twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޮރޯނާ ވައިރަސްއާ ގުޅޭ ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

ޚަދީޖާ އާދަމް
Mar 3, 2020

ކޮރޯނާވައިރަސްއާ ގުޅޭގޮތުން ހަގީގަތާ ހިލާފް ދޮގު މައުލޫމާތު ނުފެތުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ.

ރާއްޖެއިން ކޮރޯނާވައިރަސްހުރި މީހަކު ފެނިއްޖެ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތަކާ ގުޅިގެން ފޯސްޓަށް ރައްދު ދީ އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މާޗްމަހުގެ 3 ވަނަ ދުވަހުގެ ރޭގަނޑު 7:00 އާ ހަމައަށް، ވައިރަސްއަށް ޕޮޒިޓިވްވެފައިވާ އެއްވެސް މީހަކު ރާއްޖެއިން ފެނިފައި ނުވާކަމަށެވެ.

ކޮރޯނާވައިރަސް ފެތުރެމުންދާ މި ނާޒުކު ވަގުތުގައި ވައިރަސްއާ ގުޅޭގޮތުން އާންމުންގެ މެދުގައި ޝައްކާއި ބިރުވެރިކަން އުފެދޭގޮތަށް ދޮގު ހަބަރާއި މައުލޫމާތު އާންމުކުރާ ފަރާތްތަކާ ދެމެދު ދުނިޔޭގެ ގައުމުތަކުން ވަރަށް ހަރުކަށި ފިޔަވަޅުތައް ގެންދަނީ އަޅަމުންނެވެ.

ވައިރަސްއާ ދެކޮޅަށް އެދެވޭގޮތެއްގައި މަސައްކަތް ކުރުމުގައި އެޗްޕީއޭއިން އަންގާ ގޮތްތަކަށް ކަންކަން ކުރުމަށާއި، އެޗްޕީއޭއިން ހާމަކުރާ މައުލޫމާތުތައް އާންމުކުރުމަށް ޓްވީޓްގައި އެދިފައި ވެއެވެ. އަދި ދޮގު މައުލޫމާތު ފެތުރުގައި ބައިވެރި ނުވުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.

ކޮރޯނާވައިރަސް އަތުވެދާނެ ހާލަތުގައި އެކަމަށް ފުރިހަމައަށް ތައްޔާރުވެ ތިބުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދުވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ޑްރިލްއެއް ކުރިއަށް ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355