twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނެއް އެކުލަވާލައިފި

ޚަދީޖާ އާދަމް
Feb 20, 2020

"ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފައްދަވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުމާއި އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ މަގްސަދުގައެވެ.

މި ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަގްސަދަކީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމާއި ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރުމެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ ބޭފުޅުންނަކީ:

1. ޑޮކްޓަރ އާފިޔާ އަލީ (ވާރުގެ، ސ. ހުޅުދޫ)

2. ޑޮކްޓަރ އަބްދުލްމަލިކް (މއ. ކޮށީގެ)

3. އަލްއުސްތާޛު އަބްދުﷲ ރާބިއު (ގަލްގާސްގެ، ކ. ދިއްފުށި)

4. އަލްއުސްތާޛާ މާޒިޔާ އަބްދުއްސައްތާރު (ގ. ސާޔާ)

5. މިސްޓަރ ނިކޮލަސް ރިޗަރޑް ކައުދަރީ (އޮސްޓްރޭލިއާ)

މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ. އަދި ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި އިގްތިސާދީ ހާލަތާއި އިޖުތިމާއީ ހާލަތާއި ކުށްކުރާން ނުވަތަ އަނިޔާލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި އަނިޔާލިބުނު ކުދިންގެ މިހާރު ހާލަތާއިބެހޭ މަޢުލޫމާތު އެއްކޮށް ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.

އީސުލްޖުމްހޫރިއްޔާ މިއަދު އުފެއްދެވި ރިޔާސީ ކޮމިޝަނުން ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ދިރާސާކޮށް ދިރާސާގެ ހޯދުންތަކުން ވަޒަންކުރެވޭ ކަންކަމާއިމެދު ކަމާއިބެހޭ މުއައްސަސާތަކުން އަޅާންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް ތައުޒިޔާތައް ހިމެނޭ ތަފުސީލީ ރިޕޯޓެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355