twitterviber whatsapp telegramfacebookyoutube instagram
25th April 2024

ލަންކާގައި ދިން ބޮމުގެ މައްސަލާއާ ގުޅުން ހުރި ހަތަރު ދިވެހިން ހޯދަނީ

Feb 21, 2020

މިދިޔަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅުން ހުރި ހަތަރު ދިވެއްސަކު އެބަ އުޅޭ ކަމަށާއި އެ މީހުން އަދި ހައްޔަރުކުރެވިފައި ނުވާ ކަމަށް ލަންކާ ފުލުހުން ބުނެފި އެވެ.

ލަންކާގެ ލަގްޒަރީ ބައެއް ހޮޓާތަކާއި ކްރިސްޓިއަން ފައްޅިތަކެއްގައި އަމިއްލަ އަށް މަރުވެގެން ބޮން ގޮވައި 259 މީހަކު މަރާލި މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ބުދަ ދުވަހު ލަންކާ ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އަޖިތު ރޮހާނާ ވިދާޅުވީ ހޯދަން ބޭނުންވާ ހަތަރު ދިވެހިންގެ ތެރެއިން ދެ މީހަކު މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެ.

ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައި ތިބި 153 މީހުންގެ ތެރޭގައި މިހާރުވެސް ހަތަރު ދިވެއްސަކު ވެސް ހިމެނޭ ކަމަށް ރިޕޯޓު ކޮށްފައިވާއިރު ލަންކާ ފުލުހުން ބުނީ ހަމަލާއާ ގުޅުން ހުރެގެން ހޯދާ އެއްވެސް ދިވެއްސަކު އަދި ހައްޔަރުކުރެވިފައި ނުވާ ކަމަށެވެ.

ލަންކާގެ "ދި އައިލެންޑް" ނޫހުން ކުރި ސުވާލަކާ ގުޅިގެން ރޮހާނާ ވިދާޅުވީ މި ދިވެހިންނަކީ ނެޝަނަލް ތައުހީދު ޖަމާއަތުން ދިން ހަމަލާތަކާ ގުޅިގެން ފެށި ތަހުގީގައި، ހަމަލާއާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅުން ހުރި ގާނޫނާ ހިލާފް ކަންކަމުގައި ބައިވެރިވެފައިވާ ބައެއްކަން އެނގިފައިވާ ކަމަށެވެ.

ލަންކާ ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ވަނީ، ޝައްކުކުރެވޭ ދިވެހިންނަކީ އައިސިސްއާ ގުޅުން ހުރި ބައެއްތޯ ސުވާލުކޮށްފަ އެވެ. ރޮހާނާ ވިދާޅުވީ އެއީ "އައިސިސްގެ ފިކުރަށް އުޅޭ ބައެއް" ކަމަށެވެ. އަދި ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައި ތިބި ލަންކާ މީހުންގެ ތެރޭގައި ހަތިޔާރު ގެންގުޅުމުގެ ތަމްރީން ސީރިއާގައި ހޯދާފައިވާ މީހުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ވެސް ބުނީ ހަމަލާގެ ތުހުމަތަށް އެއްވެސް ދިވެއްސަކު ލަންކާގައި ހައްޔަރުކޮށްފައި ނެތް ކަމަށް އެ ގައުމުން ބުނެފައިވާ ކަމަށެވެ. އަދި ހަމަލާއާ އެއްވެސް ދިވެއްސަކާ ގުޅުން އޮތްކަން ލަންކާގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ދިވެހި ފުލުހުންނަށް ކަށަވަރުކޮށްދީފައި ނެތް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355