ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ހއ. އިހަވަންދޫގައި ޒަމާނީ ފެންވަރުގެ އާ އޮފީހެއް އިމާރާތެއް އަޅަން ނިންމާ އެކަން ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.
ފެނަކާގެ އޮފިޝަލަކު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިހަވަންދޫގައި އަޅަން ނިންމާފައިވަނީ ޒަމާނީ ފެންވަރުގެ ތިން ބުރީގެ އޮފީސް އިމާރާތެއް ކަމަށާ އެ އޮފީސް އިމާރާތް ޑިޒައިންކޮށްފައިވަނީ ދުވާލުގެ އަލިކަން ގިނަ ވަގުތު އޮފީހަށް ލިބޭނެހެން ގިނަ އަދަދެއްގެ ބިއްލޫރި ބޭނުންކޮށްގެން ކަމަށެވެ.
އޭނާ ވިދާޅުވީ އޮފީސް އިމާރާތް އެކުލެވިގެންވަނީ އެއްފަރާ 70 އެއްހާ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ގޮތަށް ކަމަށާއި ގިނަ ބަޔަކަށް އެއްހަފަރާތް ހިދުމަތް ދެވޭނެ ހެން ނަތަނަސް ރިސެޕްޝަން އޭރިޔާއަކާއި މީޓިންގ ރޫމާއި ދެ ކޮޓަރީގެ އެކޮމޮޑޭޝަންވެސް ހިމެނޭ ގޮތަށް ކަމަށެވެ.
ފެނަކައިން ބުނީ އެކުންފުނިން ދޭ ކުރެހުމަކާއި ބީ.އޯ.ކިއު އަދި މައުލޫމާތާއި އެއްގޮތަށް އިހަވަންދޫގައި އޮފީސް އިމާރާތެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމުގަ އެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 10 ން 12 ވަނަ ދުވަހުގެ 09:00 އިން 14:00 ގައި އެ ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ގޮސް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދޭ ކަމަށެވެ. އަންދާސީ ހިސާބު ހުށައެޅުން މި މަހުގެ 17 ވަނަ ދުވަހު 13:00 އަށް ހުޅުވާލެވިފައިވާ އިރު އީމޭލް މެދުވެރިކޮށް މައުލޫމާތު ސާފު ކުރުމުގެ ސުންގަޑިއަކީ މި މަހު 15 ވަނަދުވަހުގެ 14:00 އެވެ.
މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާހާއި ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީ.ޑީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ރަޖިސްޓަރ ކުރާ ވަގުތު ހިއްސާކުރެވޭނެކަމުގައި އެކުންފުނިން ބުނެ އެވެ.
ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި އިއުލާނާ ގުޅިގެން ދޫކުރެވޭ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.