މި ސަރުކާރުން ކައުންސިލުތަކަށް ބާރުދީ، ރަށްރަށުގެ ކަންތައްތައް ހަމަޖެއްސޭނެ ބަޖެޓެއް ދީފައިވާއިރު ކުޅުދުއްފުއްޓަށް ދިމާވެފައިވާ މައްސަަލަތައް މި ސަރުކާރާ ގުޅިގެން ހައްލު ކުރާނެ ގޮތުގެ ސާފު މަންޒަރު ފެންނަ ކަމަށް އެމްޑީޕީ ޓިކެޓުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށިގައި ރޭ ބޭއްވި އެމްޑީޕީ "ރަށްވެހި ފަތިސް" ޖަލްސާގައި ވާހަަކަ ދައްކަވަމުން އާތިފް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ބާރުތައް މަރުކަޒީ ކުރުމުގެ ސިޔާސަތު ގެންގުޅު ނަމަވެސް އަދު ސަރުކާރުން އެ ކަންކަން އިސްލާހުކޮށް ކައުންސިލުތަކަށް މިވަނީ ބާރުތައް ދީފައިކަަމަށެވެ.
އަދި މިހާރު ނިންމަން ވީ މި ސިޓީ އޮންނަވީ ބޭނުންވާ ހިސާބެއް ކަމަށާއި މިކަން ކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުން ކަމަށާއި މި ޕްލޭންގައި ކުޅުދުއްފުށީ ލޭންޑް ޔޫސް ޕްލޭނާއި ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ހައްލު އޮންނަޖެހޭނެ ކަމަށެވެ. އަދި މިސިޓީ އިގްތިސާދީ ގޮތުން ކުރިއަށް ދެވޭނެ ގޮތްތައް ވެސް އޮންނަ ޖެހޭނެކަމަށް އާތިފް ވިދާޅުވި އެވެ.
""އަޅުގަނޑުމެން މިހާރު ނިންމަންވީ ކުރިއަށް އޮތް ދިހަ އަަހަރު ނުވަތަ ވިހި އަހަރު އަޅުގަނޑުމެން ދާނެ މަންޒިލެއް. މި ސިޓީ އޮންނަން ބޭނުންވާ ހިސާބެއް. މިކަން ކުުރުމަށް އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުޅުދުއްފުށީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުން"އާތިފް
ކުޅުދުއްފުއްޓަކީ އެތަކެއް ބޮޑެތި ވަސީލަތްތަކެއް ހުރި ރަށެއްކަން ފާހަގަ ކުރައްވާ އާތިފް ވިދާޅުވީ އެ ވަސީލަތްތައް އެންމެ އެކަށީގެން ވާ ގޮތުގައި ބޭނުން ކުރެއްވިއްޖެނަމަ މިސަރަހައްދުގެ ރައްޔިތުންނާއެކު ކުޅުދުއްފުށި ސިޓީ ވިޔަފާރީގެ މައި ސިޓީއަކަށް ހެދިދާނެ ކަމަށާއި މި ސިޓީއަކީ ރާއްޖެއަށް ނަމޫނާ ވިޔަފާރީގެ މަރުކަޒަކަށް ހެދިދާނެ ކަމަށެވެ.
މި ސަރުކާރުން ޕްލޭންކޮށްފައިވާ އުތުރުގެ ތަަރައްގީގެ ނާރެހެއްގެ ގޮތުގައި ކުޅުދުއްފުށީ ސިޓީ ތަރައްގީ ކުރެވޭނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ކަމަށާއި ލާމަރުކަޒީ ނިޒާމަކީ އެހެން ބަޔަަކަށް އެނގޭނެ ނިޒާމެއް ނޫންކަމަށްވެސް އާތިފް ވިދާޅުވި އެވެ.