކަފުޅުގައި ރާއްޖޭގެ އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައްޔާއި ދިމާވާ އެކި ކަހަލަ މައްސަލަތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމުގައި ކުޅިވަރު އެސޯސިއޭޝަންތަކުން މުހިންމު ދައުރެއް އަދާކުރެއްވޭނެކަން ފާހަގަކުރައްވާ އެންމެން ގުޅިގެން މުޖުތަމައަށް ފައިދާކުރަނިވި ގޮތަކަށް މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކުޅިވަރު އެސޯސިއޭޝަންތަކުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން ހައްލުހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުންކަމުގައި ވާއިރު ކުޅިވަރު ކުރިއެރުވުމަކީ މިސަރުކާރުން ހާއްސަ އިސްކަމެއްދޭ ދާއިރާއެއްކަމުގަ ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.